ރިސޯޓުތަކާއި ސަފާރީތައް ހިމެނޭގޮތަށް 138 ތަނަކުން މީހުން ފޭބުމުގެ ހުއްދަދީފިއެވެ.
މިކަން ބަޔާންކޮށް، އެޗްޕީއޭގެ ވެބްސައިޓްގައި ވަނީ މީހުން ފޭބުމަށް ހުއްދަދީފައިވާ ރިސޯޓުތަކާއި ސަފާރީތަކުގެ ލިސްޓެއް ޢާންމުކޮށްފައެވެ. މި ގޮތުން، 69 ރިސޯޓަކުންނާއި، 69 ސަފާއރީއަކުން މީހުން ފޭބުމުގެ ހުއްދަ ދީފައިވާކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.
https://covid19.health.gov.mv/resort-safari-release-list/
މިހާތަނަށް މީހުން ފޭބުމުގެ ހުއްދަނުދީފައިނުވަނީ ރިސޯޓުތަކާއި ސަފާރީތަކުން ހުށަހަޅަފައިވާ ފޯމުތަކުގައިވާ ތާރީޚުތަކުގައި ފުށުއެރުން ހުރެގެން ހުއްދަނުދީ ހުރި ރިސޯޓުތަކާއި ސަފާރީތަކާއި، އަލަށް އެކުލަވާލާފައިވާ އުސޫލުގެދަށުން ފޯމުހުށަހަޅަންޖެހޭ ރިސޯޓުތަކާއި، އެންމެ ފަހު ފަތުރުވެރިޔާ ފޭބުމާއި ގުޅޭ ލިޔެކިޔުންތައް ނެތް ރިސޯޓުތަކާއި، ލިޔެކިޔުންތަކުގައި މަޢުލޫމާތު ފުރިހަމަވެފައި ނުވާ ރިސޯޓުތަކާއި ސަފާރީތަކަށެވެ.
އެޗްޕީއޭއިން އަލަށް އެކުލަވައިލި އުސޫލުގައި ބުނާގޮތުން، ރިސޯޓުން ނުވަތަ ސަފާރީން އެންމެ ފަހު ފަތުރުވެރިޔާ ފުރިފަހުން 14 ދުވަސް ފުރިހަމަވެފައިވާނަމަ، އެ މުއްދަތުގެތެރޭގައި، ކޯވިޑް-19 އިގެ ޢަލާމާތެއް އެއްވެސް މީހެއްގެ ކިބައިން ނުފެންނަކަމުގައިވާނަމަ އެ ރިސޯޓަކުން ނުވަތަ ސަފާރީއަކުން މީހުން ފޭބުމުގެ ހުއްދަދޭނެއެވެ.
މީގެ އިތުރުން، ރިސޯޓުން ނުވަތަ ސަފާރީން މީހުން ފޭބުމުގެ ކުރިން، އެކަމާބެހޭ އިޤްރާރު ފޯމު ރިސޯޓުން ފުރިހަމަކުރުމަށްފަހު އެޗްޕީއޭއަށް ހުށަހަޅަން ޖެހޭނެއެވެ. ހަމައެއާއެކު ކޯވިޑް-19 އިގެ ސަބަބުން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރިސޯޓަކުން، ވައިރަހަށް ޕޮޒިޓިވްވި މީހަކު ފެނިފައިނުވިޔަސް، އެ ރިސޯޓަކުން މީހުން ފޭބުމުގެކުރިން ރިސޯޓުން ފޯމު ހުށަހަޅަން ޖެހޭނެކަމަށް ވެސް އެ އުސޫލުގައިވަނީ ބަޔާންކޮށްފައެވެ.
އެޗްޕީއޭއިން މިހާރުވަނީ، ރާއްޖެއިން އެންމެ ފުރަތަމަ ކޯވިޑް-19 އިގެ ކޭސް ފެންމަތިވި ކުރެއްދޫ އައިލެންޑް ރިސޯޓުން މީހުން ފޭބުމުގެ ހުއްދަދިނުމުގެ ކުރިން އެ ރިސޯޓުގެ ހުރިހައި މުވައްޒަފުން، ވައިރަހަށް ޓެސްޓުކުރަން ނިންމާފައެވެ.
މީގެ އިތުރުން އެ ރިސޯޓުން، މީހުން ފޭބުމުގެ ހުއްދަދިނުމަށް ނިންމާފައިވަނީ، ޓެސްޓުކުރުމަށްފަހު ކޯވިޑް-19 އިގެ އެއްވެސް ކޭސްއެއް ނެތްކަން ކަށަވަރުކުރުމަށްފަހުއެވެ.
ރިސޯޓުތަކާއި ސަފާރީތަކުން މީހުން ފޭބުމުގެ ހުއްދަ އެޗްޕީއޭއިން ދީފައިވާއިރު، ކޯވިޑް-19 އާއި ގުޅިގެން، ރިސޯޓުތަކުން މީހުން ފޭބުންވަނީ މަނާކޮށްފައެވެ. މީގެ އިތުރުން އެއްރިސޯޓުން އަނެއް ރިސޯޓާއި ދެމެދު ދަތުރުފަތުރުކުރުމާއި، ރިސޯޓުތަކާއި ސަފާރީތަކުން މީހުންއުޅޭ ރަށްރަށައިދެމެދު ކުރާ ދަތުރުތައް ހުއްޓާލުމަށް ވެސް އަންގާފައެވެ.

