ބަންގްލަދޭޝްގެ ސަރުކާރުން ރާއްޖެއަށް 20،000 ގަސް ހަދިޔާކޮށްފިއެވެ.
ރަމްޒީ ގޮތުން އެ ގަސްތައް ހަދިޔާކޮށްފައިވަނީ އިއްޔެ ހަވީރު ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ބަންގްލަދޭޝްގެ ފަރާތުން ގަސްތައް ހަވާލުކޮށްދެއްވީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޚްމާނެވެ. ދިވެހި ސަރުކާރުގެ ފަރާތުން ޙަވާލުވެވަޑައިގެންނެވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އާއި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފެވެ.
ރަސްމިއްޔާތުގެ ތެރެއިން ތިން ވަޒީރުން ވެސް ވަނީ ލޮނުޒިޔާރަތް ޕާކުގައި ގަސް އިންދަވައިދެއްވައިފައެވެ. ހަވާލުކުރެއްވި ގަސްތަކުގެ ތެރޭގައި ހިމެނެނީ ހިޔާދޭ ގަހާއި މާ އަޅާ ގަހާއި މޭވާ ގަސް ކަމަށް ހާމަކޮށްފައިވެއެވެ. މީގެ ކުރިން ބޭރު ޤައުމަކުން ރާއްޖެއަށް އެންމެ ގިނައިން ހަދިޔާކޮށްފައިވަނީ ސްރީ ލަންކާއިންނެވެ. އެ ގައުމުން 1,000 ގަސް ހަދިޔާކޮށްފައިވެއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތިމާވެއްޓާ ބެހޭ ވަޒީރު އަލީ ޝަރީފް ވިދާޅުވީ، އެ އެހީއަކީ ބަންގްލަދޭޝްގެ ތިމާވެއްޓާ ބެހޭ ވަޒީރާއެކު ކުރެވުނު ކާމިޔާބު މަޝްވަރާތަކެއްގެ ނަތީޖާ ކަމަށެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި މިފަދަ ބޮޑު ހަދިޔާއެއް ލިބުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުން ހާމަކޮށްދޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވާފައިވާ ފަސް އަހަރު ތެރޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް މި ހަދިޔާގެ ސަބަބުން އިތުރު ބާރެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ ތިމާވެށީގެ ރޮނގުން ދެ ޤައުމު ގުޅިގެން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި ހަދިޔާކުރެއްވި ގަސްތަކުން ކުރިއަށް އޮތް ޖީލުތަކަށް ފައިދާ ކުރާނެ ކަމަށެވެ. އެ ގަސްތައް ހަދިޔާކުރެއްވުމަކީ ދެ ޤައުމުގެ ގާތް ގުޅުމުގެ ހެއްކެއް ކަމަށް ވެސް ވިދާޅުވިއެވެ.
ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޚްމާން ވިދާޅުވީ ދެ ޤައުމަކީ ވެސް ތިމާވެށީގެ ބަދަލުތަކުގެ އަސަރު ވަރަށް ބޮޑަށް ކުރާ ޤައުމުތައް ކަމަށާއި ހަދިޔާކުރެއްވި ގަސްތައް ރަމްޒުކޮށްދެނީ ދެ ޤައުމުން ވިލުންތެރިކަމާއެކު ތިމާވެށި ޙިމާޔަތްކުރަން ކުރާ މަސައްކަތް ކަމަށެވެ. ބަންގްލަދޭޝަކީ ސަގާފީ ގޮތުން ވެސް އެކުވެރި ޤައުމުތަކަށް ގަސް ހަދިޔާކުރުމުގެ ތާރީޚެއް އޮތް ޤައުމެއް ކަމަށް ވެސް ވިދާޅުވިއެވެ.
ބަންގްލަދޭޝުން ހަދިޔާކުރި ތިން ބާވަތެއްގެ ގަސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިންދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ރައީސް ޑރ. މުޢިއްޒުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުންނެވެ.

