ކޯވިޑް-19 އާއި ގުޅިގެން، ދަޢުލަތުގެ އިދާރާތައް ބަންދުކޮށްފައި ހުންނަ މުއްދަތުގައި، އީމެއިލްއާއި ފޯނާއި، އެނޫންވެސް އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ސްޕްރީމް ކޯޓުގެ ޝަރީޢަތްތައް ކުރިއަށްގެންދަން ނިންމައިފިއެވެ.
ސްޕްރީމްކޯޓުން މިއަދު ނެރުނު ”ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ސްޕްރީމް ކޯޓުގެ މަސައްކަތައް ކުރިއަށްދާނެގޮތުގެ އުސޫލު“ ގައިވާގޮތުން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޢާންމު އުސޫލެއްގެ ގޮތުން ކޯޓުތައް ބަންދުވި ނަމަވެސް، އީމެއިލްއާއި ފޯނާއި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން އެ ކޯޓުން ޚިދުމަތް ފޯރުކޮށްދޭނެއެވެ.
މީގެ އިތުރުން މި އުސޫލުގައި ވާގޮތުން، ޤާނޫނު އަސާސީގައި ނުވަތަ ވަކި ޤާނޫނެއްގައި، ވަކި މުއްދަތެއްގެތެރޭގައި ނިންމަންވާނެކަމަށް ބަޔާންކޮށްފައިވާ މައްސަލަތަކާއި، ޚާއްސަ އުސޫލެއްގެ ދަށުން ކަނޑައެޅިގެން ކުރިއަށް ގެންދެވޭ މައްސަލަތަކާއި، އަވަސް ނިޔާގެ މައްސަލަތައް ފިޔަވައި، އެހެނިހެން މައްސަލަތަކުގެ ޝަރީޢަތް ކުރިއަށް ގެންދެވޭނީ، އެ މައްސަލައަކީ އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ކުރިއަށް ގެންދެވިދާނެ މައްސަލައަކަށް ވާނަމައެވެ.
ސްޕްރީމް ކޯޓުން ބުނީ، ކޮންމެހެން ބާއްވަންޖެހޭ މައްސަލަތައް، ވީޑިއޯ ނުވަތަ އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވޭނަމަ، އެ މައްސަލަތައް ކުރިއަށް ގެންދާނީ އެ ގޮތަށް ކަމަށެވެ.
މީގެ އިތުރުން މައްސަލަތަކާއި ގުޅިގެން ބަދަލުކުރަންޖެހޭ ލިޔެކިޔުންތަކަށް އީމެއިލް މެދުވެރިކޮށް ޖަވާބުދާރީވެވެންއޮތް ކަމުގައިވާނަމަ، އެ ކަންތައްތައް ކުރިއަށް ގެންދާނީ މެއިލް މެދުވެރިކޮށްކަމަށް ވެސް ސްޕްރީމް ކޯޓުން ހާމަކުރެއެވެ.
ސްޕްރީމް ކޯޓުން ބުނީ، އީމެއިލް ނުވަތަ އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް މުޢާމަލާތް ނުކުރެވޭ ފަރާތްތަކަށް ނުވަތަ މުޢާމަލާތްކުރަން ދަތިވާ ފަރާތްތަކަށް، ޚިދުމަތް ފޯރުކޮށްދިނުމަށް ކޮންމެ ހަފުތާއެއްގެ ހޯމަދުވަހާއި، ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން، މެންދުރުފަހު 2:00 އަށް ސުޕްރީމް ކޯޓު ހުޅުވިފައި ހުންނާނެކަމަށެވެ.
މި އުސޫލުގެ ދަށުން ކުރިއަށްދާ ޝަރީޢަތްތަކުގެ އަޑުއެހުން ނިމުމުން އެ ޝަރީޢަތެއްގެ އޯޑިއޯ ފައިލް ކޯޓުގެ ވެބްސައިޓަށް އަޕްލޯޑްކުރެވޭނެކަމަށް ވެސް، އެ ކޯޓުން ހާމަކޮށްފައިވެއެވެ.

