ބްލޫ ސިނާޖީ އިންވެސްޓްމަންޓްސް އާއި ލަންޑަންގެ އެމެރަލްޑް ކޯޕަރޭޓްސް ގުޅިގެން ތ. އަތޮޅުގައި 175 މިލިއަން ޑޮލަރުގެ ”ސަސްޓެއިނަބަލް ޓައުންޝިޕެއް“ ތަރައްގީކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއީ ރާއްޖޭގެ ދެކުނުގެ އަތޮޅެއްގައި ހިންގުމަށް ހަމަޖެހިފައިވާ ތިމާވެއްޓާ ރައްކާތެރި ބޮޑު މަޝްރޫއެކެވެ.
”ތާ އައިލެންޑް ކްލަސްޓަ ސަސްޓެއިނަބަލް ޓައުންޝިޕް“ ގެ ނަމުން ނަންދީފައިވާ މި މަޝްރޫއަކީ އިއާދަކުރަނިވި ހަކަތައަށް ބަރޯސާވެގެން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ސޯލާ ހަކަތައާއި، ކަނޑުގެ ހަކަތަ ބޭނުންކުރުމުގެ އިތުރުން މަތީ ފެންވަރުގެ އިކޯ-ރިސޯޓްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއަކީ ތިމާވެއްޓާ ރައްކާތެރި، އަމިއްލައަށް ހަކަތަ އުފައްދާ ”ނިއާ-ނެޓް-ޒީރޯ“ ޖަޒީރާ މުޖުތަމައުތަކަށް ނަމޫނާ މަޝްރޫއަކަށް ވާނެ ކަމަށް ބްލޫ ސިނާޖީ އިންވެސްޓްމަންޓްސް އިން ބުނެއެވެ. މީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަވެ، ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިވާނެއެވެ.
މަޝްރޫއުގެ މާލީ އެހީތެރިކަން އެމެރަލްޑް ގްރޫޕުން ދޭއިރު، ރާއްޖޭގައި އަމަލީ މަސައްކަތްތައް އިސްކޮށް ބަލަހައްޓަވާނީ ބްލޫ ސިނަޖީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޔާޒެވެ. މި މަޝްރޫއުގެ ސަބަބުން ތ. އަތޮޅުގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ބެލެވެއެވެ.
މީގެ އިތުރުން ނ. އަތޮޅުގައިވެސް 790 މިލިއަން ޑޮލަރުގެ ބޮޑު ޓައުންޝިޕް މަޝްރޫއެއް ކަމަށްވާ ”އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް“ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ދަށުން ކުރިއަށްދާކަން ފާހަގަކުރެވެއެވެ. މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ބޮޑެތި އިންވެސްޓްމަންޓްތައް އިތުރުވަމުންދާ ކަމުގެ ހެއްކެކެވެ.

