އިންޓަނޭޝަނަލް ރިނިއުވަބަލް އެނާޖީ އެޖެންސީ (އިރީނާ) އަށް ރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބުގެ މަގާމަށް، ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު ތޯރިގު އިބްރާހީމް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅު އަމީން އާންމު ވަނީ އިއްވަވާފައެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ މައްސަލަ އިތުރަށް ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.
ތޯރިގަކީ ދިވެހި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރާއި، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންވަޔަރްމަންޓް މިނިސްޓަރުކަން ކުރެއްވިއެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓް އެކުލަވައިލެއްވިއިރު އެންމެ ފުރަތަމަ ހުންނެވީ އެންވަޔަރްމަންޓް މިނިސްޓަރުގެ މަގާމުގައެވެ.
މީގެ އިތުރުން، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ސަފީރުކަމުގެ މަގާމަށް އައްޔަންކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ އެ މަގާމުގައެވެ.
އިރީނާގެ މަންދޫބަކަށް ތޯރިގު އައްޔަންކުރުމާ މެދު ގޮތެއް ނިންމާނީ ކޮމިޓީން މައްސަލަ ދިރާސާކޮށް ނިންމުމަށްފަހު މަޖިލީހުގެ ތަޅުމުން ނަގާ ވޯޓަކުންނެވެ.

