ދިވެހިރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޯވިޑް-19 އަށް ފަރުވާދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ނިންމައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) ގައި އާދިއްތަދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިންނާއި މަޢުލޫމާތު ހިއްސާ ކުރައްވަމުން މަބްރޫކް ޢަޒީޒު ވިދާޅުވީ، ދިވެހިރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޯވިޑް-19 އަށް ފަރުވާދެވޭނެ އިންތިޒާމު ހަމަޖައްސާފައިވަނީ، ހޮސްޕިޓަލުތަކުގައިކަމަށާއި، އެ ތަންތަން އިތުރަށް މިހާރު ތަރައްޤީކޮށްފައިވާކަމަށެވެ.
މަބްރޫކް ވިދާޅުވީ، އެ ތަންތަން ތަރައްޤީކޮށްފައިވަނީ، އައިސީޔޫ އެނދާއި، އައިސޮލޭޝަން އެނދުގެ އިތުރުން ޓެސްޓުކުރުމުގެ އިންތިޒާމާއެކު ކަމަށެވެ.
މި ގޮތުން ފަރުވާދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ހޮސްޕިޓަލުތަކުގެތެރޭގައި، ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި، ގއ.އަތޮޅު ހޮސްޕިޓަލާއި، ލ.ގަން ރީޖަނަލް ހޮސްޕިޓަލާއި، ބ.އަތޮޅު ހޮސްޕިޓަލާއި، ށ.އަތޮޅު ހޮސްޕިޓަލްގައެވެ.

މަބްރޫކް ވިދާޅުވީ، ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި 23 އައިސީޔޫ އެނދާއި، 22 އައިސޮލޭޝަން އެނދު ގާއިމް ކޮށްފައިވާ ކަމަށާއި އަދި ގއ.އަތޮޅު ހޮސްޕިޓަލުގައި 23 އައިސީޔޫ އެނދާއި، 12 އައިސޮލޭޝަން އެނދު، ލ.ގަން ރީޖަނަލް ހޮސްޕިޓަލުގައި 20 އައިސީޔޫ އެނދާއި، 23 އައިސޮލޭޝަން އެނދު ޤާއިމުކުރެވިފައިވާނެ ކަމަށެވެ.

މީގެ އިތުރުން، ބ.އަތޮޅު ހޮސްޕިޓަލުގައި، 20 އައިސީޔޫ އެނދާއި، 37 އައިސޮލޭޝަން އެނދު ހިމެނޭނެކަމަށާއި ހަމަ އެ ޢަދަދަށް ށ.އަތޮޅު ހޮސްޕިޓަލްގައި ވެސް އެނދު ހުންނާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، އެ ހޮސްޕިޓަލުތަކުގައި ފަރުވާދޭނީ، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކާއެކު ކަމަށާއި، މި ގޮތުން ފަރުވާދޭނީ ވަކި ސަރަހައްދެއް އެ ކަމަށް ހާއްސަކޮށްގެެން ކަމަށެވެ.
މަބްރޫކް ވިދާޅުވީ، ވަކި ކުރެވިފައިވާ ސަރަހައްދުގައި ވަދެނިކުމެ ހަދަން ވަކި ޚާއްސަ ދޮރެއް ހުންނާނެކަމަށާއި، ކޯވިޑް-19 އާއި ގުޅިގެން، އެ ތަނެއްގައި ބާއްވާ ބަލިމީހަކު ބަލާ ޑޮކްޓަރަކަސް އަދި ނަރުހަކަސް ނޫންނަމަ ޝައްކުކުރެވޭފަދަ ޢަލާމާތްތަކެއް ހުރެގެން އެ ތަނަށް ވަންނަ މީހާ ވެސް ވަންނާނީ ހޮސްޕިޓަލުގެ އެހެން ދޮރަކުން ކަމަށެވެ.
”މީގެތެރެއިން ބައެއް ހޮސްޕިޓަލްތަކަކީ މިހާރުވެސް ބޭނުންކުރެވެމުން އަންނަ ހޮސްޕިޓަލުކަން ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެ ހޮސްޕިޓަލުތަކުގައި ވަކި ސަރަހައްދެއް ވަކިކުރެވިފަ. އެ ސަރަހައްދަކީ ހަމައެކަނި ވަކި ދޮރަކުން ވަދެ ނިކުމެވޭ ތަނެއްގެ ގޮތުގަ މާނައަކީ، ޢަންމު ގޮތެއްގަ ސިއްހީ ޚިދުމަތް ހޯދަން އަންނަ މީހުންނާ ދިމާވާ ޑޮކްޓަރުންނާއި، ނަރުހުންނާ ވަކި ދޮރުތަކަކުން ވަންނާނީ، މި ކޯވިޑް-19 އާއި ގުޅިގެން އެ ތަނެއްގަ ބޭއްވޭ މީހަކާ ބަލާ ޑޮކްޓަރެއްވިޔަސް ނަރުހެއްވިޔަސް އަދި މި ބައްޔަށް ޝައްކުކުރެވިގެން ވަންނަ މީހެއްވެސް ވަންނާނީ ހޮސްޕިޓަލުގެ އެހެން ދޮރަކުން.“ މަބްރޫކް
މަބްރޫކް ވިދާޅުވީ، ހޮސްޕިޓަލުތަކުގައި ޓީބީއަށް ޓެސްޓުކުރުމަށް ހުންނަ ”ޖީއެން އެކްސްޕާޓް“ މެޝިންތަކަށް ލައްވާ ވަކި ވައްތަރެއްގެ ކާޓްރިޖެއް، ކޯވިޑް-19 އަށް ޓެސްޓުކުރެވޭގޮތަށް އީޖާދުކުރެވިފައިވާކަމަށާއި، އެ ކާޓްރިޖްތައް މިހާރު ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަޅުގަނޑުމެން ޓާރގެޓްކޮށް މިހާރު މި މަސައްކަތްކުރަނީ، މި ހުރިހާތަނަކީ ވެސް ޓެސްޓު، ބައްޔަށް ޓެސްޓު ކުރެވޭނެ ތަންތަނުގެ ގޮތުގަ ހެދުމަށް. ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ޖީއެން އެކްސްޕާޓް، މެޝިންތަކެއް މި ތަންތާގަ މިހާރުވެސްހުރޭ. އެއީ ޓީބީއަށް ޓެސްޓުކުރުމަށް ކުރިން ބެހެއްޓިފަ ހުންނަ މެޝިންތަކެއް. އެ މެޝިންތަކަށް ލައްވާ ވަކި ވައްތަރެއްގެ ކާޓްރިޖެއް ކޮވިޑް-19 އަށް، ޓެސްޓުކުރުމަށް ލެއްވޭ ގޮތަށް މިހާރުވަނީ އީޖާދު ކުރެވިފަ. އެ އެއްޗެހި ރާއްޖެއަށް ގެނައުމުގެ މަސައްކަތް އެ ސެކިއާކުރުމުގެ މިހާރު ކުރެވެމުންއެބަދޭ.“ މަބްރޫކް
ކޯވިޑް-19 އާއި ގުޅިގެން މިހާރުވެސް ދަނީ އެކި ރިސޯޓުތަކުގައި ފެސިލިޓީތައް ޤާއިމުކޮށް ފަރުވާދެމުންނެވެ.

