އައްޑޫ ސިޓީގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ”ސަވާހެލި“ ސަރަހައްދު، އެ ސިޓީގެ އިހުތިސާސުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ އައްޑޫގެ ތަރައްގީއަށް ހުރަސްއެޅުމަށް ހިންގި ހަޑިހުތުރު އަމަލެއްކަމަށް އެމްޑީޕީން ބުނެފި އެވެ.
ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިހްތިސާސުން އެ އަތޮޅު ސަވާހެލި ވަކިކުރައްވައި، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިހްތިސާސަށް ބަދަލުގެނައުމަށް ނިންމަވައި އެކަން ސަރުކާރުން އިއުލާނު ކުރީ އިއްޔެގެ ވަގުތެއްގަ އެވެ. އައްޑޫގެ އިހުތިސާސްގެ ތެރެއިން ސަވާހެލި ނެގިއިރު އެ ރަށުގައި ޓޫރިޒަމް ބޭނުމަށް ތަރައްގީ ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައި ވަނީ އިއުލާނުކޮށްފަ އެވެ.
މައްސަލައިގައި ނެރުނު ބަޔާނުގައި އެމްޑީޕީން ބުނެފައި ވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރަށްތަކާއި ސިޓީތަކުގެ އިން ކަނޑައެޅުމުގެ ބާރު ރައީސަށް ދީފައިވަނީ ވަކި ހުދޫދުތަކެއްގެ ތެރޭގައި ކަމަށެވެ. އެގޮތުން، އެފަދަ ނިންމުމެއް ނިންމަން ވާނީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ރައްޔިތުންނާ މަޝްވަރާކޮށްގެންކަމަށް ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާކަމަށް ބަޔާނުގައި ވެއެވެ.
އެމްޑީޕީން ބުނި ގޮތުގައި އައްޑޫގެ އިހުތިސާސަށް މި ބަދަލު ގެނައީ ސިޓީ ކައުންސިލާވެސް އަދި ރައްޔިތުންނާވެސް އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި އެވެ. އަދި މިއީ ލާމަރުކަޒީ ގާނޫނުގެ މަގްސަދާ ސީދާ ހިލާފު ނިންމުމެއްކަމަށް ވަނީ ބުނެފަ އެވެ.
ބަޔާނުގައި ބުނެފައި ވަނީ އައްޑޫ ސިޓީ ކައުންސިލަކީ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން އިންތިހާބުކޮށްފައިވާ، ގާނޫނީ ގޮތުން އަމިއްލަ ޝަހުސެއް ކަމަށެވެ. އަދި ކައުންސިލުން އެ ސިޓީގެ ކުރިއަށް އޮތް 5 އަހަރުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، މިފަދަ ނިންމުމެއް ނިންމުމަކީ އައްޑޫ ރައްޔިތުންގެ ނިންމުމަށް ގޮންޖެހުންކަމަށް ވަނީ ސިފަކޮށްފަ އެވެ.
އެމްޑީޕީން އިތުރަށް ބުނެފައިވަނީ، ރަށެއްގެ ބިނާވެށީގެ ޕްލޭނަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ މަޝްވަރާއާއެކު ކަމަށް ޤާނޫނުގައި އޮތުމުގެ މާނައަކީ، ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުތަކަކީ ހިތުހުރި ގޮތަކަށް ބޭނުންކުރެވޭނެ ބާރުތަކެއް ނޫން ކަމަށެވެ.
ލާމަރުކަޒީ ގާނޫނަށް ފުރިހަމައަށް އިހުތިރާމްކޮށް، ރައްޔިތުން ބޭނުންވާ ތަރައްގީ ގެނައުމުގައި ސަރުކާރުން ހުރަހަކަށް ނުވުމަށް ގޮވާލައި އެމްޑީޕީގެ ބަޔާނުގައި ވަނީ އައްޑޫ ސިޓީ ކައުންސިލުގެ ނިންމުންތަކަށް ބޯލަނބައި، ނާގާބިލް ސިޔާސަތުތައް ދޫކޮށްލުމަށް ބުނެފަ އެވެ.
މި މައްސަލައިގައި އައްޑޫގެ މޭޔަރު އަލީ ނިޒާރު ތުހުމަތު ކުރެއްވި ގޮތުގައި، ސަވާހިލް ސަރަހައްދު، އައްޑޫ ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ޓޫރިޒަމްގެ މަސައްކަތަށް ސަރުކާރަށް ނެގުމަށް ނިންމާފައި ވަނީ އެކަމަށް އައްޑޫގެ ބައެއް މެމްބަރުން އެދުމުންނެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހު ކައުންސިލުން އެ ސަރަހައްދު ޓޫރިޒަމަށް ތަރައްގީކުރަން އިއުލާނުވެސް ކުރި އެވެ. ނަމަވެސް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އޭރު އެންގީ، ގާނޫނަށް ގެނެވުނު ބަދަލުތަކުގެ ދަށުން މީހުން ނޫޅޭ ރަށްރަށާއި ސަރަޙައްދުތަކުގައި ޓޫރިޒަމްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

