މީގެކުރިން ރާއްޖޭގައި އޮތީ ”ގޮނޑިކޮއްކޮ“ ހާރިޖީ ސިޔާސަތު ކަމަށާއި އެހެންނަމަވެސް މިސަރުކާރަކީ ”މޯލްޑިވްސް ފަސްޓް ފޮރިންގ ޕޮލިސީ“ އެއް ގެންގުޅޭ ސަރުކާރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް ވިދާޅުވީ މިނިވަންކަމަކީ އޭގެ މާނަ ވަރަށް ފުންކަމެއް ކަމަށާއި، ހަމައެކަނި ސިޔާސީ ގޮތުން މިނިވަންކަން ލިބުމަކުންނެެއް ގައުމެއް މިނިވަން ވެގެންދާ ކަމަކަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އެއާއިއެކު ހާރިޖީގޮތުން ލިބިގެންދާ މިނިވަންކަމާއި ދާހިލީގޮތުން އެގައުމެއްގައި މިނިވަންކަން އޮތް މިންވަރާއި، ޝަރުއީ ގޮތުން މިނިވަންކަން އޮތް މިންވަރާއި، އިގްތިސޯދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ގައުމު މިނިވަންކަމާއި، ތަރައްގީއާއި ތަމައްދުންގެ މިނިވަންކަމަކީ ގައުމުގެ ހަގީގީ އިހުސާސް ކުރާނެ ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގައުމިއްޔަތުގެ އެންމެ މައިގަނޑު ބިންގާ ކަމުގައިވާ އިސްލާމް ދީނައި، މާދަރީ ބަހާއި، މި މުއްސަނދި ސަގާފަތަކީ އެކަންކަން ދިރުވާ އާލާ ކުރުމުގެ އަޒުމު ކޮންމެ މީހެއްގެ ހިތުގައި އެކަންކަން އަށަގަނެ އެކަންކަން ކުރުމުގައި އަމިއްލަ ނަފްސަށާއި ގައުމަށް ކަންކަން ކޮށްދިނުމުގައި ދެމިތިބެންޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ ހާރިޖީ މިނިވަންކަމަށް ބަލާއިރު ސަރުކާރުގެ ސިޔާސަތު ވަރަށް ސާފު ކަމަށެވެ. ދިވެހިންނަށް އިސްކަން ލިބޭ ކަމަށާއި އަދި ރާއްޖެއަށް ރަނގަޅުގޮތް އަބަދުވެސް ވާނެ ގޮތް އިސްކޮށް ދިވެހިންނާއި އެކު މަސައްކަތް ކުރާންތިބި މީހުންނާއިއެކު ގާތްގުޅުމެއް ބޭއްވުމުގެ ސިޔާސަތު ނުވަތަ ”މޯލްޑިވްސް ފަސްޓް ފޮރިންގ ޕޮލިސީ“ އެއް ގެންގުޅުއްވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މިގައުމުގައި އެކި ސަރުކާރު ތަކުން އެކި ކަހަލަ ފޮރިންގ ޕޮލިސީތައް ގެންގުޅެފައިވޭ. އެހެންބައެއްގެ އަތް ދަށުގައި ނޫނީ އެބައެއްގެ ބާރުގެ ދަށުގައި، ރާއްޖޭގެ ހާރިޖީ މިނިވަންކަން ގެންގުޅެފައިޥާ ދުވަސްތަކެއްވެސް ގޮސްފައި އެބަހުރި. އާދައިގެ ބަހަކުން ދަންނަވަންޏާ ގޮނޑިކޮށްކޮ ހާރިޖީ ސިޔާސަތު. އެއީ މިގައުމަކަށް ހެޔޮ ގޮތެއް ނޫން. މިއީ ފަހުރުވެރި ދިވެހި ދިވެހިންގެ ރާއްޖެ. މި ދިވެހިންގެ ރާއްޖޭގައި އިސްކުރަންޖެހޭނީ ދިވެހިން. އެއީ އަޅުގަނޑުމެންގެ ސިޔާސަތު. އަޅުގަނޑުމެންގެ ސިޔާސަތުގައި މުޅި ދުނިޔޭގެ ހަމަ ހުރިހާ ގައުމަކާއި އެކު ގުޅުން އޮންނާނެ އިސްރާއިލް ފިޔަވާ
ރައީސް ވިދާޅުވީ ދިވެހި ރައްޔިތުންގެ ވިންދާ ގުޅިފައިވާ މުހިންމު ބަޔަކީ ފަލަސްތީނު ކަމަށާއި، އެހެންކަމުން ފަލަސްތީނުގައި ގަތުލުއާއްމު ހިންގާ އިސްރާއިލުގެ ޕާސްޕޯޓުގައި ރާއްޖެ ނާްދެވޭ ގޮތަށް އެ ޕާސްޕޯޓު ބޭންކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީގެ ވެރިކަން ގައިމުގައި ހިނގި ހުރިހާ ފަހަރަކުވެސް ކަންކަން ދަނީ އިދިކޮޅަށް ކަމަށާއި ރާއްޖޭގައި އޭރު ތަންފީޒު ކުރީ ޕްރޯ އިސްރޭލު ޕޮލިސީއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމަމިއާއިއެކު އަރަބި އިސްލާމީ ގައުމުތަކާއި އެސަރުކާރުން ދުރުވިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެއީ ދިވެހިންނާއި ދޯޅު ގޮތެއް ނޫން ކަމަށެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ހަނގުރާމަ ތަކަކީ ގަބޫލުކުރާ ހަމައެއް ނޫން ކަމަށާއި، މެދުްިރުމަތީގައި ހިނގަމުންދާ ހަނގުރާމައަކީ ދިވެހިން ދެކޮޅު ހަނގުރާމައެއް ކަމަށެވެ. މި ސަރުކަރުން އަބަދުވެސް އިސްކުރައްވާނީ ސުލްހަ ކަމަށާއި، އެހެންކަމުން ކަންކަން ހައްލުކުރުމުގައި ސުލްހަވެރިކަން އިސްކުރައްވަން ރައީސް ވަނީ ގޮވާލައްވާފައެވެ.

