ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަހުގެ ސަބަބުން، ގައުމުތަކަށް ލިބެމުންދާ ގެއްލުންތަކުގެ ތެރެއިން އޭޝިއާ ސަރަހައްދުން އެންމެ ބޮޑު އިގްތިސޯދީ ގެއްލުމަކާއި ކުރިމަތިލާނީ ދިވެހި ރާއްޖެކަމުގައި ވޯލްޑް ބޭންކުން ލަފާކޮށްފިއެވެ.
ގިނަ ގައުމުތަކަށް ކޮރޯނާ ވައިރަސް ފެތުރި، އެއް މިލިއަނަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާއިރު މި ވައިރަސް ވަނީ ބޮޑު ބަލިމަޑުކަމަކަށް ބަދަލުވެފައެވެ. އަދި ރާއްޖޭން މި ވައިރަސްގެ ޕޮޒިޓިވް 20 ކޭސް ފެނިފަ، ރާއްޖެއަށް ވެސް ވައިރަހުގެ ސަބަބުން އޮތް ނުރައްކާ ދަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ. ކޮރޯނާ ވައިރަސް ރާއްޖެއަށް ފެތުރިޔަ ނުދިނުމަށްޓަކާ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ވެސް ކުރަމުންނެވެ. ރާއްޖެއިން ފަސް ދިވެއްސެއްކު މި ބައްޔަށް ޕޮޒިޓިވް ވީއިރު، އެ މީހުންނަކީ ރާއްޖެއިން ބޭރުން އައިސް ކަރަންޓީން ފެސިލިޓީތަކުގައި ތިބި މީހުންނެވެ.
ވައިރަސް އާއި ގުޅިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގައުމާއި މުހާތަބުކޮށް ދެއްކެވި ވާހަކަފުޅުގައިވަނީ ބަލީގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި އިގުތިސާދަށް އެންމެ ބޮޑަށް ލޮޅުން އަރާ ގައުމުތަކުގެ ތެރޭގައި ރާއްްޖެ ހިމެނޭނެ ކަމަށް ދުނިޔޭގެ މާލީ އިދާރާތަކުން ލަފާކުރާކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.
ގައުމުތަކުގެ އިގްތިސޯދަށް ލިބެމުންދާ ގެއްލުންތަކާއި ގުޅޭގޮތުން ވޯލްޑް ބޭންކުން ބުނެފައިވަނީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ވޯސްޓް ކޭސް ސިނާރިއޯއެއްގައި ނުވަތަ ”އެންމެ ގޯސް ހާލަތު“ ގައި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް މައިނަސް، 13 ނުވަތަ މައިނަސް 8.5 އަށް ވެއްޓިގެންދާނެ ކަމަށެވެ.
ރާއްޖެއަކީ އުފެއްދުންތެރިކަމުގެ ނިސްބަތް ދަށް، ފަތުރުވެރިިކަމުގެ ދާއިރާއަށް ބަރޯސާވާ ގައުމެއްކަމުގައި ވުމުން ބޮޑެތި ގޮންޖެހުންތަކެއް ދިމާވާނެކަމަށް ވޯލްޑް ބޭންކުން ލަފާ ކުރެއެވެ. އަދި ރައްޔިތުންގެ އާއްމު ދިރިއުޅުމުގެ ހާލަތަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށް ވަނީ ބުނެފައެވެ. އޭގެ ތެރޭގައި އެތައް ބައެއްގެ ވަޒީފާތައް ގެއްލިގެން ދިއުމާއި މާލީގޮތުން އަންނާނެ ގޮންޖެހުންތައް ވަނީ ފާހަގަކޮށްފައެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ފަގީރުންގެ ނިސްބަތް ވަރަށް ބޮޑުތަނުން އިތުރުވެގެން ގޮސްދާނެކަމުގެ ކަންބޮޑުވުން އެ އިދާރާއިން ވަނީ ފާޅުކޮށްފައެވެ.
އިގްތިސޯދީ ގޮތުން ގެއްލުންތަކެއް ވީ ނަމަވެސް، އެ ގެއްލުންތައް ފޫބެއްދުމަށް މަސައްކަތްތަކެއް ކުރުމަށް ވޯލްޑް ބޭނުންވަނީ ގޮވާލާފައެވެ. އެގޮތުން، ހަރުދަނާ ސިޔާސަތުތަކެއް ކަނޑައެޅުމާއި އެ ގައުމެއްގެ ރައްޔިތުންގެ ހާލަތު ވަޒަން ކުރުމުގެ ރަނގަޅު މެކޭނިޒަމްއެއް ގާއިމްކުރުމަށް ވަނީ ލަފާދީފައެވެ.
ވޯލްޑް ބޭންކުން ވަނީ މިހާރު ގައުމުތަކަށް ކުރިމަތިވެފައިވާ ހާލަތު ރަނގަޅުވާން ފެށުމާ އެކު، ހުރިހާ ގައުމުތަކުން ވެސް ހަރުދަނާ ސިޔާސަތުތަކެއް އެކުލަވައިލުމަށް ގޮވާލައިފަ އެވެ. މި އުސޫލުތައް އެކުލަވައިނުލާ ނަމަ އިއާދަ ނުކުރެވޭ ވަރަށް ގައުމުތަކުގެ އިގްތިސާދު ވެއްޓިދާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފަ އެވެ.
މީގެ އިތުރުން ވޯލްޑް ބޭންކުން ބުނެފައިވަނީ އިންޑިއާއަކީ އެންމެ ބޮޑު ގެއްލުންތަކާއި ކުރިމަތިލާންޖެހޭނެ އެއް ގައުމު ކަމަށެވެ. އަދި ބަންގްލަދޭޝް، ނޭޕާލް، ބޫޓާން އަދި ސްރީލަންކާއަށް ވެސް އިގްތިސޯދީ ކްރައިސިސްއެއް އަންނާނެ ކަމަށެވެ.
ވޯލްޑް ބޭންކުން އިރުޝާދު ދީފައިވަނީ ގައުމުތަކުން ވަޒީފާ ގެއްލޭ މީހުންނާއި، އަދި މައިގްރެންޓް ވޯކަރުންނަށް ހާއްސަ ސަމާލުކަމެއް ދިނުމަށެވެ.

