ވަކަރުފަޅި އައިލެންޑް ރިސޯޓުގެ މުވައްޒަފުންތަކެއް ޕޭ ލީވް އަކަށް ދިއުން އެދި އިޙްތިޖާޖްކޮށްފިއެވެ.
ޓްއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ ޓްވިޓަރަގައި މިއަދު ޢާންމުކޮށްފައިވާ ވީޑިއޯއިން އެ ރިސޯޓުގެ ގިނަ ޢަދަދެއްގެ މުވައްޒަފުންތަކެއް އިޙްތިޖާޖުގައި ބައިވެރިވެފައިވާތަން ފެނިގެންދެއެވެ.
އެ އިޙްތިޖާޖުގައި ވާހަކަ ދެއްކި މީހާ ބުނެފައިވަނީ، މިއީ އިހުތިޖާޖުކުރާ ތިންވަނަ ދުވަސްކަމަށާއި، ވަކަރުފަޅީގައި މިކުރާ އިހުތިޖާޖަކީ ވަރަށް ސުލްހަވެރި އިހްތިޖާޖެއްކަމަށެވެ.
މީގެ އިތުރުން އެ މީހާ ބުނީ، ޑިމާންޑަކީ ނޯޕޭއެއްނޫންކަމަށާއި، ޕޭ ލީވްއަކަށް ދިއުންކަމަށެވެ.
ވާހަކަދެއްކި މީހާ އިތުރަށް ބުނެފައިވަނީ، ކޮންމެ މީހަކީ ވެސް ބޮޑު ޢާއިލާއެއް އޮންނަ މީހެއްކަމަށާއި، އެ ގޮތުން ރިސޯޓަށް އައިސް މިތިބީ ޢާއިލާގެ ބޭނުންތައް ފުއްދައިދިނުމަށް މަސައްކަތްކުރަންކަމަށެވެ. ނަމަވެސް އެކަން ވާކަށެއްނެތްކަމަށާއި، މެނޭޖުމަންޓުން މިއަދު އެމީހުން ވަރަށް ބިކަކޮށްލައިފިކަމަށެވެ.
މީގެ އިތުރުން، މެނޭޖުމަންޓުން ވަރަށް ބޮޑަށް އެ މީހުން ދޫކޮށްލަފައިވާކަމަށާއި، އެމީހުންނާއި މެދު އެއްވެސް ވަރަކަށް އަޅާނުލާކަމަށެވެ.
އެ މީހާ ބުނީ، މެނޭޖުމަންޓުގެ ފަރާތުން ވެސް، އަދި ސަރުކާރުގެ ފަރާތުން ވެސް މިއަދާއި ހަމައަށް އެއްވެސް ޖަވާބެއް ނުލިބޭކަމަށާއި، ކޮންމެ ދުވަހަކު މި ގޮތަށް ނިކުމެ އިހްތިޖާޖުކުރަން ބޭނުންނުވާކަމަށެވެ.
މީގެ އިތުރުން އެ މީހާވަނީ، ރަނގަޅުގޮތެއް ހޯދައިދިނުމަށްއެދި ސަރުކާރަށާއި، ރިސޯޓުގެ މެނޭޖުމަންޓަށް ގޮވާލާފައެވެ.
އަރިއަތޮޅު ދެކުނުބުރީގައި އޮންނަ ވަކަރުފަޅި އައިލެންޑް ރިސޯޓަކީ ސްރީލަންކާގެ މައުންޓް ލެވީނިއާ ހޮޓެލް ގުރޫޕުން ހިންގަމުން އަންނަ ރިސޯޓެކެވެ.
https://twitter.com/TEAMmaldives/status/1249218023468097536?s=20

