ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިޞާދަށް ދަތިތަކާއި ކުރިމަތިވިޔަސް މި ދަނޑިވަޅުގައި ފައިސާ ޗާޕްކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި ރާއްޖޭގެ އިގްތިސާދަށް އަންނާނެ އެންމެ ގޯސް ހާލަތަކީ މައިނަސް 17 ޕަސެންޓަށް ދިއުން ކަމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ޢަލީ ހާޝިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން އެމްއެމްއޭގެ ގަވަރުނާރާއެކު ބޭއްވި ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަބާވު ދެއްވަމުން ގަވަނަރު ވިދާޅުވީ މިހާލަތުގައި ފައިސާ ޗާޕްކުރެއްވުމުގެ އެއްވެސް ވިސްނުމެއް ނުގެން ގުޅުއްވާކަމަށެވެ. އަދި އިގްތިޞާދީ ހާލަތު އެންމެ ދަށްވާ ދަނޑިވަޅުގައިވެސް ފައިސާ ޗާޕްކުރުމަކީ، ދުނިޔޭގެ ގައުމުތަކުގެ މަރުކަޒީ ބޭންކުތަކުން ކުރާކަމެއް ނޫން ކަމަށް ގަވަނަރު ވިދާޅުވިއެވެ.
ގަވަރުނަރު ވިދާޅުވީ އިގްތިޞާދީ ގޮތުން އެންމެ ފުދުންތެރި ޤައުމުތަކުގައިވެސް ފައިސާ ޗާޕްކުރަންޖެހޭ ހާލަތެއް އަތުވެއްޖެނަމަ އެޤައުމެއްގެ އިގްތިޞާދީ ބުރަދަނަށް ރިޢާޔަތްކުރާ ކަމަށެވެ. އެގޮތުން ބޮޑެތި ޤައުމުތަކުގައި ފައިސާ ޗާޕްކުރިނަމަވެސް އެޤައުމުތަކުގައި ހުރި ވަސީލަތްތަކާއި މަސައްކަތްތައް ބޭނުންކޮށްގެން އެ ހާލަތުން އަރައިގަތުމުގެ ފުރުސަތު އޮތްކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.
ރާއްޖޭގައި ފައިސާ ޗާޕްކޮށްގެން އިގްތިޞާދީ ވަޅުގަނޑުން އަރައިގަތުމަށް ކުރެވޭނެ ކަންތައްތަކެއް ނެތްކަން ފާހަގަ ކުރައްވާ ގަވަރުނަރު ވިދާޅުވީ މިފަދަ ހާލަތެއްގައި ޕްލޭންކުރެވި ދުރާލައި ކަންކަންވާނެގޮތަކަށް ބަލައި ޕްލޭންތަކެއް ހެދުމަކީ މުހިންމުކަމެއް ކަމަށެވެ.
ގަވަރުނަރު ވިދާޅުވީ މިހާލަތުގައި ރާއްޖޭގެ އިގްތިޞާދަށް އަންނަ ބަދަލުތަކުގެ ތެރެއިން އެންމެ ގޯސްވާނެ ހާލަތަކަށްވެސް އެމްއެމްއޭއިން ޕްލޭނެއް އެކުލަވާލާފައިވާކަމަށެވެ. އެގޮތުން ރާއްޖޭގެ އިގްތިސާދަށް އަންނާނެ އެންމެ ގޯސް ހާލަތަކީ އިގްތިސާދު މައިނަސް 17 ޕަސެންޓަށް ދިއުން ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް، ސީދާކޮށް 30 ޕަސެންޓާއި ނުސީދާކޮށް 60 ޕަސެންޓް ހިއްސާކުރަނީ ޓޫރިޒަމް ދާއިރާ ކަމަށެވެ. އެހެންވުމުން ހާލަތު ރަނގަޅު ކުރުމަށް އެންމެ ފުރަތަމަ ހައްލެއް ހޯދަން ޖެހޭނީ އެ ދާއިރާއަށް ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. އަދި އެންމެ ގޯސް ހާލަތު ކަމަށް ބަލަނީ މި އަހަރުގެ އެންމެ ފަހު ކުއާޓަރާ ހަމައަށް މުޅި ގައުމު ލޮކްޑައުންއެއްގައި އޮވެ، އެއްވެސް ވަރަކަށް ޓޫރިސްޓުން ނައުމުގެ ހާލަތު ކަމަށްވެސް ގަވަނަރު ވިދާޅުވިއެވެ.
ފަހުގެ ތާރީހެއްގައި ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑު ލޮޅުމެއް އެރީ 2009 ވަނަ އަހަރު ކުރިމަތިވި ”ގްލޯބަލް ފައިނޭންޝަލް ކްރައިސިސް“ ގަ އެވެ. އެފަހަރު ރާއްޖޭގެ އިގްތިސާދު 6.6 ޕަސެންޓް މައިނަސްވި އެވެ. މިފަހަރުގެ މިޙާލަތާއި ގުޅިގެން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ލަފާކޮށްފައިވަނީ ކޮވިޑްގެ ސަބަބުން ކުރިމަތިވާ ދަތިކަމުގައި ރާއްޖޭގެ އިގްތިސާދު މައިނަސް 3 ޕަސެންޓަށް ވެއްޓޭނެ ކަމަށެވެ.

