މާލޭގައި އެކިތަންތާގައި ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ބިދޭސީން، ހުޅުމާލޭ އެކޮމަޑޭޝަންއަށް ބަދަލުކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
އެމްއެންޑީއެފާއި، ފުލުހުންނާއި، މާލޭ ސިޓީ ކައުންސިލުންނާއި އިމިގުރޭޝަން ގުޅިގެން މިއަދު ފެށި މި މަސައްކަތަކީ، ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އަޅަމުން އަންނަ ފިޔަވަޅުތަކުގެ ދަށުން އަޅަން ނިންމި ފިޔަވަޅެކެވެ.
މިއަދު ފެށި މި އޮޕަރޭޝަންގައި، ހުޅުމާލޭގައި ކުރިން ވެސް ބިދޭސީން އެކޮމަޑޭޝަންއެއްގެ ގޮތުގައި ބޭނުންކުރަމުންއައި 1000 މީހުންގެ ޖާގަހިމެނޭ ޢިމާރާތަށް މިހާރު 200 ބިދޭސީން ބަދަލުކޮށް ވަނީ ރަޖިސްޓްރީކޮށްފައެވެ.
https://twitter.com/ImmigrationMV/status/1249158924877680640?s=20
މި އެކޮމެޑޭޝަންގައި ބިދޭސީންތިބުމުގެ ޚަރަދާއި، ކެއިންބުއިމުގެ ޚަރަދުތައް ހަމަޖައްސާނީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުން ސަރުކާރުންކަމަށް އިމިގުރޭޝަނުން ބުނެއެވެ.
އިމިގުރޭޝަނުން ހާމަކުރިގޮތުގައި، ބަދަލުކުރެވޭ ބިދޭސީންނަކީ ކޮން ބައެއްކަން އެނގޭނެ ޑޭޓާ ބޭސްއެއް އެކުލަވާލައި، އޭގެތެރެއިން ގަވާއިދާއި ޚިލާފަށްއުޅެމުންދާ ބިދޭސީންގެ ކަންކަން މިހާރުވަނީ އިކޮނޮމިކް މިނިސްޓްރީއާ ހަވާލުކުރެވިފައެވެ.
މީގެ އިތުރުން އިމގުރޭޝަނުން ބުނީ، ހުޅުމާލޭގެ އެކޮމަޑޭޝަންގެ އިތުރުން، ބިދޭސީން ބޭތިއްބުމަށްޓަކައި ގުޅީފަޅުގައިވެސް އެކޮމަޑޭޝަންތަކެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

