ސަރުކާރު ބަންދުވިޔަސް، ރައްޔިތުންނަށްދޭންޖެހޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މި ކަން ހާމަކޮށް ސްޓެލްކޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޯވިޑް-19 އާއި ގުޅިގެން ސަރުކާރު ބަންދުވި ނަމަވެސް، މާދަމާއިން ފެށިގެން ކޮންމެ ހަފުތާއެއްގެ ވެސް ހޯމަދުވަހާއި، ބުރާސްފަތި ދުވަހު މާލެއާއި އަތޮޅުތަކުގައި ހުންނަ އެ ކުންފުނީގެ އޮފީސްތަކާއި، ސޭލް ސެންޓަރުން ޚިދުމަތްތައް ފޯރުކޮށްދޭނެކަމަށެވެ.
މި ގޮތުން، ޚިދުމަތް ފޯރުކޮށްދޭނީ ހެނދުނު 09:00 އިން ފެށިގެން، މެންދުރުފަހު 14:00 އަށްކަމަށް ވެސް ސްޓެލްކޯއިން ހާމަކުރެއެވެ.
މީގެ އިތުރުން ގޭގައި ތިބެގެން، ޚިދުމަތްތަކަށް އެދި ފޯމު ހުށަހެޅުމާއި، ފައިސާ ދެއްކުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާކަމަށް ވެސް ސްޓެލްކޯއިން ހާމަކުރެއެވެ.
ޚިދުމަތްތައް ބޭނުންވާ މީހުންނަށް، އެ ކުންފުނީގެ އީމެއިލްapplication@stelco.com.mv މެދުވެރިކޮށް ޚިދުމަތް ހޯދޭނެކަމަށާއި، ކަރަންޓާއި ގުޅުންހުރި މުދާ ގަންނަން ބޭނުންވާ މީހުންނަށް، ސޭލް ސެންޓަރުގެ ހޮޓްލައިން 9110888 މެދުވެރިކޮށް ނުވަތަ salaes@stelco.com.mv އަށް މެއިލްކޮށްގެން ޚިދުމަތް ލިބިގެންދާނެކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ސްޓެލްކޯއިން ބުނީ، ކޮންމެހެން ބޭނުންނުވާ ޚިދުމަތްތައް ހޯދުން، މިފަދަ ދަނޑިވަޅެއްގައި މަޑުޖައްސާލުމަށާއި، އޮންލައިންކޮށް ލިބޭ ޚިދުމަތްތައް ގޭގައި ތިބެގެން ހޯދުމަށް އިލްތިމާސްކުރާ ކަމަށެވެ.

