ތިރިވަނަންތަޕޫރަމްއާއި ކޮޗިންގައި ދިރިއުޅޭ ދިވެހިންނަށް ”ކެއަރ ޕެކޭޖު“ ގެ ގޮތުގައި ގިނަވެގެން ފޮނުވޭނީ 15 ކިލޯގްރާމްގެ ތަކެތިކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
އެ މިއަދު މިނިސްޓްރީންވަނީ، ތިރިވަނަންތަޕޫރަމްއާއި ކޮޗިންގައި ދިރިއުޅޭ ދިވެހިންނަށް ”ކެއަރ ޕެކޭޖު“ ފޮނުވައިދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކަނޑައަޅާފައިވާ އުސޫލު ބަޔާންކޮށްފައެވެ.
މި ގޮތުން، އެ މިނިސްޓްރީން މިއަދު ބުނީ ކޮންމެ ޢާއިލާއަކަށް ގިނަވެގެން ފޮނުވޭނީ 15 ކިލޯގްރާމްގެ ތަކެތިކަމަށެވެ. މީގެ އިތުރުން އެ މިނިސްޓްރީން ބުނީ، ކާގޯގެ ގޮތުގައި ފޮނުވޭނީ، ތިރިވަނަންތަޕޫރަމްއާއި ކޮޗިންގައި ލިބެންނެތް ބޭހެއް ނުވަތަ އެހެނިހެންވެސް ޒަރޫރީކަމެއްގައި ފޮނުވާ ތަކެތިކަމަށެވެ.
މިއަދު މި ނެރުނު ބަޔާނުގައި އެ މިނިސްޓްރީންވަނީ، ކާގޯގެ ގޮތުގައި ފޮނުވޭނެ ތަކެއްޗާއި، ފޮނުވަން އެކަށީގެންނުވާ ތަކެތި ވެސް ބަޔާންކޮށްފައެވެ.
މި ގޮތުން ފޮނުވޭނެ ތަކެތީގެތެރޭގައި ހިމެނެނީ، މަސްދަޅު ކޭހާއި ނޫޑްލްސް ކޭހާއި، މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގައި ހުންނަ ރިހާކުރުފުޅިއާއި،މަސް ޕެކެޓާއި، ފަތް ޕެކެޓާއި، ފިހާރަތަކުން ވިއްކާ ޕެކެޓުކޮށް ބަންދުކުރެވިފައިވާ ކާބޯތަކެތީގެ ބާވަތްތަކާއި ޑޮކުޓަރުގެ ބޭސްސިޓީ ހިމެނިފައިވާ ޑޮކްޓަރީ ބޭހެވެ.
ކާގޯގެ ގޮތުގައި ނުފޮނުވޭ ތަކެއްޗަކީ، ފައިސާއާއި، ކިއްލިއާއި، ރޯމަހާއި، ހެދިކާއާއި، ތަރުކާރީއާއި މޭވާއާއި، ސިގިރޭޓާއި ދުންފަތުގެ ބާވަތްތަކާއި، ކާޑުގެ ބާވަތްތަކުގެތެރޭގައި ހިމެނޭ، ހަނޑޫ، ހަކުރު އަދި ފުށެވެ.
އެ މިނިސްޓްރީން ބުނީ، ކާގޯގެގޮތުގައި ފޮނުވަން ބޭނުންވާ ތަކެތީގެ މަޢުލޫމާތު ހިމެނޭ ފޯމު އެ މިނިސްޓްރީގެ ވެބްސައިޓް ލިންކްއިން : /https://www.foreign.gov.mv/index.php/en ލިބެން ހުންނާނެކަމަށެވެ.
އެ މިނިސްޓްރީން ބުނީ، ފޮނުވަން ބޭނުންވާ ތަކެތި ގެންނަންވާނީ ފޮށިގަނޑެއްގައިކަމަށާއި، އެއާއެކު އެޕްރޫވްކޮށްފައިވާ ފޯމު ވެސް އޮންނަންވާނެކަމަށެވެ. މީގެ އިތުރުން ބަންދު ކުރުމަށް ބޭނުންވާ ސާމާނު ވެސް ގެނައުމަށް އެ މިނިސްޓްރީންވަނީ ބުނެފައެވެ. އެ މިނިސްޓްރީން ބުނީ، ރާއްޖެއިން ފޮނުވާ ތަކެތި އިންޑިއާ ކަސްޓަމްސްއިން ކްލިއަރކުރުމަށްފަހު، ތިރިވަނަންތަޕޫރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލް އިން އެ ތަކެއްޗާއި ހަވާލުވާނެކަމަށާއި، ތަކެތި ލިބެންވީ ފަރާތާއި ހަވާލުކުރާނީ ވެސް ކޮންސިއުލޭޓް ޖެނެރަލްއިން ކަމަށެވެ.

