ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ދަށުން ސަރުކާރު މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ، ކޮވިޑް-19 އާއި ގުޅިގެން ބަންދު ކުރި ދުވަސްތަކުގައި މަސައްކަތަށް ނެރޭ މުވައްޒަފުންނަށް އެކަނި ލިބޭގޮތަށް އުސޫލެއް ކަނޑައަޅައިފިއެވެ.
މުޅި ދުނިޔެއާއި ރާއްޖެއަށްވެސް ކުރިމަތިވެފައިވާ ކޮވިޑް-19 އާއި ގުޅިގެން، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ގިނަ ކަންތައްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން އިތުރު ގަޑީގެ ފައިސާ ދޭނެ އުސޫލެއް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އޮފީސް ތަކަށް ވަނީ ފޮނުއްވާފައެވެ.
މިނިސްޓަރު ފޮނުއްވި ސާކިއުލާގައިވާ ގޮތުން ރާއްޖޭގައި ކޮވިޑް-19 އާއި ގުޅިގެން ސަރުކާރު ބަންދު ކޮށްފައިވާ ދުވަސްތަކުގައި އިތުރު ގަޑީގެ ފައިސާ ދެވޭނީ ބަންދު ދުވަސްތަކުގައި މެދުކެނޑުމެއް ނެތި ހިދުމަތް ދޭން މަސައްކަތަށް ނެރެފައިވާ މުވައްޒަފުންނަށެވެ.
އިތުރުގަޑީގެ ފައިސާ ދިނުމާއި ދިނުމާއި ބެހޭގޮތުން ފޮނުވި އުސޫލުގައި އިތުރަށް ބުނެފައިވާ ގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅުއްވާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ދައުލަތުގެ އިދާރާ ތަކުން މަސައްކަތަށް ނެރެފައިވާ މުވައްޒަފުންނަށްވެސް އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.
އޭގެ އިތުރުން ދައުލަތުގެ އިދާރާ އަކުން ކޮންމެހެން ދޭން ޖެހޭ ހިދުމަތެއް ދިނުމަށްޓަކައި އެ އިދާރާގެ އެއްގެ އެންމެ އިސްވެރިއަކު އަންގާ ގޮތެއްގެ މަތިން މަސައްކަތަށް ނެރެފައިވާ މުވައްޒަފުންވެސް މި އުސޫލުގެ ތެރެއިން އިތުރު ގަޑީގެ ފައިސާ ލިބޭ މުވައްޒަފުން ލިސްޓުގައި ހިމެނެއެވެ.
އިތުރު ގަޑީގެ ފައިސާ ހަމަޖައްސަން ވާނީ ރަސްމީ ގަޑީގެ ގޮތުގައި އެ މުވައްޒަފަކު، ކަނޑައަޅާފައިވާ ވަގުތަށްވުރެ އިތުރަށް މަސައްކަތް ކުރުމުން ކަމަށްވެސް އުސޫލުގައިވެއެވެ. އެގޮތުން ހެނދުނު 8 އިން މެންދުރު 2 މަސައްކަތްކުރާ މުވައްޒަފުންނަމަ އިތުރުގަޑީގެ ފައިސާ ދިނުމަށް އަންގާފައިވަނީ ހަ ގަޑިއިރު ހަމަ ކުރުމަށްފަހު އިތުރަށް މަސައްކަތް ކުރި ވަގުތަށެވެ.
މީގެ އިތުރުން ރަސްމީގަޑީގެ ބައެއްގައި ނުވަތަ ރަސްމީ މަސައްކަތުގައި ފަހުގެ ވަގުތުތަކެއްގައި މަސައްކަތް ކުރުވި ނަމަވެސް އިތުރު ގަޑީގެ ފައިސާ ދޭން ވާނީ އެ މަސައްކަތް ކުރުވި ވަގުތުން ފެށިގެން ހަ ޑިއިރު ހަމަ ކުރުމަށް ބުނެފައިވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދު ވެސް ވަނީ ވަރަށް ބޮޑަށް އަޑި އަޅާލާފައެވެ. އަދި އެކަމާއި ގުޅިގެން ސަރުކާރުގެ ހަރަދުތައް އިތުރަށް ކުޑަ ކުރުމަށްޓަކައި ބޮޑެތި މުސާރަތައް ދެމުން އަންނަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުސާރައިގެ އޮނިގަނޑުތައް ރިވިއު ކުރަން ވަނީ ނިންމާފައެވެ.
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ ބަޖެޓަށް އިތުރުވާ ހަ ބިލިއަން ރުފިޔާއާ އެކު ދައުލަތުގެ ބަޖެޓު 12 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވެއެވެ. ސަރުކާރުގެ ހަރަދުތައް މެނޭޖު ކުރުމަށްޓަކައި އެއް ބިލިއަން ރުފިޔާ ކުޑަ ކުރުމަށް ނިންމާފައިވާ އިރު މި އަދަދު އިތުރަށް ކުޑަ ކުރަންވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ

