އެންމެ ބޮޑު އެއް ބިރަކީ، ވަސީލަތްތައް ގިނަ ކުރިއަރާފައިވާ ގައުމުތައް ކޮރޯނާ ވައިރަހުގެ ސަބަބުން އިނދަޖެހެމުންދާ މަންޒަރު ފެނިގެން ދިއުމަށް ކަމަށް އިޖީއެމްއެޗުގެ ޑޮކްޓަރު އަލީ ލަތީފް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ލަތީފް ވިދާޅުވީ މިއީ ބިރުވެރި ބައްޔެއް ކަމަށެވެ. އަދި އިގްތިސޯދީ ގޮތުން ކުރިއަރާފައިވާ ބޮޑެތި ގައުމުތަކަށް ދިމާވެފައިވާ ހާލަތުން ކޮންމެ މީހަކުވެސް އިބުރަތް ހާސިލް ކުރަންޖެހޭ ކަމަށެވެ. އިޓަލީ، އާއި ވަރުގަދަ އެމެރިކާއިން މިސާލު ދައްކަވާ ޑރ. ލަތީފް ވިދާޅުވީ އެ ދެ ގައުމަކީ ވެސް ދުނިޔޭގެ ވަރުގަދަ ދެ ގައުމު ކަމަށެވެ.
އެމެރިކާގެ އެންމެ ފުރަތަމަ ކޭސް މިދިޔަ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ފެނުނުއިރު، އެއީ އިމްޕޯޓެޑް ކޭސްއެއްކަން ޑޮކްޓަރު ފާހަގަކުރެއްވިއެވެ. އެއަށްފަހު އޭގެ މަހަކަށް ވުރެ ގިނަ ދުވަސް ވީ ފަހުން ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ފުރަތަމަ ލޯކަލް ކޭސް ނުވަތަ ލޯކަލް ޓާރާންމިޓެޑް ކޭސްއެއް ފެނުނު ކަމަށެވެ. އަދި މިވީ ދޮޅު މަހެއްހާ ދުވަހެއްގެ ތެރޭގައި އެ ގައުމުގެ ހަތަރު ލައްކަ މީހުންނަށް ބަލި ޖެހިގެން ދިއުމަކީ ބޮޑު ބިރެއް ކަމަށެވެ. ހަތަރު ލައްކައެއީ ނިސްބަތުން ވަރަށް ބޮޑު އަދަދެއް ކަމާއި، އަދި އެއީ ރާއްޖޭގެ އާބާދީއަށް ވުރެންވެސް ބޮޑު އަދަދެއްކަން އޭނާ ފާހަގަކުރިއެވެ. އަދި އިޓަލީއަށް ދިމާވީ ހާލަތަކީ ވެސް އެއީކަން ފާހަގަކުރެއްވިއެވެ.
އެމެރިކާއަކީ، ޓެކްނޮލޮޖީގެ ގޮތުން ބެލިއަސް އަދި ވަސީލަތްތަކާއި ސިއްހީ ހިދުމަތްތަކަށް ބެލިޔަސް ކުރިއަރާފައިވާ ގައުމެކެވެ. ޑރ. ލަތީފް ވަނީ ރާއްޖެފަދަ ވަސީލަތްތައް މަދު ގައުމެއްގައި މިފަދަ ކޭސްތައް ހޭންޑްލް ކުރާނީ ކިހިނަކުންތޯ ސުވާލު އުފައްދަވާފައެވެ.
އިޓަލީ އާއި އެމެރިކާއިން ކޮންމެ ދުވަހަކު ބައްޔަށް ޕޮޒިޓިވް ވާ މީހުން ފެނުމުން މީގެ ބިރުވެރިކަން އިހުސާސް ކުރެވިގެންދާކަމަށް ޑރ. ލަތީފް ވިދާޅުވިއެވެ. ޑރ. ލަތީފް ވަނީ ލޯކަލް ސްޕްރެޑްއެއް އިސްފި ހާލަތެއްގައި އެތައް ބައެއްގެ ފުރާނައަށް ގެއްލުންވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް، މުޖްތަމައުއެއްގެ ހައިސިއްޔަތުން ރާއްޖެއަށް ބަލި ފެތުރިޔަ ނުދިނުމަށް ކުރެވޭނެ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. ޑރ. ލަތީފް ވިދާޅުވީ ޕްރިވެންޝަން ނުވަތަ ރައްކާތެރިކަމަށް ރާއްޖޭގައި ފިޔަވަޅުތައް ވަރުގަދަ ކުރެވެމުންދާ ކަމަށެވެ. އޭގެ ތެރޭގައި ކާފިއު ހިންގުމާއި ސްކޫލްތަކާއި އޮފީސްތައް ބަންދު ކުރުމާއި މަގުމައްޗަށް ނުނިކުތުމަށް އިރުޝާދު ދެވެމުންދާ ކަމަށެވެ.
މަސައްކަތްތައް ދެބަޔަކަށް ބަހާލައިގެން ކުރިޔަށް ގެންދާކަން ފާހަގަކުރައްވާ ޑރ. ލަތީފް ވިދާޅުވީ ދެވަނަ ކަމެއްގެ ގޮތުން ހޮސްޕިޓަލްތައް އިތުރު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށެވެ. އަދި އޭގެ ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ ބަލި ފެތުރިއްޖެ ހާލަތެއްގައި މިހާރު ހުރި ހޮސްޕިޓަލްތަކަށް މެނޭޖް ނުކުރެވޭ ވަރަށް މީހުން ގިނަ ވުމެވެ.
ޑރ. ލަތީފް ވިދާޅުވީ، ބަލި ފެތުރިގެން ގޮސްދާނެތީ އެކަމާއި ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި ބޭރުގެ ތަފާސް ހިސާބުތައް ބަލާ ވެސް އެ ބިރުވެރިކަން ހިތަށް ވަދެގެންދާކަމަށް ވިދާޅުވިއެވެ.
”މީގެ ތިން، ހަތަރު މަސް ކުރިން ހިތަށް ވެސް ނާރާނެ މި ހުރިހާ ރިސޯޓުތަކެއް ބަންދުކޮށްފައި، ޓޫރިޒަމަށް ވެސް މިހާބޮޑު ގެއްލުމެއް ވެދާނެ ކަމަކަށް. މިވަރަށް މީހުން ކަރަންޓީނުކޮށްގެން މި ހުރިހާ ކަމެއް ކުރަން ޖެހެނީ ކަމުގެ ބިރުވެރިކަން އަދި ކުރަން ޖެހޭ ވަރަށް ކަންތައް ނުކުރެވިއްޖެނަމަ މި ކުޑަ އާބާދީގެ ގިނަ ބަޔަކު ނިޔާވެދާނެތީ“ ޑރ. ލަތީފް
ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ހީކުރި މިންވަރަށް ބަލި ފެނިފައިނުވާ ކަމަށެވެ. މިވަގުތަށް ކޭސްއެއް ނުފެނުނު ނަމަވެސް، މިއީ ކަން ފަސޭހަކުރަންވީ ދަނޑިވަޅެއް ނޫންކަން ވެސް އަމީން ފާހަގަކުރެއްވިއެވެ.
އެގޮތުން ބައެއް ގައުމުތަކުގެ ވާހަކަ ފާހަގަކުރައްވާ އަމީން ވިދާޅުވީ، މަދު ކޭސްއަކަށް ފަހު ކުއްލިއަކަށް ކޭސްތައް ފެނިގެން ދިޔަ ގައުމުތައް ވެސް ހިމެނޭ ކަމަށެވެ. އަދިވެސް އާއްމުންނަށް ކުރެވެން އޮތް ކަމަކީ ގޭގައި މަޑުކޮށް ފަރުދީ ޒިންމާ އަދާކުރުން ކަމަށް އަމީން ފާހަގަކުރެއްވިއެވެ.
ދިވެހި ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، އޭގެ ދަށުން ލިބިގެންވާ ބާރުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ފިޔަވަޅުތަކެއް ވަނީ ވަރުގަދަ ކުރައްވާފައެވެ.
އެގޮތުން ބޭރުގެ އެކި ގައުމުތަކުން އަންނަ ދިވެހިން ވެސް 14 ދުވަހަށް ކަރަންޓީނު ކުރުމަށް ނިންމާފައިވާއިރު، އެ މީހުންގެ ކަރަންޓީން މުއްދަތަށް ބައްޔަށް ޓެސްޓުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ދޫކޮށްލާނީ އެ މީހެއްގެ ނަތީޖާތައް ލިބި ބައްޔަށް ނެގެޓިވްވުމުން ނެވެ. އަދި އޭގެ އިތުރުން ހުން އަދި ރޯގާގެ އަލާމާތެއް ހުރިތޯ ބެލުމަށް ”އެގްޒިޓް ސްކްރީނިން“ އެއް ވެސް ކުރާނެއެވެ. ކަރަންޓީންގެ 14 ދުވަސް ގުނަން ފަށަނީ އެ މީހަކު ކަރަންޓީން ފެސިލިޓީ އަކަށް ގެންދާ ދުވަހުގެ ފަހު ދުވަހުން ފެށިގެންނެވެ.

