އައްޑޫ ސިޓީ ފޭދޫ ޓޫރިޒަމް ޒޯނާ އިންވެގެން އޮންނަ ސަވާހިލް ސަރަހައްދު، އައްޑޫ ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ޓޫރިޒަމްގެ މަސައްކަތަށް ސަރުކާރަށް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމާ ގުޅިގެން، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.
ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިހްތިސާސުން އެ އަތޮޅު ސަވާހެލި ވަކިކުރައްވައި، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިހްތިސާސަށް ބަދަލުގެނައުމަށް ނިންމަވައި އެކަން ސަރުކާރުން އިއުލާނު ކުރީ އިއްޔެގެ ވަގުތެއްގަ އެވެ. އައްޑޫގެ އިހުތިސާސްގެ ތެރެއިން ސަވާހެލި ނެގިއިރު އެ ރަށުގައި ޓޫރިޒަމް ބޭނުމަށް ތަރައްގީ ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައި ވަނީ އިއުލާނުކޮށްފަ އެވެ.
މައްސަލައިގައި ސޯޝަލް މީޑިއާގައި އާންމު ކުރެއްވި ވީޑިއޯއެއްގައި ނިޒާރު ވިދާޅުވީ، ސަރުކާރުގެ މި ނިންމުމުގެ މައުލޫމާތު ލިބުނީ މީޑިއާތަކުން ކަމަށެވެ. އައްޑޫ ސިޓީ ފޭދޫ ޓޫރިޒަމް ޒޯން ކުރިމަތިން އޮންނަ ސަވާހިލް ސަރަހައްދު ކައުންސިލްގެ އިހުތިސާސުން ވަކިކުރުމަކީ ނިޒާރު ވިދާޅުވި ގޮތުގައި އައްޑޫގެ ރައްޔިތުންނަށް ލިބިގެން ދިޔަ ހިތާމަވެރި ހަބަރެކެވެ.
ނިޒާރު ވިދާޅުވި ގޮތުގައި އެ ސަރަހައްދަކީ ރެކްރިއޭޝަނަލް ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި މި މަހުގެ 19 ވަނަ ދުވަހު ކައުންސިލުން އިއުލާންކޮށް، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ޑޮކިއުމަންޓް ވެސް ގަނެފައިވާ މަޝްރޫއެކެވެ. ނަމަވެސް ސަރުކާރުގެ މި ނިންމުމާއެކު ކައުންސިލުން ކުރިއަށްގެންދަން މަސައްކަތް ކުރި ޕްރޮޖެކްޓަށް ހުރަސްއެޅިފައިވާކަން ފާހަގަކުރެއްވި އެވެ.
މައްސަލައިގައި ނިޒާރު ވާހަކަ ދެއްކެވިއިރު މިދިޔަ އަހަރުގެ އޭޕްރީލް މަހު ކައުންސިލުން އެ ސަރަހައްދު ޓޫރިޒަމަށް ތަރައްގީކުރަން އިއުލާނުވެސް ކުރި އެވެ. ނަމަވެސް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އޭރު އެންގީ، ގާނޫނަށް ގެނެވުނު ބަދަލުތަކުގެ ދަށުން މީހުން ނޫޅޭ ރަށްރަށާއި ސަރަޙައްދުތަކުގައި ޓޫރިޒަމްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.
އެ މައްސަލައިގައި ކައުންސިލުން ކުރިން ކުރި އިޢުލާން ބާތިލުކުރުމަށްފަހު، އެ ސަރަހައްދުގައި ޓޫރިޒަމްގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދައަށް އެދި މި މަހުގެ ކުރީކޮޅު ރައީސުލްޖުމްހޫރިއްޔާ އަށް ސިޓީއަކުން ހުށަހެޅިކަމަށް ނިޒާރު މިއަދު ވިދާޅުވި އެވެ. އަދި ސިޓީއަށް އެއްވެސް ޖަވާބެއް ނުދެއްވައި އޮތުމަށްފަހު، ކުއްލިއަކަށް ފެނިގެންދިޔައީ އެތަން ކައުންސިލްގެ އިހުތިސާސުން ވަކިކުރި ތަންކަމަށް ނިޒާރު ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވި ގޮތުގައި، ސަރުކާރުގެ ތެރެއިންނާއި މިނިސްޓްރީގެ ތެރެއިން ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މި ނިންމުން ނިންމެވީ އައްޑޫ ސިޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިވަޑައިގެންނެވުމުންނެވެ.
ފޭދޫ ޒޯންގައި މިހާރުވެސް ކުރިއަށްދާ 400 އެއްހާ ކޮޓަރީގެ މަސައްކަތަށް މިކަމުން ކުރާނެ އަސަރުތައް ފާހަގަކުރައްވައި ނިޒާރު ވިދާޅުވީ 2028 ވަނަ އަހަރާ ހަމައަށް އެތަނުގައި 1000 އެއްހާ ކޮޓަރި ނިމޭނެކަމަށް ލަފާކުރެވޭއިރު، ސަވާހިލް ސަރަހައްދުގައި ވަކިން މަސައްކަތް ފަށައިފިނަމަ މިހާރު ހުޅުވަން ތައްޔާރުވާ ގެސްޓްހައުސްތަކުގެ އޮޕަރޭޝަނަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށެވެ.
އައްޑޫގެ ފަތުރުވެރިކަމާއި ގުޅޭގޮތުން ކަންބޮޑުވުންފާޅުކޮށް ނިޒާރު ވިދާޅުވީ ޝަންގްރިއްލާ ހުޅުވާނެ ކަމުގެ ވާހަކަ ދައްކާތާ ކިތަންމެ ދުވަހެއް ވީއިރުވެސް އެތަން އޮތީ ބަންދުކޮށްފައި ކަމަށެވެ. އަދި ސައުތު ޕާމް ރިސޯޓު ވެސް ބަންދުކޮށްފައި އޮތްއިރު، ދޫގަސްގެ މަސައްކަތް ވެސް ހުއްޓިފައިވާކަމަށް ވިދާޅުވި އެވެ. އަދި އެންމެ ކަންބޮޑުވާކަމަކީ ހިނގަހިނގާ އޮތް އީކުއޭޓަރ ވިލެޖް ވެސް ބަންދުކުރަން ނިންމާފައިވު ކަމުގެ މައުލޫމާތު ލިބުންކަމަށާއި، އެއީ މަރާމާތަކަށް ބަންދުކުރާ ކުރުމެއް ނޫންކަމަށް ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ ސަރުކާރަށް މިވީ މުއްދަތުގެ ތެރޭގައި އައްޑޫގެ ތަރައްގީއަށް ކުރެވުނު އެއްވެސް ކަމެއް ފެންނަން ނެތް ކަމަށެވެ. އެގޮތުން ލިންކް ރޯޑުގެ މަސައްކަތް ބަޔަކާ ހަވާލުކުރިތާ އަހަރަކަށްވުރެ ގިނަ ދުވަސްވީއިރު، އެތަނުގައި ކުރާ ކަމަކީ ވިނަ ނޮޅައި ރުއްތައް އުފުރައިގެން އެހެން ތަންތަނަށް ގެންދިއުން އެކަނިކަމަށް ވިދާޅުވިއެވެ.
އަޅުގަނޑުމެން މި ހާލުގައި ތިބިއިރު، ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި އައްޑޫ ބޭފުޅުން މާލޭގެ ބޭރުމަގު ހަދާތީ އެ ފޮޓޯތައް ހިއްސާކުރޭ. އެއްވެސް ލަދެއް ހުރި ބަޔަކު ނަމަ މިފަދަ ކަންކަމެއް ނުކުރާނެ.. ސަރުކާރަށް ސަލާންޖަހަން، ރައީސުލްޖުމްހޫރިއްޔާ ބޮޑު ރަސްކަލަކަށް ހަދައިގެން ކުރުނީސްކޮށްގެން ނޫނީ ކަމެއް ނުކުރެވޭ ހާލަތަކަށް މިވަނީ ގޮސްފައި. ޕީއެންސީގެ ފިކުރުން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު އަތޮޅުތަކުގެ ރައްޔިތުން މި ބިކަ ހާލުގައި ޖައްސާ
ނިޒާރު ވިދާޅުވީ އައްޑޫ ކައުންސިލަކީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން އެންމެ ބޮޑަށް ބޭނުންވާ އެއް ކައުންސިލްކަމަށާއި، ސަރުކާރުން ބުނާ ކޮންމެ ކަމަކަށް އެއްބަސްވަމުންދާއިރު ވެސް، ސަރުކާރުން ކަންކަން ކުރަނީ އެއްވެސް މަޝްވަރާއެއް ނެތި އައްޑޫ ފަހަތަށް ޖައްސަން ކަމަށެވެ.

