ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު ތިބި ކައުންސިލުތަކުގެ ދައުރުގައި ބާކީ ދެ އަހަރު އެބައޮތް: ހައިލަމް

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޤާނޫނު ހަދާ މަޖިލީހުން ލޯކަލް ކައުންސިލުތަކުގެ އިންތިޚާބާ ގުޅުވައިގެން މިވަގުތު ކުރަންޖެހޭ އެއްވެސް ކަމެއް ނެތް ކަމަށާއި ކަމެއް ކުރަންޖެހިފައި އޮތްކަމަށް ރައްޔިތުންގެ މަޖިލީހަށާއި ސަރުކާރަށާއި އިލެކްޝަންސް ކޮމިޝަނަށް ވެސް ޤަބޫލުކުރެވިފައިވަނީ ވަރަށް ބޮޑު އޮޅުމަކުންކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ. 

ހައިލަމް މިފަދައިން ވިދާޅުވެފައި މިވަނީ ޖޫން މަހުގެ ތިން ވަނަ ދުވަހަށް މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ހަމަވާތީ ކޮރޯނާ ވައިރަހުގެ ސަބަބުން ކައުންސިލް އިންތިހާބު ބާއްވާނެ ފަދަ މާހައުލެއް ނެތުމުން މިހާރު ތިބި ކައުންސިލްތަކުގެ އުމުރު ދެންމުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލަކާއި އިންތިހާބު ފަސް ކުރުމުގެ ހާއްސަ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މެމްބަރުން ތިން ދުވަސް ވެންދެން ބަހުސްތަކެއް ކޮށްފައި ވަނިކޮށެވެ. 

މިހާރުތިބި ކައުންސިލްތަކުގެ ދައުރު ހަމަވާން އަދި ދެ އަހަރު އެބައޮތް ކަމަށް ވިދާޅުވެ ހައިލަމް އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ ލިޔުމުގައި މިހާރުތިބި ކައުންސިލްތަކުގެ ދައުރު ހަމަނުވާކަން ސާބިތުކޮށް ދިނުމަށް ގިނަ ގާނޫނީ ހުއްޖަތްތަކެއް ވަނީ ދައްކަވާފައެވެ. 

https://twitter.com/AhmedHailam/status/1247916898332753921

ހައިލަމް ވިދާޅުވީ މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ޖޫން މަހުގެ ތިން ވަނަ ދުވަހަށް ހަމަވާނެ ކަމަށް ގަބޫލުކުރާ ފަރާތްތަކުން އެގޮތަށް ގަބޫލު ކުރަނީ މިހާރު ތިބި ކައުންސިލްތައް އިންތިހާބު ކުރިއިރު ކައުންސިލްތަކުގެ ދައުރަކީ ތިން އަހަރު ކަމަށް ގާނޫނުއަސާސީގެ 231 ވަނަ މާއްދާގައި އެގޮތަށް ބަޔާން ކޮށްފައި ވާތީއެވެ. އަދި ޤާނޫނުއަސާސީއަށް ގެނެވުނު 5 ވަނަ އިސްލާހުގައި ބުނާ ފަދައިން ކައުންސިލުތަކުގެ އުމުރު 5 އަހަރުދުވަސްކަމުގައި ބަލައި ގުނަންޖެހޭނީ ދެން އިންތިޚާބުކުރެވޭ ކައުންސިލުތަކުގެ އުމުރު ގުނުމުގައިކަމަށް ޤަބޫލުކުރެވޭތީ ކަމަށާއި ނަމަވެސް ޤާނޫނީ ޙަޤީޤަތަކީ އެއީއެއް ނޫން ކަމަށް ހައިލް ވިދާޅުވިއެވެ. 

އެގޮތުން ގާނޫނުއަސާސީއަށް ގެނެވުނު 5 ވަނަ އިސްލާހާއިއެކު މިހާރު ތިބި ކައުންސިލަކުގެ ދައުރު އިތުރު ދެ އަހަރަށް ދެންމިފައިވާ ކަމަށް ހައިލް ވިދާޅުވިއެވެ. ހައިލަމް ވަނީ އެކަން ސާބިތުކޮށްދެއްވުމަށް ގާނޫނީ ހުއްޖަތްތަކެއް ވެސް ދައްކަވާފައެވެ. 

ހައިލަމް ވިދާޅުވި ގޮތުގައި  އެޤާނޫނުގައި ޖުމުލަ އޮތީ 5 މާއްދާއެވެ. އެ 5 މާއްދާ ވަރަށް ސާފް ކަމަށާއި 1 ވަނަ މާއްދާއާއި 2 ވަނަ މާއްދާއިން ގެނެސްފައިވާ އިސްލާޙުގައި ބަޔާންކޮށްފައިވާ އުސޫލުތަކަކީ އިންތިޚާބު ބާއްވަންވީ ގޮތް ބަޔާންކުރާ އުސޫލުތަކެއް ކަމަށް ހައިލް ވިދާޅުވިއެވެ. ހަމައެހެންމެ  އެ ޤާނޫނުގެ 3 ވަނަ މާއްދާއިން ގެންނަ އިސްލާޙްގައި ބުނަނީ އެންމެ ވާހަކައެއް ކަމަށާއި އެއީ ކައުންސިލުތަކުގެ އުމުރު، ކުރިން 3 އަހަރުގެ ގޮތުގައި އޮތް އޮތުން 5 އަހަރު ދުވަހަށް ބަދަލުކުރެވިއްޖެ ވާހަކަކަން ހައިލަމް ފާހަގަ ކުރެއްވިއެވެ. 

ހައިލަމް ވިދާޅުވި ގޮތުގައި ގާނޫނުއަސާސީއަށް 5 ވަނަ އިސްލާހުގެ ގެނެއުމުގެ ގާނޫނުގެ 4 ވަނަ މާއްދާގައި ބުނަނީ މިޤާނޫނުގައިވާ ގޮތުގެ މަތީން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވާނީ މިޤާނޫނަށް ޢަމަލުކުރަން ފެށުމަށް ފަހު ދެން އެންމެ އަވަހަށް ބާއްވާ އިންތިޚާބެއްގައިކަމަށެވެ. އެޤާނޫނުގައި އިންތިޚާބު ބާއްވަންވީ ގޮތާ ބެހޭ ގޮތުން އުސޫލުތަކެއް ބަޔާންކުރަނީ ޤާނޫނުގެ 1 ވަނަ މާއްދާއާއި 2 ވަނަ މާއްދާއިން ގެނައި އިސްލާހުތަކުގައި ކަމަށާއި އެހެންކަމުން  ޤާނޫނުގެ 1 ވަނަ މާއްދާއާއި 2 ވަނަ މާއްދާއަށް ޢަމަލުކުރާނީ ދެން އެންމެ އަވަހަށް ބާއްވާ އިންތިޚާބެއްގައިކަން ވަރަށް ސާފުކޮށް އެނގޭ ކަމަށް ހައިލް ވިދާޅުވިއެވެ.

ނަމަވެސް ޤާނޫނުގެ 3 ވަނަ މާއްދާގެ ބާރު ހިނގަން ފަށަނީ އެޔާ ޚިލާފަށް ކަމަށާއި ޤާނޫނުގެ 5 ވަނަ މާއްދާ ލިޔެފައި އޮތީ އެހެންވެ ކަމަށް ހައިލަމް ވިދާޅުވިއެވެ. 5 ވަނަ މާއްދާގައި ބުނަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، ޤާނޫނު ތަޞްދީޤުވެ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން ކަމަށެވެ. 5 ވަނަ މާއްދާ އެހެން ލިޔުމުގެ ކުރިޔަށް 5 ވަނަ މާއްދާގައި ބަޔާންކުރާ ޢާންމު އުސޫލަށް 4 ވަނަ މާއްދާއިން ވަނީ ޚާއްޞަ އުސޫލެއް ކަނޑައަޅާފައިކަން ހައިލް ފާހަގަ ކުރެއްވިއެވެ.  އެހެންކަމުން ގެޒެޓްކުރެވުނު ދުވަހުން ފެށިގެން ޢަމަލުކުރުމުގެ ޢާންމު އުސޫލުގެ ތެރެއަށް ވަންނަ ގޮތަށް ޤާނޫނުގައި އޮތީ އެންމެ މާއްދާއެއް ކަމަށާއި އެއީ ލޯކަލް ކައުންސިލްތަކުގެ އުމުރު 3 އަހަރުން 5 އަހަރަށް ބަދަލުކުރި މާއްދާ ކަމަށް ހައިލް ވިދާޅުވިއެވެ. 

ހައިލަމް އިތުރަށް ވިދާޅުވީ  ޤާނޫނުއަސާސީއަށް 5 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު ބުނާ ގޮތުން މިހާރު އިންތިޚާބުވެފައި އޮތް ކައުންސިލްތަކުގެ އުމުރުގައި ބާކީ 2 އަހަރު އެބަ އޮތެވެ. މިނޫން ގޮތަކަށް އެޤާނޫނު މާނަކުރާ ނަމަ އެޤާނޫނުގެ 4 ވަނަ މާއްދާއާއި 5 ވަނަ މާއްދާ ވަކިން ލިޔެފައިއޮތުމުގެ ބޭނުމެއް ނެތް ކަމަށް ހައިލް ވިދާޅުވިއެވެ. އެހެން ކަމުން  ސާފުކޮށް އޮތް މައްސަލައެއްގައި ރައްޔިތުންގެ މަޖިލީސް އެއްވެ، ސަރުކާރާއި ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަރާރުންވެ ތަޅާފޮޅުމުގެ މާނައެއް ނެތް ކަމަށް ހައިލަމް ވިދާޅުވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: