ބަންގްލަދޭޝްގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެ ގައުމުގައި ތިބެން ނުރައްކާތެރިވުމުން ގިނަ އަދަދެއްގެ އިންޑިއާގެ ރައްޔިތުން އެނބުރި ގައުމަށް ދިއުމަށް މިސްރާބު ޖަހާފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ފްރީޑަމް ފައިޓާޒް ކޯޓާއެއް އަލުން އެކުލަވާލައި ސިވިލް ސާވިސް ވަޒީފާތަކުގެ ތިން ބައި ކުޅަ އެއް ބައި އެ ކޯޓާގެ ދަށުން ހިމެނޭ މީހުންގެ އާއިލާތަކަށް ދޭ ގޮތަށް ސަރުކާރުން ނިންމުމާއިއެކު ބަންގްލަދޭޝްގައި މަތީ ތައުލީމު ހާސިލުކުރަމުންދިޔަ ދަރިވަރުންވަނީ ނާއުންމީދުވެ އެކަމާއި ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން މަގުތައް މައްޗަށް ނުކުމެފައެވެ.
އެއްވަމުންދާ ދަރިވަރުންތައް ހުއްޓުވުމުގެ ގޮތުން ފުލުހުންނާއި އެ ގައުމުގެ އަސްކަރިއްޔާއިންވަނީ ބާރުގެ ބޭނުންކޮށްފައިކަމަށްވާއިރު، ސުލްހަވެރި އެއްވުމެއްގެ ގޮތުގައި ފެށިގެން އައި މަަސައްކަތްތައްވަނީ ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެފައެވެ. އެ ގައުމުގެ ފުލުހުން އާންމުންގެ ގަޔަށް ބަޑި ޖަހާ މަންޒަރާއި މަރުވެފައިވާ މީހުން ފުލުހުންގެ ވެހިކަލްތައް މަތިން އުކާލާ މަންޒަރުތައްވެސް ސޯޝަލްމީޑިއާގައި އާންމުވެފައިވެއެވެ. އެހެންނަމަވެސް ސަރުކާރުންދަނީ މައުލޫމާތު ބޭރުވުމާއި އާންމުކުރުން ހުއްޓުވުމުގެ ގޮތުން އިންޓަރނެޓް ކަނޑާލުމަށްވެސް މަސައްކަތްކުރަމުންކަމަށް ބައެއް ރިޕޯޓުތަކުގައިވާއިރު މިއީ ކަށަވަރުކުރެވިފައިވާ މައުލޫމާތުތަކެއް ނޫންކަން ފާހަގަކުރެވެއެވެ.
ހޫނުވަމުންދާ މައްސަލައިގައި ގިނަ އަދަދެއްގެ މީހުން ނިޔާވެފައިވާއިރު އެ ގައުމުގައި ކިޔަވަމުންދާ އިންޑިއާގެ ދަރިވަރުން ލިބުނު ކޮންމެ މަގެއްނަމަވެސް ބޭނުން ކޮށްގެން އިންޑިއާއަށް އެނބުރި ދިއުމަށް މަސައްކަތްކުރަމުންދާކަމަށާއި ނިމިދިިޔަ ހުކުރު ދުވަހު އެކަނިވެސް 300 އަށްވުރެ ގިނަ ދަރިވަރުން ބޯޑަރު ހުރަސްކޮށް ރައްކައުތެރިކަން ހޯދާފައިވާކަމަށް ރިޕޯޓުތަކުގަައިވެއެވެ.
ރިޕޯޓުތަކުގައިވާގޮތުން މުއާސަލާތީ ހިދުމަތްތައް ބުރުއެރުމާއިއެކު އެ ގައުމުގައި ތިބި ގިނަ އަދަދެއްގެ ދަރިވަރުންވަނީ ވަގުތީ ގޮތުން އެ ސަރަހައްދު ދޫކޮށްލުމަށް ނބިންމާފައިކަމަށްވާއިރު، އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މިފަދަ ނުރައްކާތެރި ހާލަތެއްގައި އާއިލާތަކާއި ނުގުޅި ވާނުވާ ނޭނގި ދިއުންކަމަށް ބައެއް ދަރިވަރުން ހިއްސާކޮށްފައިވާކަމަށްވެސް ޝާއިއުކޮށްފައިވެއެވެ.

