މި ދަނޑިވަޅުގައި ރާއްޖެ އަށް ކޮންމެހެން އަންނަންޖެހޭ މީހުން ނޫނީ ނައިސް، ކޮންމެހެން އެ ފުރުސަތު ބޭނުންވާ މީހުންނަށް ފުރުސަތު ދެއްވުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް އެދިވަޑައިގެންފި އެވެ.
ކޮރޯނާ ވައިރަސްއާއި ގުޅިގެން ރާއްޖޭގެ ހާލަތު ބަޔާން ކުރުމަށް ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ރާއްޖެއަށް މީހުން ގެނައުމުގައި ކަރަންޓީން ފެސިލިޓީތަކުގައި ޖާގަ ހުރި މިންވަރަށް ވެސް ބަލަންޖެހޭ ކަމަށެވެ. ބޭރުގެ ތިބި ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތްތައް ކުރެވެމުންދާއިރު އެ އެންމެން ވެސް 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ވާން ޖެހެއެވެ. އަދި ބޭރުގެ އެކި ގައުމުތަކުގައި ތިބި ދިވެހިންގެ ތެރެއިން 8000 އެއްހާ ދިވެހިން ވަނީ އެނބުރި ގައުމަށް އައުމަށް އެމްބަސީތަކުގައި ރެޖިސްޓްރީކޮށްފައެވެ.
ކަރަންޓީންގެ ކަންކަން ފުރިހަމަ ކުރުމަށް މާލީ ދަތިތަކެއް ނެތްކަން ފާހަގަކުރައްވާ މަބްރޫކް ވިދަޅުވީ، ރާއްޖެއަށް މީހުން ގެންނައިރު ފެސިލިޓީތަކުގެ ޖާގައަށް ަބަލަން ޖެހޭ ކަމަށެވެ. އަދި އިތުރު ފެސިލިޓީތައް ބޭނުންވެއްޖެ ހާލަތެއްގައި އެކަން ކުރެވޭނެ އިންތިޒާމުތައް ވެސް އެބަހުރިކަން ފާހަގަކުރެއްވިއެވެ. ވިސްނަންޖެހޭ ކަންތަކެއް އެބަހުރި ކަމަށާއި، އެގޮތުން އެ ފެސިލީޓީތަކަށް ޑޮކްޓަރުންނާއި ހެލްތް ވޯކަރުން ބޭނުންވާނެކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިވަގުތަށް ޑޮކްޓަރުންނާއި ނަރުހުން ތިބީ މިހާރު ހުރި ފެސިލިޓީތަކުގައި މަސައްކަތް ކުރާ މިންވަރަށް ކަމަށެވެ.
މަބްެރޫކް ވިދާޅުވީ، އެއް ފަހަރާ އެންމެން ރާއްޖެ ގެނެވޭނެ ގޮތެއް އަދި ނެތް ކަމަށެވެ. ނަމަވެސް، ފެސިލީޓީއާއި އެއްވަރަށް އެ މަސައްކަތް އިތުރު ކުރެވޭނެ ކަމަށެވެ. ރާއްޖެއަށް ކޮންމެހެން އަންނަން ޖެހިގެން ނޫނީ ނައުމަށް މަބްރޫކް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ވިދާޅުވީ، އެކި ސަރަހައްދުތަކުގައި ވަރަށް ހާލުގައި ތިބި މީހުން ތިބިއިރު އެ މީހުންނަށް ރާއްޖެ އައުމުގެ ފުރުސަތު ބޭނުންވާ ކަމަށެވެ. ކޮންމެހެން އަންނަންޖެހޭ މީހުން ނޫނީ މިވަގުތު ރާއްޖެ ނައުމަށް އެދޭ އެންމެ ބޮޑު އެއް ސަބަބަކީ މި ބަލި ފެތުރުމުގެ އެންމެ ފުރުސަތު ބޮޑީ އެއާޕޯޓުތަކުން ނުވަތަ ދަތުރުމަތީން ކަމަށް ވީތީ ކަމަށެވެ.
”ތިމާ އަށް ވުރެ މާ ހާލުގައި ހުރި މީހެއް ވެޖިއްޔާ އޭނާ އަށް [ރާއްޖެ] ދާން ފުރުސަތު ދިނުމަށް އަމިއްލަ މީހާ މަޑުކޮށްލުން. އެ ކަން ކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް. ދެވަނަ ކަމަކީ ކޮންމެހެން އަންނަންޖެހޭ މީހާ ނޫނިއްޔާމު މި ވަގުތު އައުމަށް ނުވިސްނުން،“ މަބްރޫކް
މަބްރޫކް ވިދާޅުވީ، މި ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ރާއްޖެއިން ދަނީ ވަރުގަދަ ކުރަމުން ކަމަށެވެ. އަދި ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުން މިހާތަނަށް 1،500 އެއްހާ ދިވެހިން އައިސްފައިވާއިރު ކުރިޔަށް އޮތްތަނުގައި އިތުރު ހާހެއް ހާ މީހުން އަންނާނެ ކަމަށެވެ. ޑޮކްޓަރުންގެ އިރުޝާދުތަކަށް ބާރު ދެއްވަމުން މަބްރޫކް ވިދާޅުވީ، އެއާޕޯޓަށް ވުރެ ބިރުވެރި ތަނެއް މި ވަގުތަކު ނެތް ކަމަށެވެ. ފްލައިޓުތަކަށް އެރާ މީހުން ވެސް އައިސޮލޭޓު ކުރަން ޖެހޭއިރު، އެއާޕޯޓަށް ދާ މީހާއާއި ބަލި ޖެހިފައި ހުރި އެހެެން މީހުންނާއި ކޮންޓެކްޓު ވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.
ރާއްޖެ އިން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި ފަސް މީހުންނަކީ ވެސް ރާއްޖެ އިން ބޭރުން އައުމުން އެކިއެކި ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައި ތިބި މީހުންނެވެ. އޭގެ ތެރެއިން ހަތަރު މީހަކު އައީ އިނގިރޭސި ވިލާތުންނެވެ. ފަސް ވަނަ މީހާ އަކީ ފިލިޕީންސްގެ ވެރިރަށް މެލީނާ ލޮކްޑައުން ކުރުމާއި ގުޅިގެން ގެނައި ދަރިވަރުންގެ ތެރޭގައި ހިމެނޭ އެކަކެވެ.

