ކުރިއަށް އޮތް ހަފުތާއަކީ ވެސް ސަރުކާރު ބަންދު ހަފުތާއެއްކަމުގައި ސަރުކާރުން ނިންމައިފިއެވެ.
ސަރުކާރު ބަންދު ކުރަން ނިންމީ، ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޤައުމުގައި ފެތުރިގެން ހިނގައިދާނެތީއާއި، ރާއްޖޭގައި މި ވައިރަސް ޖެހޭ މީހުންގެ ޢަދަދު އިތުރުވުމުގެ ފުރުޞަތުބޮޑުކަމަށް ބެލެވޭކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ދެއްވާފައިވާ ފަންނީ ލަފަޔާއި އިރުޝާދަށް ރިޢާޔަތް ކުރެއްވުމަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންކަމަށް، ރައީސް އޮފީހުން ބުދަދުވަހުގެ ރޭ ހާމަކޮށްފައިވެއެވެ.
މި ގޮތުން، ސަރުކާރުގެ އޮފީސްތަކާއި، މަދަރުސާތަކާއި، ޔުނިވަރސިޓީތަކާއި، ކޮލެޖުތަކުގެ ކިޔެވުން ވެސް ބަންދުކުރުމަށް ވެސް ސަރުކާރުންވަނީ ނިންމާފައެވެ.
ރައީސް އޮފީހުން ބުނީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި އަޅާ ފިޔަވަޅުތަކުގެތެރެއިން، އެންމެ މުހިއްމު އެއްފިޔަވަޅަކީ، ހުރިހައި އެންމެންވެސް ގޭގައި މަޑުކުރުން ކަމަށްވާތީ، މި ދަނޑިވަޅުގައި ރާއްޖޭގެ ހުރިހައި ރައްޔިތުން ވަރަށް ޚާއްސަ ސަމާލުކަމެއްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާފައިވާ ކަމަށެވެ.
މީގެ އިތުރުން، ކޮންމެހެން މުހިއްމު ޒަރޫރީ ބޭނުމަކަށްނޫނީ، ގެއިން ބޭރަށް ނުނިކުމެ ގޭގައި މަޑުކުރުމަކީ، މި ވައިރަހުން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިއްމު، އެއް ފިޔަވަޅުކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާ ކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން އަންނަ ހަފުތާގައި ސަރުކާރުބަންދުކުރަން ނިންމާފައިވާއިރު، ވޭތުވެދިޔަ ތިން ހަފުތާގައިވެސްވަނީ ސަރުކާރު ބަންދުކޮށްފައެވެ.

