މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމަށް ގެންނަން ނިންމާފައިވާ އިސްލާހުތަކާ ގުޅޭގޮތުން ބިޒްނަސް ކައުންސިލްގެ 25 ވަނަ ބައްދަލުވުމުގައި މަޝްވަރާކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ދާއިރާއަށް އަންނަ ކުރިއެރުންތަކާއި ގްރޭޓަރ މާލެ މޮބިލިޓީ ފްރޭމްވޯކްގެ މައްޗަށެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި، މާލެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މަސައްކަތެކެވެ. މިގޮތުން، މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރުވަމުންނެވެ.
ޓްރެފިކް މައްސަލަ ހައްލުކުރުމަށް އެޅުމަށް ނިންމާފައިވާ އެންމެ މުހިންމު އެއް ފިޔަވަޅަކީ، މާލެ ސަރަހައްދަކީ އުޅަނދު ރަޖިސްޓްރީކުރުން ކޮންޓްރޯލްކުރެވިފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމެވެ. މިއީ މަގުތަކުގައި އުޅަނދުތައް ގިނަވެ، ދަތުރުފަތުރު ކުރުމަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ކައުންސިލުން ފާހަގަކުރެއެވެ.
މި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. މިގޮތަށް ގުޅިގެން މަސައްކަތް ކުރުމުގެ މައިގަނޑު މަގްސަދަކީ މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ދެމެހެއްޓެނިވި އަދި ފުރިހަމަ ހައްލެއް ހޯދައިދިނުން ކަމަށް ބިޒްނަސް ކައުންސިލުން ހާމަކުރެއެވެ.

