މިއަދު ބޭއްވުމަށް ހަމަޖެއްސި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ކެންސަލް ކުރައްވައިފިއެވެ.
މިއަދުގެ ޖަލްސާ ކެންސަލް ކުރި ސަބަބު ސާފް ކުރުމަށް ”ސަންގު“ އިން މަޖިލީޙުގެ މީޑިއާ އޮފިޝަލަށް ގުޅިނަމަވެސް ފޯނަށް ޖަވާބް ނުދެއްވާތީ މަޖިލީޙުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ނަމަވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ”ސަންގު“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަޖިލީޙުގެ މިއަދުގެ ޖަލްސާ ފަސްކޮށްފައިވާކަން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު މެމްބަރުންނަށް އަންގަވާފައިވާ ކަމަށެވެ. ނަމަވެސް ޖަލްސާ ފަސްކުރެއްވި ސަބަބް އެނގިވަޑައިނުގަންނަވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މަޖިލީޙުގެ ގަވާއިދު ބުނާ ގޮތުން ޖަލްސާތައް ބޭއްވުމާއި މަޖިލީޙުގެ ޖަލްސާގެ އެޖެންޑާ ކަނޑައެޅުމަކީ މަޖިލީހުގެ ރައީސްއަށް ލިބިވަޑައިގެންފައިވާ ބާރެއް ކަމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލް ކުރިއިރު މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ ކައުންސިލްތަކުގެ އިންތިހާބް ފަސްކުރުމަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެން ހުށަހެޅުއްވި ބިލާއި އަދި މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ބިލެވެ.
މީގެތެރެއިން ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމަށް ހިސާން ހުށަހެޅުއްވި ހާއްސަ ބިލްގެ ފުރުތަމަ ކިޔުން ވަނީ މިދިޔަ ހަފްތާގައި ބޭއްވި މަޖިލީޙުގެ ޖަލްސާގައި އިއްވާފައެވެ. އަދި ހަސަން ލަތީފް ހުށަހެޅުއްވި ބިލްގެ ވެސް ވަނީ ފުރަތަމަ ކިޔުން އިއްވާފައެވެ.

