މިއަހަރުގެ މިނިވަން ދުވަހާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި ޕާސްޕޯޓުގެ ޚިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، މިނިވަން ދުވަހުގެ ބަންދު ދުވަސްތަކުގެ ތެރެއިން ޖުލައި 26 އަދި 27 އަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވީނަމަވެސް، އެ ދުވަސްތަކުގައި ޚިދުމަތްދޭނެކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
މި ދެ ދުވަހު ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30 އިން 17:00 އަށެވެ. މިގޮތުން ކިއުބީ އެޕްލިކޭޝަން ނުވަތަ އިމިގްރޭޝަނަށް ހާޒިރުވެ ނަމްބަރު ނެގޭނެކަމަށް އިމިގްރޭޝަނުންވަނީ މައުލޫމާތުދީފައެވެ. އަދި މާދަމާ ޕާސްޕޯޓާއި ހަވާލުވާން ނަމްބަރު ދޫކުރާނީ 08:30 އިން ފެށިގެން 16:00 އާއި ހަމައަށެވެ.
މި ނިންމުމަކީ ބަންދު ދުވަސްތަކާ ދިމާކޮށް ރާއްޖޭއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެކެވެ. ޚާއްޞަކޮށް ޗުއްޓީ ދުވަސްވަރު ޕާސްޕޯޓަށް އެދޭ މިންވަރު އިތުރުވެފައިވާތީ، ވީހާވެސް އަވަހަށް ރައްޔިތުންނަށް ޕާސްޕޯޓު ފޯރުކޮށްދިނުމަކީ އެ މުއައްސަސާގެ މަޤްޞަދެއް ކަމަށް އިމިގްރޭޝަނުން ބުނެއެވެ. މީގެއިތުރުން ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ”އިމުގާ“ ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް ހުށަހެޅޭނެއެވެ. އަދި ޕާސްޕޯޓު ތައްޔާރުވުމުން އެކަން އެ ފަރާތަކަށް އަންގާނެ ކަމަށާއި، ބަންދު ދުވަސްތަކުގައި ޕާސްޕޯޓު ދޫކުރާނީ މާލޭގައި ހުންނަ އިމިގްރޭޝަނުގެ މައި އޮފީހުންނެވެ.
އަދި ހުޅުމާލެ އިމިގްރޭޝަނުން ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ހެނދުނު 8:30 އިން 16:00 އަށް ލިބިގެން ދާނެއެވެ. މިގޮތުން ކިއުބީ އެޕްލިކޭޝަން ނުވަތަ އިމިގްރޭޝަނަށް ހާޒިރުވެ ނަމްބަރު ނެގޭނެއެވެ. އިމިގްރޭޝަނުން ވިދާޅުވީ، މެޑިކަލް އެމާޖެންސީ ހާލަތްތަކުގައި 9555333 އަށް ގުޅައިގެން ޕާސްޕޯޓްގެ ހިދުމަތް ލިބިގެން ދާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އަވަސްކޮށް، ލުއިފަސޭހަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބަންދު ދުވަސްތަކުގައިވެސް ޒަރޫރީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

