ޑިޒައިން، ބިލްޑް އަދި ޕްރީ-ކާސްޓް އުސޫލުން ދެ ރަށެއްގައި ޕޮލިސް ސްޓޭޝަން ޢިމަރާތްކުރުމުގެ މަސައްކަތް ކުރުމަށް ބިޑް ހުށަހަޅަންދީފައި އޮތް މުއްދަތަށް ބަދަލު ގެނެސްފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސްއިން އާދިއްތަ ދުވަހު ބުނީ، ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، 19 މާރިޗުން ފެށިގެން ސަރުކާރު ބަންދުކުރުމާއި ގުޅިގެން، އެ މިނިސްޓްރީން ކުރިންކޮށްފައިވާ އިޢުލާނުގައިވާ ރަޖިސްޓްރޭޝަންގެ މުއްދަތާއި، ބިޑް ހުށަހެޅުމުގެ ތާރީޚަށް ބަދަލުގެނެސްފައިވާ ކަމަށެވެ.
މި ގޮތުން، ޑިޒައިން، ބިލްޑް އަދި ޕްރީ-ކާސްޓް އުސޫލުން ގދ.ތިނަދޫގައި ޕޮލިސް ސްޓޭޝަނާއި، އެކޮމޮޑޭޝަން ޢިމާރާތްކުރުމުގެ މަސައްކަތާއި، ސ.ގަމުގައި ޕޮލިސް ސްޓޭޝަނާއި އެކޮމޮޑޭޝަން ޢިމާރާތްކުރުމުގެ މަސައްކަތާއި، ސ.ހިތަދޫގައި ޕޮލިސް އެކޮމޮޑޭޝަން ޢިމާރާތްކުރުމުގެ މަސައްކަތްކުރުމަށް ބިޑް ހުށަހަޅަންދީފައި އޮތް މުއްދަތަށް އެ މިނިސްޓްރީންވަނީ ބަދަލު ގެނެސްފައެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ބީލަންތަކުގައި ބައިވެރިވުމަށް 1500 ރުފިޔާ ގެ ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށާއި، އެ ފައިސާ ބަލައިގަންނާނީ، 17 މާރިޗުން ފެށިގެން، 05 މެއިގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން، މެންދުރު 12:00 އަށްކަމަށެވެ.
މީގެ އިތުރުން ރަމަޟާންމަހު ފައިސާ ބަލައިގަންނާނީ، ހެނދުނު 09:30 އިން ފެށިގެން، 11:30 އަށްކަމަށާއި، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައިވާ މުއްދަތުގެ ތެރޭގައި، ސަރުކާރު ބަންދުކޮށްފައިވާ ދުވަސްތަކުގައި، ކޮންމެ ހޯމަދުވަހަކާއި، ބުދަ ދުވަހެއްގެ ހެނދުނު 09:30 އިން ފެށިގެން، 11:30 އަށްކަމަށް ވެސް އެ މިނސްޓްރީން ބުނެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، މި މަސައްކަތާބެހޭ އެންމެހައި ލިޔެކިޔުންތައް، ސޮފްޓްކޮޕީ ފޯރމެޓުގައި، އެ މިނިސްޓްރީގެ ވެބްސައިޓްއިން މިއަދުން ފެށިގެން ޑައުންލޯޑްކުރެވެން ހުންނާނެކަމަށެވެ.
މީގެ އިތުރުން އެ މިނިސްޓްރީން ބުނީ، ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގައި ބަޔާންކޮށްފައިވާ ޢަދަދަށް ނުވަތަ އެ ޢަދަދާއި އެއްވަރު އަދަދަކަށް ޔޫއެސް ޑޮލަރުން ހުށަހަޅަންޖެހޭނެކަމަށާއި، ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.
ބިޑް ސެކިއުރިޓީގައި ބަޔާންކޮށްފައިވާ ޢަދަދުތަކަށް ބަލާއިރު، ޑިޒައިން އެންޑް ޕްރީ-ކާސްޓް އުސޫލުން، ގދ.ތިނަދޫގައި ޕޮލިސް ސްޓޭޝަނާއި، އެކޮމޮޑޭޝަން ޢިމާރާތްކުރުމުގެ މަސައްކަތައް ހަމަޖައްސާފައިވަނީ، 250،000 ރުފިޔާއެވެ. ސ.ގަމުގައި ޕޮލިސް ސްޓޭޝަނާއި، އެކޮމޮޑޭޝަން ޢިމާރާތްކުރުމުގެ މަސައްކަތަށް ހަމަޖައްސާފައިވަނީ، 250،000 ރުފިޔާއެވެ. ސ.ހިތަދޫގައި ޕޮލިސް އެކޮމޮޑޭޝަން ޢިމާރާތްކުރުމުގެ މަސައްކަތަށް ހަމަޖައްސާފައިވަނީ، 110،000 ރުފިޔާއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، 06 މެއި ވާ ބުދަ ދުވަހުގެ 13:00 ގައި، އެ މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ބީލަން ހުޅުވުން އޮންނާނެކަމަށެވެ.

