އެއްގަމާއި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް އާ ކުރުމުގެ ފުރުސަތު މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އަނެއްކާވެސް ހުޅުވާލައިފިއެވެ.
ކޯވިޑް-19 އިގެ ބަލިމަޑުކަމާއި ގުޅިގެން 19 މާރިޗް ފެށިގެން ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ސަރުކާރުން ހަމަޖައްސާފައިވާތީ، އެ އޮތޯރިޓީގެ ޚިދުމަތްތައް މި ދޭތެރެއިންވަނީ މެދުކަނޑާލާފައެވެ.
ނަމަވެސް އެ އޮތޯރިޓީން ހޮނިހިރުދުވަހު ނެރުނު ބަޔާނެއްގައި ބުނީ، މިއަދުން ފެށިގެންއެއްގަމާއި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އާ ކުރުމުގެ ޚިދުމަތްދެމުން ގެންދާނެ ކަމަށެވެ.
މި ގޮތުން، އާކޮށްދިނުމަށް ހަމަޖެހިފައިވަނީ، 28 ފެބުރުއަރީގެ ނިޔަލަށް މުއްދަތު ހަމަވެފައިވާ ލައިސަންސްތައްކަމަށް ވެސް އެ އޮތޯރިޓީން ހާމަކޮށްފައިވެއެވެ.
މިއާއެކު އެ އޮތޯރިޓީންވަނީ އިތުރު ޚިދުމަތްތަކެއްދޭން ވެސް ނިންމާފައެވެ.
އޭގެތެރޭގައި، އަލަށް ރަޖިސްޓްރީކުރެވޭ ސައިކަލު ރަޖިސްޓްރީކޮށްދިނުމާއި، މާލެ ފިޔަވައި އެހެން ރަށްރަށުގައި އަލަށް ރަޖިސްޓްރީ ކުރެވޭ ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދިނުމާއި، އަލަށް ރަޖިސްޓްރީ ކުރެވޭ ކަނޑުގެ އުޅަނދު ރަޖިސްޓްރީކޮށްދިނުމާއި، އޮޑީގެ ނަންބަރުގެ ޚިދުމަތް ވެސް ފޯރުކޮށްދޭނެކަމަށް އެ އޮތޯރިޓީން ބުނެއެވެ.
އެ އޮތޯރިޓީން ބުނީ، މި ޚިދުމަތްތަކަށް އެދި އެޕްލިކޭޝަން ހުށަހެޅުން ހަމަޖެހިފައިވަނީ، ކޮންމެ ހަފުތާއެއްގެ ވެސް އާދިއްތަ، އަންގާރަ މި ދެ ދުވަހު ހެނދުނު 09:00 އިން ފެށިގެން، މެންދުރު 12:00 އަށްކަމަށެވެ.
މީގެ އިތުރުން، އެ އޮތޯރިޓީން ބުނީ، އެޕްލިކޭޝަން ހުށަހަޅަން ބޭނުންވާ މީހުން، އެ ކަމަށްއެދި ހުށަހަޅާނީ، އެ އޮތޯރިޓީގައި ޤާއިމުކުރެވިފައިވާ ”އެޕްލިކޭޝަން ބޮކްސް“ އަށްކަމަށާއި، ހުށަހަޅާ ކޮންމެ އެޕްލިކޭޝަންއެއް ހުށަހަޅަންޖެހޭނީ ބަންދުކުރެވިފައިވާ ވަކި ސިޓީއުރެއްގައިކަމަށާއި، އޭގައި ފޯމު ހުށަހަޅާ މީހާގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރުވެސް އެނގެން ހުންނަންވާނެކަމަށެވެ.

