ކޮރޯނާ ވައިރަސްއިން ފެތުރިޔަނުދިނުމަށް އަޅަމުން އަންނަ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން، ބޭރުގެ ގައުމުތަކުން ރާއްޖެ އައުމަށްފަހު 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަވި 800 އަށް ވުރެ ގިނަ މީހަކު ބައްޔަށް ޓެސްޓުކުރުމަށްފަހު އެ އެންމެންގެ ވެސް ނަތީޖާ ނެގެޓިވްވުމުން ކަރަންޓީނުން ދޫކޮށްލައިފިއެވެ.
ހައި ރިސްކު މީހުން ޓެސްޓުކޮށް، ނެގަޓިވް ނުވަނީސް ކަރަންޓީނުން ދޫނުކުރާ ގޮތަށް އަމަލު ކުރަމުން އައި އުސޫލަށް ބަދަލު ގެނެސް، ރާއްޖޭގައި ކަރަންޓީނުކުރާ ހުރިހާ އެންމެން ޓެސްޓުކުރަން ނިންމާފައިވަނީ އައިލޭންޑް ސަފާރީ ކޭސްއާއި ގުޅިގެންނެވެ. އެ ކޭސްގައި ހައިރިސްކު ކޮންޓެކްޓު ވެ ކަރަންޓީން ކުރި މީހުންގެ ތެރެއިން ދެ މީހަކު ބައްޔަށް ޕޮޒިޓިވްކަން އެނގުނީ އިޓަލީއަށް ދިއުމަށް ފަލައިޓުގައި ތިއްބައެވެ.
ބޭރުގެ އެކި ގައުމުތަކުން އަންނަ ދިވެހިން ވެސް 14 ދުވަހަށް ކަރަންޓީނު ކުރުމަށް ނިންމާފައިވާއިރު، އެ މީހުންގެ ކަރަންޓީން މުއްދަތަށް ބައްޔަށް ޓެސްޓުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ދޫކޮށްލާނީ އެ މީހެއްގެ ނަތީޖާތައް ލިބި ބައްޔަށް ނެގެޓިވްވުމުން ނެވެ. އަދި އޭގެ އިތުރުން ހުން އަދި ރޯގާގެ އަލާމާތެއް ހުރިތޯ ބެލުމަށް ”އެގްޒިޓް ސްކްރީނިން“ އެއް ވެސް ކުރާނެއެވެ. ކަރަންޓީންގެ 14 ދުވަސް ގުނަން ފަށަނީ އެ މީހަކު ކަރަންޓީން ފެސިލިޓީ އަކަށް ގެންދާ ދުވަހުގެ ފަހު ދުވަހުން ފެށިގެންނެވެ.
ކޮރޯނާ ވައިރަސް އާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ދޫކޮށްލި މީހުުންގެ ތެރޭގައި ޕޮޒިޓިވް ވެ ބައްޔަށް ފަރުވާދީ ރަނގަޅުވީ އެއް ދިވެއްސަކު ހިމެނޭ ކަމަށެވެ.
މަބްރޫކް ވަނީ ރިސޯޓުތަކާއި، ސަފާރީތައް ހިމެނޭހެން 9،000 މުވައްޒަފަކަށް ރަށުން ފޭބުމުގެ ހުއްދަދީފައިވާކަން ފާހަގަކުރައްވާފައެވެ. ފަތުރުވެރިންނަށް ހިދުމަތް ދޭ ރިސޯޓުތަކާއި ސަފާރީތަކުން މުވައްޒަފުންނަށް ފޭބޭނީ އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ފަހުންނެވެ. އަދި އެ ހުއްދަ ދެއްވާނީ ޑިރެކްޓާރ ޖެނެރަލް އޮފް ޕަބްލިކް މައުމޫނާ އަބޫބަކުރު އެވެ.
ކަރަންޓީން ފެސިލިޓީތަކުން މިވަގުތު އިތުރު 85 ސާމްޕަލް ނަގާފައިވާއިރު، ފެސިލިޓީތަކުގައި ތިބީ 907 މީހުންނެވެ. އަދި އައިސޮލޭޝަންގައި 11 މީހަކު އެބަތިއްބެވެ.
ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 20 އަރާފައެވެ. އޭގެ ތެރޭގައި ފަސް ދިވެހިންވެސް ހިމެނެއެވެ. އޭގެ ތެރެއިން އެކަކު ވަނީ ރަނގަޅުވެފައެވެ. އަދި ބަލިޖެހުނު ބިދޭސީންގެ ތެރެއިން 13 މީހަކު ވަނީ ރަނގަޅުވެފަ އެވެ.

