ހުރިހާ ސްކޫލެއްގެ ޓީޗަރުންނަށް ސަރުކާރުން ވަކި އިންސައްތައެއްގެ ޑާޓާ ފޯރުކޮށްދީ، ދަށް ގުރޭޑްތަކުގެ ދަރިވަރުންނަށް އަންނަ ހަފުތާއިން ފެށިގެން ޓެލެކްލާސްތައް ފެށުމަށް ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސްކޫލު އަދި ކޮލެޖު، ޔުނިވާސިޓީތަކުގެ ކިޔެވުން ވަނީ ބަންދުކޮށްފައެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އައިޝަތު އަލީ ވިދާޅުވީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ގްރޭޑް އެކަކުން ހައެއްގެ ދަރިވަރުންނަށް ޓެލެކްލާސްތައް ފާށާނެ ކަމަށެވެ. އަދި އޭގެއިތުރުން އެލްކޭޖީ އާއި ޔޫކޭޖީ ދަރިވަރުންނަށް ގޭގައި ކުރެވިދާނެ ކަންތައްތައް ހިމަނައި ލާނިން ޕެކޭޖްތަކެއް ތައްޔާރުކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިހާރު ޓެލެކްލާސްތައް ކުރިއަށް ގެންދަނީ ގްރޭޑް ހަތަކުން ދިހައެއްގެ ދަރިވަރުންނަށެވެ. އަދި އެ ގްރޭޑްތަކުގެ އިތުރުން އަންނަ އާދިއްތަ ދުވަހު، ކީ ސްޓޭޖު 1 އަދި 2 ގައި ހިމެނޭ ގްރޭޑް 1-6 އާ ދެމެދުގެ ކްލާސްތަކުގެ ދަރިވަރުންނަށް އެ ވަސީލަތް މެދުވެރިކޮށް ކިޔަވައިދޭން ފަށާނެއެވެ.
މަސައްކަތްތައް ރޭވިފައިވާ ގޮތިގެ ތަފްސީލު ދެއްވާ މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޓެލެކޮމް ދެ ކުންފުނިކަމަށްވާ ދިރާގާއި އުރީދޫއާއި މަޝްވަރާކުރެވި އެ ކުންފުނިތަކުގެ ފަރާތުން ހުރިހާ ދަރިވަރުން އަދި ޓީޗަރުންނަށް އެއް މަހުގެ ޑޭޓާ ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި ޑޭޓާ ހޯދުމަށް ސްކޫލުގެ ފަރާތުން މިނިސްޓްރީގައި އެދުމުން އެކަންތައް ހަމައްސައިދެއްވާނެ ކަމަށެވެ.
އިންޓަނެޓު ލިބުމުގައި ދަތިތަކެއް ހުރި ދަރިވަރުންނަށް އޮތް ހައްލަކީ ކޮބައިތޯ ސުވާލު ކުރުމުން ޑރ. އައިޝަތު އަލީ ވިދާޅުވީ އެ ހިދުމަތްތައް ލިބެން ނެތް ދަރިވަރުންގެ މައުލޫމާތުތަކެއް އެއްކުރެވެމުން ދާ ކަމަށެވެ. އަދި ލިސްޓު ތައްޔާރު ކުރެވި، ޕިޒިކަލް ޑިސްޓެންސިން އެކުލެވޭގޮތަށް ސްކޫލުގެ ވަކި ޑިވައިސްއަކުން އެ ދަރިވަރުންނަށް ފިލާވަޅު ނެގޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.
މޮނީޓަރިންގެ އުސޫލަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދަރިވަރުން ފިލާވަޅުތަކަށް އެޓެންޑުވާ މިންވަރު ބެލޭނެ ކަމަށެވެ. އަދި ފިލާވަޅުތަކާއި ގުޅޭގޮތުން ދަރިވަރުންގެ ޙިޔާލާއި ބެލެނިވެރިންގެ ޙިޔާލުތައް އެއްކުރާނެ ކަމަށެވެ. ޑރ. އައިޝަތު އަލީ ވަނީ ދަރިވަރުން ފިލާވަޅަށް ސަމާލުކަން ދޭ މިންވަރު ބެލެނިވެރިން ބަލައިދިނުމަށް އެދިވަޑައިގެންފައެވެ.
ގްރޭޑް 10 އެއްގެ ދަރިވަރުންގެ ތައުލީީމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭއިރު އެކަމާއި ގުޅޭގޮތުން ޑރ. އައިޝަތު އަލީ ވިދާޅުވީ ގޫގުލް ކްލާސްތައް ރާވަމުންދާ ކަމަށެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމަކީ ކުއްލި ކަމަކަށް ވުމާއި އެކު ތައްޔާރީތައް ވުމުގައި ވަގުތުތަކެއް ނެގިނަމަވެސް ހުރިހާ އިންތިޒާމުތައް ވެސް ފުރިހަމަކުރުމަށް މަސައްކަތް ކުރަމުންދާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖޭގައި ސްކޫލްތައް ބަންދުވެފައި އޮންނަތާ މިހާރު ވަނީ ފަސް ހަފުތާވެފަ އެވެ. އަދި، އަންނަ ހަފުތާއަށް ވެސް ސްކޫލްތައް ވަނީ ބަންދުކޮށްފަ އެވެ.

