ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ޝިޕިން ގުޅުން ގާއިމްކުރަން މަޝްވަރާކޮށްފި

ފޮރިން މިނިސްޓަރު އިރުތިޝާމާއި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުން -- ފޮޓޯ: ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ޝިޕިން ގުޅުން ގާއިމްކުރަން ދެ ގައުމުގެ ދެމެދުގައި މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރެވިފައި ވަނީ ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. ހަލީލުއްރަހްމާނު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ފޮރިން މިނިސްޓަރު، އިރުތިޝާމް އާދަމްއާއެކު ބޭއްވި ރަސްމީ ބައްދަލުވުމުގެ ތެރެއިންނެވެ. ޑރ. ހަލީލުއްރަހްމާނު ރާއްޖެ ވަޑައިގަތީ މިނިވަން ދުވަހުގެ ހަރަކާތްތައް ބައްލަވާލުމަށް ދިވެހި ސަރުކާރުގެ ދައުވަތަކަށެވެ.

ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކޮށް، ކުރިއެރުވުމުގެ ބޭނުމުގައި މި މަޝްވަރާކޮށްފައިވާއިރު، އިތުރު ދާއިރާތަކުން ވެސް ގުޅުން ބަދަހިކުރުމަށް ވަނީ މަޝްވަރާތައް ކޮށްފައެވެ. އެގޮތުން ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނީ އެ ބައްދަލުވުމުގައި ދެ ގައުމުގެ ވިޔަފާރި ކުރިއަރުވަން، ދެ ގައުމުގެ ދެމެދު ސީދާ ޝިޕިން ލިންކެއް ގާއިމްކުރުމާ މެދު ދެ މިނިސްޓަރުން މަޝްވަރާކުރެއްވި ކަމަށެވެ.

ދެ ވަޒީރުންގެ މަޝްވަރާތަކުގައި ސިއްހީ، ތައުލީމީ، ދަނޑުވެރިކަން، މުއާސަލާތީ ގުޅުން، ފަތުރުވެރިކަން، ލޭބަރ، ވިޔަފާރި އާއި އިންވެސްޓްމަންޓް، އަދި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރި ގުޅުމާ ބެހޭގޮތުން ހިޔާލު ބަދަލުކުރެއްވިއެވެ. އޭގެ އިތުރުން، ދެ ގައުމުން އިސްކަންދޭ ސަރަޙައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ބައިނަލްއަގުވާމީ މައިދާނުގައި ގުޅިގެން އެކުގައި މަސައްކަތް ކުރެއްވުމަށް ދެ ވަޒީރުން އެއްބަސްވެވަޑައިގެންނެވިއެވެ.

ބަންގްލަދޭޝްގެ ހާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވި ސަރުކާރުގެ ”ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް“ގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއާ ގުޅިގެން ލޮނުޒިޔާރަތް ޕާކުގައި ވަނީ ގަހެއް އިންދަވާފައެވެ.

ޑރ. ހަލީލުއްރަހްމާނު އިއްޔެ ފުރާވަޑައިގެންފައިވާއިރު، މިއީ މި އަހަރުގެ ފެބްރުއަރީ 17 ގައި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އޭނާ ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އެ ދަތުރުފުޅުގެ ސަބަބުން ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު އޮންނަ ގާތް އެކުވެރި ގުޅުން އިތުރަށް ބަދަހިވެގެންދިޔަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: