ބޭރުގައުމުތަކުން ރާއްޖެއަށް އައި ދިވެހިންގެ ތެރެއިން އެންމެ ފުރަތަމަ ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވި ދިވެހި މީހާ ބަލިން ރަނގަޅުވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ޑރ. މޫސޫ މުރާދު ވިދާޅުވީ، ބައްޔަށް ޕޮޒިޓިވް ވީ ދިވެއްސަކަށް ފަރުވާދީ އެނާ ރަނގަޅުވެފައިވާ ކަމަށެވެ. އަދި އޭނާ ބަލިން ރަނގަޅުވެފައިވާކަން ކަނޑައެޅީ ނެގި، ދެ ސާމްޕަލް ވެސް ޑަބަލް ނެގެޓިވްވުމާއި ގުޅިގެންކަން ޑޮކްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
ކޮވިޑާއި ގުޅިގެން، މީޑިއާތަކަށް މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ސަރުކާރު ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ބަލިން ރަނގަޅުވީ މިދިޔަ މަހު 22 ވަނަ ދުވަހު އިނގިރޭސިވިލާތުން ރާއްޖެ އައި އުމުރުން 38 އަހަރުގެ ދިވެހި މީހާ ކަމަށެވެ. އޭނާ ރާއްޖެ އައިސް ފުރަތަމަ ހުރީ ހޮލިޑޭ އައިލެންޑް ކަރަންޓީން ފެސިލިޓީގަ އެވެ. އަދި ޝައްކުވާ އަލާމާތްތަކެއް ފެނިގެން ޓެސްޓުކޮށްފައިވަނީ، މާޗު މަހުގެ 27 ވަނަ ދުވަހުއެވެ.
ދުވަސްކޮޅަކަށްފަހު ކަރަންޓީން ފެސިލީޓިގައި ހުރި ދިވެއްސައްކު މިއަދު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ފިލިޕީންސް އިން ރާއްޖެ އައި މީހެކެވެ. ސާމްޕަލް ނެގުމާއި ހަމައަށް އޭނާގެ ފަރާތުން އެއްވެސް ބަލީގެ އަލާމާތެއް ފެނިފައިނުވާއިރު ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުރާދު ވިދާޅުވީ ދިވެހި މީހާގެ ސާމްޕަލް ނަގާފައިވަނީ 14 ދުވަހުގެ ކަރަންޓީން މުއްދަތު ހަމަވެ އޭނާ ދޫކޮށްލުމުގެ ކުރިން ކަމަށެވެ. އަދި ފެސިލިޓީގައި ހުރިއިރު ކިރިޔާވެސް ބަލީގެ އަލާމާތެއް ކުރިން ފެނުނުނަމަ އޭނާގެ ސާމްޕަލް ނަގާނެ ކަމަށް ވެސް ވިދާޅުވިއެވެ. އޭނާ މިވަގުތު ވަނީ، ފަރުވާއަށް ވެލިދޫ ކަރަންޓީން ފެސިލިޓީ އަށް ބަދަލުކޮށްފަ އެވެ.
އޭނާ ރާއްޖެ އައިސްފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. ފިލިޕީންސްއިން އެ ދުވަހު ރާއްޖެ އައި މީހުންގެ ތެރޭގައި ފިލިޕިންސްގެ މެނީލާގައި ޑޮކްޓަރުކަމާއި ޕައިލެޓުކަން ކިޔަވަން ތިބި ދަރިވަރުންތައް ހިމެނެއެވެ.
ޑރ. މުރާދު ވަނީ ފަރުވާދެމުން ދާ، ހަތަރު ދިވެހިންގެ ހާލުވެސް ރަނގަޅުކަން ފާހަގަކުރައްވާފައެވެ.

