ކޮރޯނާ ވައިރަސް ފެތުރިޔަނުދިނުމަށްޓަކާ އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން، މި މަހު 18 ގައި ކުރިން ބޭއްވުމަށް ނިންމި ލޯކަލް ކައުންސިލް އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.
ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ ހިމެނޭ ގޮތަށް މި އިންތިޙާބު އެންމެ ފުރަތަމަ ބޭއްވުމަށް ނިންމީ މި މަހުގެ 4 ވަނަ ދުވަހުއެވެ. ނަމަވެސް، ބަލީގެ ނުރައްކާ ބޮޑުވުމާއި ގުޅިގެން ގާނޫނާއި އެއްގޮތަށް އިންތިހާބު ފަސްކުރީ މި މަހުގެ 18 އަށެވެ. އެއީ ގާނޫނުގައި އިންތިހާބު ބާއްވަންޖެހޭނެ ކަމަށް ބުނާ އެންމެ ލަސް ތާރީހެވެ.
ވައިރަހުގެ ނުރައްކާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި، އިންތިހާބު ކުރިޔަށް އޮތް މަހެއް ނުވަތަ ދެ މަހެއްގެ ތެރޭ ބޭއްވޭނެ ކަމާއި މެދު ވެސް ސުވާލު އުފެދެއެވެ. އަދި މިވަގުތަށް އެންމެ ރައްކާތެރި ގޮތަކީ އެއްވުންތައް ވީހާވެސް ބޮޑަށް މަދު ކުރުމެވެ. އިންތިހާބާއި ގުޅޭގޮތުން ބަޔާނެއް ނެރެ، އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މި މަހު 30 އަށް އިތުރު ކުރުމަށް ނިންމުމާ ގުޅިގެން، ކުރިން އިންތިޚާބު ބޭއްވުމަށް ނިންމި ތާރީހުގައި އިންތިހާބު ނުބޭއްވޭނެ ކަމަށެވެ.
ސިއްހީ މާހިރުންގެ ލަފައާއި އެއްގޮތުގެ މަތީން އިންތިހާބު ބޭއްވޭފަދަ މާހައުލެއް އޮތް ކަމަށް ނުބެލެވޭ ކަމަށް ވެސް ކޮމިޝަނުން ވަނީ ބުނެފައެވެ. އިންތިހާބު ދެން ބާއްވާނެ ތާރީހެއް އިއުލާން ކުރާނީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަށްފަހު، އެކަށީގެންވާ މާހައުލެއް ލިބުމުން ކަމަށް ވެސް އީސީން ވަނީ ބުނެފައެވެ. އަދި އެ ހުރިހާ މަސައްކަތެއް ގާނޫނުގެ ތެރެއަށް ފައްތަން ޖެހޭކަން ވެސް އިީސީން ވަނީ ފާހަގަކޮށްފައެވެ.
ލޯކަލް ކައުންސިލް އިންތިހާބު ލަސްކުރާށާއި މިހާރުގެ ކައުންސިލްތަކުގެ ދައުރު ދަންމާލަން ސަރުކާރުން ވަނީ ގާނޫނުއަސާސީ އަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ. އެކަމަކު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގާނޫނުއަސާސީގައި ބުނެފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އެއްގޮތްކުރައްވައި، މިއީ ގާނޫނުއަސާސީ އަށް ބަދަލެއް ގެނެވިދާނެ ހާލަތެއްތޯ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސުވާލު އުފައްދަވާފަ އެވެ.

