ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮޅުވާލުމެއްގެ ތެރެއިން މުވައްޒަފުން ވަކިކުރަނީ މުސާރަދޭނެ ފައިސާ ނެތުމުން: މައުރޫފް

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަމުންދަނީ ބޭރުގެ މާލީ އިދާރާތަކަށް ހަރަދު ކުޑަކުރާކަން ދެއްކުމަށާއި، ސިޔާސީ ބޭނުމެއްގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

އިދިކޮޅު އެމްޑީޕީން އާޓިފިޝަލް ބީޗުގައި ބޭއްވި ”ޖޮބް ބުރާސްފަތި“ ޕެނަލް ބައްދަލުވުމުގައި މައުރޫފް ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުން 30 އިންސައްތަ މުވައްޒަފުން ނުވަތަ ގާތްގަނޑަކަށް 14,000 މީހުން ވަކިކުރަން އުޅޭކަމުގެ ބިރުވެރިކަން މިއަދު އޮތްއިރު، މިއީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މައުރޫފް ވިދާޅުވި ގޮތުގައި، ރައީސް މުޢިއްޒުގެ ސަރުކާރުން ސިޔާސީ މަގާމުތައް މަދުކުރާނެ ކަމަށް ބުނި ނަމަވެސް، އަމަލީ ގޮތުން ފެންނަނީ ކޮންމެ ހަފްތާއަކު އާ ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރާ މަންޒަރެވެ. އޭގެ ބަދަލުގައި، ކުންފުނިތަކުގެ އާދައިގެ މުވައްޒަފުން ވަކިކުރަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) މެދުވެރިކޮށް މަސައްކަތް ކުރަމުންދަނީ މުސާރަދޭނެ ފައިސާ ނެތުމުންކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

މުސާރަ ދެވޭނެ އެއްވެސް ގޮތެއް ނެތްއިރު، ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކޮށްގެން ނޫން ގޮތަކަށް އަންނަ މަހު މުސާރަ ދެވެން ނެތްކަމަށް މައުރޫފް ވިދާޅުވި އެވެ. މައުރޫފް ވިދާޅުވީ މިއީ ފައިސާ ޗާޕު ނުކުރާނެކަމަށް ބުނެ، މަކެޓަށް ފައިސާ އިތުރުކޮށް ރައްޔިތުންނަށް އޮޅުވާލުން ކަމަށެވެ. މީގެ ސަބަބުން ޑޮލަރުގެ އަގު އިތުރަށް އުފުލިގެންދާނެކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

މާދަމާވެސް މުސާރަ ދޭނެ ހަމަ އެއްވެސް ގޮތެއް ނެތް. ޕެންޝަން ފަންޑުގައި ހުރި ފައިސާކޮޅު ބޭނުންކޮށްގެން ނޫނީ މިއަންނަ މަހު މުސާރަ ދެވޭކަށް ނެތް. މިއީ ފައިސާ ޗާޕްނުކުރާނަމޭ ބުނެ، މާކެޓަށް ފައިސާ އިތުރުކޮށް އޮޅުވާލުން

ސަރުކާރު ހިންގުމުގައި ކުރީގެ ސަރުކާރުތަކުން ބޭރުގެ ހިލޭ އެހީއާއި ގްރާންޓްތައް ހޯދާފައިވީ ނަމަވެސް، މި ސަރުކާރަށް ބޭރުގެ އެއްވެސް އެހީތެރިކަމެއް ނުލިބޭކަން މައުރޫފް ފާހަގަކުރެއްވިއެވެ. ވެރިކަމަށް އައުމުގެ ކުރިން ދެއްކި ގްރީން ސިގްނަލްތަކުގެ ވާހަކަ މިހާރު ފެންނަން ނެތްކަމަށާއި، އިންޓަނޭޝަނަލް މަނިތަރީ ފަންޑު (އައިއެމްއެފް) އާއި ވޯލްޑް ބޭންކް ފަދަ އިދާރާތަކަށް ހަރަދު ކުޑަކުރާކަން ދެއްކުމުގެ ގޮތުން ”ރައިޓް ސައިޒް“ ކުރުމުގެ ނަމުގައި މުވައްޒަފުން ވަކިކުރަނީކަމަށް މައުރޫފް ވިދާޅުވިއެވެ.

ވަޒީފާއިން މުވައްޒަފުން ވަކިކުރުމުގައި ބައިނަލްއަޤްވާމީ އުސޫލުތަކާއި ރާއްޖޭގެ ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުން ބޯނުލަނބާކަމަށް މައުރޫފް ވިދާޅުވިއެވެ. މައުރޫފް ވިދާޅުވީ މުވައްޒަފަކު ރިޑަންޑެންޓް ކުރެވޭނީ އެމީހަކު ކުރާ މަސައްކަތް ނުވަތަ މަސްއޫލިއްޔަތު އެއްކޮށް ހުއްޓުމުންކަމަށެވެ. ނަމަވެސް މިހާރު ފެންނަނީ އެތައް އަހަރެއްގެ ތަޖުރިބާ ހުރި، އެމްޑީޕީގެ ފިކުރުގެ މީހުން ބަލައި އެ މީހުން ވަކިކުރާ މަންޒަރުކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރަށްރަށުގެ ކުންފުނިތަކުގެ ގޮފިތަކުން މީހުން ވަކިކުރުމަށްފަހު، ހަމަ އެދުވަހު ސިޔާސީ ޕްރެޝަރާ ހުރެ ވަޒީފާ އިއާދަކުރާ މަންޒަރު ފެންނަމުންދާކަމަށާއި، މިއީ އެއްވެސް ޕްލޭނެއް ނެތި ސަރުކާރުން އަންގާހާ ގޮތަކަށް އަމަލުކުރުމުގެ ނަތީޖާކަމަށްކަމަށް މައުރޫފް ސިފަކުރެއްވިއެވެ.

މައުރޫފް ވިދާޅުވީ ނުހައްގުން ވަޒީފާއިން ވަކިކުރާ މުވައްޒަފުންގެ ހައްގުގައި އެމްޑީޕީން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ޕާޓީގެ ލީގަލް ޓީމުން މިހާރުވެސް ގިނަ މައްސަލަތަކެއް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅަމުންދާކަމަށާއި، ސަރުކާރުން ރައްޔިތުން ބިކަކުރަން ކުރާ މި މަސައްކަތް ހުއްޓުވަން ނުކުންނަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: