އަންނަ ހަފުތާގައި، ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖައްސަވައިފައިވީ ނަމަވެސް، ދަޢުލަތުގެ ކަމާބެހޭ އިދާރާތަކުން މެދުނުކެނޑި ރައްޔިތުންނަށް ޚިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން އިއްޔެ ބުނީ، އޭޕްރީލް މަހުގެ 12 ވަނަ ދުވަހުން ފެށިގެން އެޕްރީލް މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް، ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖައްސަވައިފައިވާ މި މުއްދަތުގެ ތެރޭގައި، ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން މިހައިތަނަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ކަނޑައަޅާފައިވާ ގޮތުގެ މަތިން ކުރިޔަށް ގެންދެވުމަށް ރައީސް ޞާލިޙު ވިދާޅުވެފައިވާކަމަށެވެ.
ރައީސް އޮފީހުން ބުނީ، ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ދެއްވައިފައިވާ ފަންނީ ލަފަޔާއި އިރުޝާދަށް ރިޢާޔަތް ކުރެއްވުމަށްފަހު، ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކުޑަކުރުމަށްޓަކައި، މި މުއްދަތުގައި ސަރުކާރުގެ އޮފީސްތައް ނުހުޅުވައި، ގޭގައި ތިބެގެން ކުރެވެންހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާކަމަށެވެ.
މި ގޮތުން، އޮފީސްތައް ނުހުޅުވާ މުއްދަތުގެތެރޭގައި، ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ފާރމަސީތަކުގެ ޚިދުމަތްތަކާއި، ފެނާއި، ކަރަންޓާއި، ނަރުދަމާގެ ޚިދުމަތްތަކާއި، ބްރޯޑްކާސްޓިންގްގެ ޚިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ރައީސް ޞާލިޙު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ފޯނާއި އިންޓަރނެޓުގެ ޚިދުމަތާއި، ބޭންކުތަކުން ދޭ ޚިދުމަތާއި، ކައްކާ ގޭހާއި ފިޔުލްގެ ޚިދުމަތާއި، ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތަކާއި، ވިޔަފާރި ބަނދަރުތަކުގެ ޚިދުމަތާއި، ކަސްޓަމްސްއާއި އިމިގްރޭޝަނާއި އޭވިއޭޝަން ކޮމާންޑުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވެސް ރައީސް ޞާލިޙު ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު، ސިފައިންނާއި ފުލުހުންގެ ޚިދުމަތާއި، ފަޔަރ އެންޑް ރެސްކިއުގެ ޚިދުމަތާއި، ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ ޚިދުމަތާއި ކޯޓުތަކުގެ ޚިދުމަތތްތަކާއި، ޚާރިޖީ ގުޅުންތަކާބެހޭ ޚިދުމަތްތަކާއި، އިޖުތިމާޢީ ރައްކައުތެރިކަން ފޯރުކޮށްދިނުމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވެސް ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ރައީސް ޞާލިޙް ވިދާޅުވީ، ދައުލަތުގެ ބެލުމުގެދަށުގައި ބައިތިއްބައިގެން މީހުންނާއި، ކުދިން ބަލަހައްޓާ މަރުކަޒުތަކުން ދޭ ޚިދުމަތްތަކާއި، ޖަލުތަކުގެ ޚިދުމަތްތަކާއި، ރަށް ކުނިކަހައި ބެލެހެއްޓުމުގެ ޚިދުމަތާއި، ކުނިނަގައި އުކައިލުމުގެ ޚިދުމަތްތަކާއި، މޫސުމާބެހޭ ޚިދުމަތްތައް ވެސް، މެދުކެނޑުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ.
މި ފިޔަވަޅުތައް ތަންފީޒުކުރުމުގެ ގޮތުން ދައުލަތުގެ އިދާރާތަކުން ކުރަންޖެހޭ އެންމެހައި ކަންކަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.
ކުރިއަށް އޮތް ހަފުތާއަކީ ކޯވިޑް-19 އާއި ގުޅިގެން، ސަރުކާރު ބަންދުކުރުމަށް ސަރުކާރުން ނިންމާފައިވާ ހަތަރުވަނަ ހަފުތާއެވެ. ވޭތުވެދިޔަ ތިން ހަފުތާގައި ސަރުކާރު ބަންދުވީ ނަމަވެސް، ދައުލަތުގެ އިދަރާތަކުންވަނީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަށް އުސޫލުގެތެރެއިން ފޯރުކޮށްދީފައެވެ.

