ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން މިހާރު އަދާކުރަމުންދަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޮތް އެޓޯލްސް މިނިސްޓްރީން އަދާކުރި ދައުރު ކަމަށް އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީން މިއަދު ބުނެފިއެވެ.
މިއަދު ހެނދުނު އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މެމްބަރުން އެލްޖީއޭއަށް ވަޑައިގެން އެތަނުގެ އިސް ބޭފުޅުންނާ މަޝްވަރާކުރެއްވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ގާނޫނުއަސާސީ އިސްލާހުކުރި ހާއްސަ މަޖިލީހުގައި މ. އަތޮޅުގެ މެމްބަރުކަން ކުރެއްވި އަހުމަދު ޝަފީގު (މީމު ސައްޕެ) ވިދާޅުވީ، އެލްޖީއޭ މިހާރު އަދާކުރަމުންދަނީ ކުރީގެ އެޓޯލްސް މިނިސްޓްރީގެ ދައުރުކަން ސާފުވެއްޖެ ކަމަށެވެ. އެގޮތުން ކުރީގެ އަތޮޅު އޮފީސްތައް ގޮތަށް އެލްޖީއޭގެ ދަށުން އަތޮޅުތަކުގައި އޮފީސްތައް އުފައްދަން ނިންމާފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.
”ސާފުކޮށް ފެނިގެން އެނގިގެން މިދިޔައީ އެލްޖީއޭ މިހާރު ކުރީގެ އެޓޯލްސް މިނިސްޓްރީން އަދާކުރި ދައުރު އެލްޖީއޭއިން އަދާކުރަމުންދާކަން އަޅުގަނޑުމެންނަށް މި ދެކެވުނު ވާހަކަތަކުން ސާފުވެގެން މިދިޔައީ. އަދި ހަމަ އެއާއެކީގައި، ކުރީގެ އެޓޯލްސް މިނިސްޓްރީގެ ދަށުން އުފައްދާފައި ހުރި އަތޮޅު އޮފީސްތައް ހުރި ގޮތަށް ހަމަ އެލްޖީއޭއިން އަތޮޅުތަކުގައި އޮފީސްތަކެއް އުފައްދާ ކަމާއި އެ އޮފީސްތަކުން އޭރުގަ މިސާލަކަށް އަތޮޅު އިސްޓޯރު، އަތޮޅު ރައްޔިތުން ޝާމިލުވެގެން ހިނގާ ބައިވަރު ކަންތައްތަކެއް އެލްޖީއޭއިން އެތާގެ އުފައްދާ އޮފީހެއްގެ ދަށުން ކުރާ ގޮތަށް.“ ސައްޕެ
ސައްޕެ ވިދާޅުވީ، އިދާރީ ދާއިރާތައް ހިންގަން ޖެހޭނީ ލާމަރުކަޒީ އުސޫލުން ކަމަށް ގާނޫނުއަަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާއިރު، އެގޮތަށް ކަންކަން ކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި އެއީ ގާނޫނުއަސާސީއާ ހިލާފަށް އެލްޖީއޭއިން ކުރާ ކަމެއް ކަމަށާއި ދިވެހިރާއްޖެ ހިންގަން ވާނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. ގާނޫނުއަސާސީއަށް ބޮޑެތި އިސްލާހުތަކެއް ގެނެސްގެން ނޫން ގޮތަކަށް ރައްޔިތުންނަށް ހިދުމަތްދޭ އެފަދަ އޮފީސްތަކެއް އެލްޖީއޭއަށް ހިންގޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ، ގާނޫނުއަސާސީ އެކުލަވާލިއިރު މުޅި މަޖިލީހުގެ ރޫހު އޮތީ ރައްޔިތުންނަށް ބާރުވެރިކަން ދިނުމަށް ކަމަށާއި މާލޭގައި އެޓޯލްސް މިނިސްޓްރީގެ ދަށުން ފިނިކުރި ކޮޓަރިއެއްގައި އޭރު ހިންގި ޖަރީމާތައް ހުއްޓުވަން ކަމަށެވެ.
އެހެންނަމަވެސް، އެމްޑީޕީގެ ވެރިކަމެއް ނޫން ކޮންމެ ވެރިކަމެއްގައި ފެންނަނީ ރައްޔިތުންނަށް ދީފައި އޮންނަ ބާރުތައް އަތުލާ މަންޒަރުކަން ކަމަށް އޭނާ ވިދާޅުވިއެވެ. ގާނޫނަށް ކޮންމެ ބަދަލެއް ގެނަޔަސް އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ބަޔާންކުރާ ގާނޫނުއަސާސީގެ 230 ވަނަ މާއްދާ ހަމަ އެގޮތަށް ދެމި އެބަ އޮތް ކަމަށް ޝަމާއު ވިދާޅުވިއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ނޫނީ އެހެން ބޭފުޅަކު ހިތްޕުޅާވާ ގޮތަށް ކުރަން އޮންނަ ކަމެއް ނޫން ކަމަށާއި އެކަމުގައި އިހްތިޔާރެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅވުިއެވެ.
މިދިޔަ މަޖިލީހުގައި، މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރުކަން ކުރެއްވި ކުރީގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ، މިއަދުގެ ބައްދަލުވުމުގައި އަތޮޅު ކައުންސިލުތައް އުވާލުމުގައި އެލްޖީއޭގެ ވިސްނުމަކީ ކޮބައިތޯ އަދި ފަންނީ ގޮތުން އެއްވެސް ލަފައެއް ސަރުކާރަށް ދީފައިވާނެތޯ ސުވާލުކުރުމުން، އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް އެބޭފުޅާގެ އަމިއްލަ ވިސްނުމުގައި އަދި ތަޖުރިބާގައި އަތޮޅު ކައުންސިލު އޮތުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވި ކަމަށެވެ.
އެހެންނަމަވެސް، ލާމަރުކަޒީ ނިޒާމުގެ ތެރެއިން އުފެދިފައިވާ ވަކި ކައުންސިލެއް އުވާލަން އެއްވެސް ލަފައެއް އެލްޖީއޭއިން ދީފައި ނުވާ ކަމަށް އެތަނުގައި ތިއްބެވި ފަންނީ ބޭފުޅުންނާ ހަވާލާދީ ނިޔާޒު ވިދާޅުވިއެވެ. އަދި ނިޒާމުގެ ތެރޭގައި ހިމެނޭ ފަށަލަތަކުން އެއްވެސް ފަށަލައެއް އުވާލުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އެލްޖީއޭގެ ފަންނީ ބޭފުޅުން ވެސް ގަބޫލުކުރައްވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

