ހުސްވި މާރިޗްމަހު އިޢުލާނުކުރި ޢާންމު ސިއްހަތުގެ ކުއެްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ސަރުކާރުން އިތުރުކޮށްފިއެވެ.
ކޯވިޑް-19 އަކީ، ”ޕެންޑަމިކް“ އެއްކަމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ނިންމުމާއި ގުޅިގެން ދިވެހިރާއްޖޭގައި ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައިވަނީ މާރިޗުމަހުގެ12 ވަނަދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށެވެ.
އެ މުއްދަތު ހަމަވާން ދެ ދުވަސް އޮތް ނަމަވެސް، ހުކުރު ދުވަހުގެރޭ، މިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށް ޤަރާރެއް ނެރެފައެވެ.
ހުކުރު ދުވަހުގެރޭ، ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ނެރުއްވި މި ޤަރާރުގައި ބުނެފައިވަނީ، ކޯވިޑް-19 ފެތުރުމުގެ ފުރުސަތު އަދިވެސް އެބައޮތްކަމަށާއި، ޢާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް، ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާދެއްވާފައިވާކަމަށެވެ.
މި ގޮތުން، މިނިސްޓަރު އޮފް ހެލްތަށް ލިބިދީފައިވާ ބާރުގެ ދަށުން ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި އިޢުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމަވާފައިވާކަމަށެވެ.
ކޯވިޑް-19 އިގެ އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސް ރާއްޖެއިން ފެނިފައިވަނީ މާރިޗުމަހުގެ 07 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ފަހުން މިހާތަނަށް 19 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، 13 މީހުން މިހާރުވަނީ ރަނގަޅުވެފައެވެ. ބާކީ ތިބި 06 މީހުންގެތެރޭގައި، 02 ބިދޭސީން ހިމެނޭއިރު ،އަނެއް 04 މީހުންނަކީ އިނގިރޭސިވިލާތުން އެނބުރި ރާއްޖެއަށްއައިފަހުން ޕޮޒިޓިވްވެފައިވާ ދިވެހީންކަން ފާހަގަކޮށްލެވެއެވެ.

