މާލޭގެ މަގުތަކުގައި ތާރު އެޅުމަކުން މާލެއަށް ދިމާވެފައިވާ ޓްރެފިކާއި ހިނގާބިނގާ އުޅުމުގެ ދަތިކަމަށް ހައްލެއް ނުލިބޭނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، މާލޭގެ ބޮޑުތަކުރުފާނު މަގުގައި ތާރުއަޅައި، ހެންވޭރު ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އެމްޓީސީސީން ކުރިއަށްގެންދިޔަ މަޝްރޫއު ނިންމައި މިދިޔަ ހުކުރު ދުވަހު ބޮޑުތަކުރުފާނުމަގު ހުޅުވާލާފައިވާ ދަނޑިވަޅެއްގައެވެ.
ރައީސް ނަޝީދުވަނީ މާލޭގެ ބޮޑެތި މަގުތަކުގައި ތާރު އެޅި ނަމަވެސް، އެކަމުގެ ސަބަބުން މާލޭގެ ދަތުރުފަތުރުގެ މުޅި މައްސަލައަށް އެކަމުން ހައްލެއް ނުލިބޭނެކަމަށް ވިދާޅުވެފައެވެ. އަދި މާލޭގައި ހިނގާބިނގާވެ އުޅޭ މީހުންނަށް އެންމެ ބޮޑު ދަތިތަކާ ކުރިމަތިވަނީ މާލޭގެ އެތެރޭގެ ހަނި މަގުތަކުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”މާލޭގެ މަގުތަކުގައި އަލުން ތާރު އެޅުމުން މާލޭގެ މުޅި މައްސަލައަށް ލިބޭނެ ހައްލެއް ނެތް، މާލޭގައި ހިނގާ ވިނގާވެ އުޅެން އެންމެ ބޮޑަށް ދަތީ މާލޭގެ އެތެރޭގެ ހަނި މަގުތަކުގައި،“ ރައީސް ނަޝީދު
މާލޭ ސިޓީ ކައުންސިލުން އެކުލަވާލާފައިވާ ޓްރެފިކް ނިޒާމުގެ ޕްލޭން ތަންފީޒުކުރުމަށް ސަރުކާރުން އެފުރުސަތު ސިޓީ ކައުންސިލަށް ދޭންޖެހޭކަމަށެވެސް ރައީސް ނަޝދު ވިދާޅުވިއެވެ. ރައީސް ނަޝީދު މިހެން ވިދާލުވެފައިވާއިރު މާލޭގެ ޓްރެފިކް މައްސަލަ ޙައްލުކުރުމަކީ، މާލެ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށާއި، އެއީ ސަރުކާރުން ޒިންމާވާންޖެހޭ ކަމެއްނޫންކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 8 ވަނަ ރަސްމީ ޢާންމު ޖަލްސާގައި، ވިދާޅުވެފައިވާކަން ފާހަގަކޮށްލެވެއެވެ.
ރައީސް ނަޝީދުވަނީ މާލޭގެ ބޮޑުތަކުރުފާނު މަގު އެއްކޮޅުން އަނެއްކޮޅަށް ހަދާފައިވާއިރު ސަރުކާރުން އެމަގު ހެދުމަކީ އެއްގޮތަކަށްވެސް ކުރަން ހެޔޮވާވަރު ކަމެއް ނޫންކަމަށް މީގެ ކުރިންވެސް ވިދާޅުވެފައެވެ.
އެހެންނަމަވެސް، ސިޔާސީ ގޮތުން ފައިދާއެއް ނުލިބުނަސް ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިގެން ދިޔުމުން އޭގެ ލާބައާއި މަންފާވެސް ލިބޭނީ ހަމަ ރައްޔިތުންނަށް ކަމަށް ސަރުކާރުން ދެކެއެވެ. އަދި ހިތާމައަކީ އިދިކޮޅު ފަރާތްތަކުން މި ސަރުކާރުން ހިންގާ އެއްވެސް މަޝްރޫއަކީ ރައްޔިތުންނަށް ހެވާ ލާބައާއި މަންފާއެއް ލިބޭނެ މަޝްރޫއެއްގެ ގޮތުގައި ރައްޔިތުންނަށް ކިޔާދޭން ބޭނުންނުވުން ކަމުގައި ސަރުކާރުންދެކެއެވެ.

