ސަރުކާރުގެ އިޤްތިސާދީ ރިކަވަރީ ޕެކޭޖްގެ ދަށުން ’ކޯވިޑް-19 ވިޔަފާރި އެހީގެ ނަމުގައި އެކި ފަންތީގެ ވިޔަފާރިތަކަށާއި، އަމިއްލަ މަސައްކަތްކުރާ މީހުންނަށް ޚާއްސަކޮށްގެން އެސް އެމް އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީއިން) ލޯނެއް ތަޢާރަފުކޮށްފިއެވެ.
އެސްޑީއެފްސީއިން ބުދަ ދުވަހުގެރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޯވިޑް-19 އާއި ގުޅިގެން، އެންމެ ކުދި ފަންތިއާއި، ކުދި ފަންތިއާއި، މެދު ފަންތީގެ ވިޔަފާރިތަކަށާއި، ޢާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތްކުރާ މީހުންނަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އިތުރު ފުރުޞަތުތަކެއް ފަހިކޮށްދިނުމަށްޓަކައި، ސަރުކާރުގެ އިޤްތިޞާދީ ރިކަވަރީ ޕެކޭޖުގެ ދަށުން ލޯނެއް ތަޢާރަފުކޮށްފައިވާކަމަށެވެ.
’ކޯވިޑް-19 ވިޔަފާރި އެހީ‘ ގެ ނަމުގައި، ތަޢާރަފުކުރި މި ލޯނަކީ، މިނިސްޓްރީ އޮފް ފިނޭންސްއާއި ގުޅިގެން ތަޢާރަފުކޮށްފައިވާ ލޯނެއްކަމަށް އެސްޑީއެފްސީއިން ބުނެއެވެ.
މި ލޯނަކީ، މިހާރު ހިނގަމުންދާ ވިޔަފާރިތަކަށް، ދުވަހުން ދުވަހަށް ބޭނުންވާ ޚަރަދުތައް ހަމަޖައްސައިދިނުމަށާއި، އެވިޔަފާރިތައް ދެމެހެއްޓުމަށް އަމާޒުކޮށްގެން، ތަޢާރަފުކޮށްފައިވާ ލޯނެއްކަމަށް ވެސް އެސްޑީއެފްސީއިން ބުނެއެވެ.
އެސްޑީއެފްސީއިން ބުނީ، ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ %6 އިންޓްރެސްޓް ރޭޓްގައި ގިނަވެގެން 3 އަހަރު ދުވަހުގެތެރޭގައި އަދާކުރާ ގޮތަށްކަމަށެވެ.
މީގެ އިތުރުން، އެސްޑީއެފުސީން ބުނީ، ލޯނުގެ ޝަރުތުތަކުގެތެރޭގައި، ވޭތުވެދިޔަ އަހަރުގައި ވިޔަފާރިން ލިބުނު ޢާމްދަނީ 10 މިލިއަންރުފިޔާއަށްވުރެ ދަށްވުމާއި، މި ހާލަތާއި ގުޅިގެން އަދި ލޯނު އެހީދޭ މުއްދަތުގެތެރޭގައި ވެސް، އެ ވިޔަފާރީގެ އެއްވެސް ދިވެހި މުވައްޒަފެއް ވަކިނުކުރުން ހިމެނޭނެކަމަށެވެ.
އެސްޑީއެފުސީއިން ހާމަކުރިގޮތުގައި، 08 އޭޕްރީލް 2020 ވަނަ ދުވަހުންފެށިގެން، މި ލޯނަށް އެޕްލައިކުރެވޭނެއެވެ. މީގެ އިތުރުން، ލޯނާއި ބެހޭ އިތުރު މަޢުލޫމާތު އެ ކޯޕަރޭޝަންގެ ވެބްސައިޓު(www.sdfc.mv) މެދުވެރިކޮށް ލިބެން ހުންނާނެކަމަށްވެސް އެސްޑީއެފުސީއިން ހާމަކުރެއެވެ.

