ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން ރަށްރަށުގައި ވަޅުލި ހޮޅިތަކަކީ ފެންވަރުނެތް ތަކެތި، އެ ތަކެތި މިހާރު ހުރީ ނަގަންވެފައި: ފަލާހު

ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ ސަރުކާރުން ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތަކަށް ބިމުއަޑީގައި ވަޅުލާފައިވާ ހޮޅިތަކަކީ ފެންވަރުނެތް ތަކެތިކަމަށާއި، އެ ތަކެތި މިހާރު ހުރީ ނަގަން ޖެހޭ ހާލަތުގައިކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ކުންފުނިތަކުގެ ހަރަދުތައް ހަރުދަނާކުރުމުގެ ގޮތުން މުވައްޒަފުންގެ އަދަދު މަދުކުރަން އަންގާފައެވެ. އަދި އޭގެ ފަހުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) ވަނީ މި މަސައްކަތް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ނިންމުމަށް ކުންފުނިތަކަށް ސާކިއުލާއެއް ފޮނުވާފައެވެ.

ރައްޔިތުންގެ މަޖިލީހަށް މި މައްސަލައިގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ފަލާހު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމުތައް ގާއިމުކޮށްފައި ވަނީ އެކަށީގެންނުވާ ފެންވަރުދަށް ތަކެތި ބޭނުންކޮށްގެން ކަމަށެވެ. އަދި އޭގެ ސަބަބުން މަގުތަކުގައި ތާރުއެޅުމުގެ ކުރިން އެ ހުރިހާ ނިޒާމުތަކެއް އަލުން މަރާމާތުކޮށް ރަނގަޅުކުރަން ޖެހިފައިވާކަމަށް ވިދާޅުވި އެވެ.

ފަލާހުގެ ދާއިރާއަށް އިޝާރާތް ކުރައްވައި ވިދާޅުވީ، ފަސް ފރަށުގައި ވެސް އެމްޑީޕީން ގާއިމު ކުރި ފެނުގެ ނިޒާމުގެ ހޮޅިތައް ހުރީ ބިމުގެ އަޑީ ފީވެ ހަލާކުވެފައި ކަމަށެވެ. އަދި ހަތަރު ފަސް ފޫޓުން، ޖޮއިންޓުތައް ނެއްޓެމުންދާއިރު އެކަން ހައްލުނުކޮށް ތާރުއަޅާނެ ގޮތަކާއި މެދު އޭނާ ސުވާލު ކުރެއްވިއެވެ.

ފަލާހު އިތުރަށް ވިދާޅުވި ގޮތުގައި، އެމްޑީޕީން ހުރިހާ މަސައްކަތެއްވެސް ކުރުވާފައިވަނީ ދަރަންޏަށެވެ. އަދި ތަރައްގީގެ ނަމުގައި ރަށްރަށުގެ ބިމު އަޑީގައި ވަޅުލާފައިވާ ހުރިހާ ހޮޅިތަކާއި ނަރުތަކަކީ ވެރިކަން ނިމުނު ދުވަހުން ފެށިގެން ނަގަން ޖެހިފައިވާ ތަކެތިކަމަށް އޭނާ ވިދާޅުވިއެވެ.

ދަރަންޏަށް ހުރިހާ މަސައްކަތެއް ކުރުވާފައި ހުރީ. ހުރިހާ މަސައްކަތެއް ކުރުވީ ދަރަންޏަށް. ހުރިހާ ހުރިހާ މަސައްކަތެއް އެހެރީ ރާއްޖޭގައި ކުރި ރަށެއްގެ ބިމު އަޑީގައި ތަރައްގީއަށް ވަޅުލާފައި ހުރި ހުރިހާ ހޮޅިއެއް ނަރެން އެހެރީ ނަގަންވެފައި.. ވެރިކަން ނިންމާލީ ދުވަހުން ފެށިގެން އެހެރީ ނަގަންވެފައި. އެއިން އެއްވެސް ކަމެއް، އޭގެ މައްޗަށް ތަރައްގީގެ އެއްވެސް މަސައްކަތެއް ކުރެވޭނީ، އެ ބިމު އަޑީގައި މި ބޭފުޅުން ތަރައްގީއަށްކޮށްފައި އެހެރަ ކަންކަން ނަގައި ރަނގަޅުކޮށްފައި. މަގެއްގައި ތާރު އެޅޭނީ މި ބޭފުޅުން ފެން އަޅާފައި އޮތިއްޔާ ފެން ނަގައި، ރަނގަޅުކޮށްފައި.

މީގެ އިތުރުން، އިގްތިސާދީ ގޮތުންނާއި ވަޒީފާގެ ދާއިރާއިން ކުރީ ސަރުކާރުން އަމަލު ކުރީ އިންތިހާއަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށްކަމަށް ފަލާހު ވިދާޅުވި އެވެ. ފަލާހު ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި 330 މުވައްޒަފުން އަދި ދެވަނަ ވެރިކަމުގައި 421 މުވައްޒަފުން ނުހައްގުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރަށް ތިން އަހަރު ފުރެންދާއިރު، ނުހައްގުން ވަޒީފާއިން ވަކިކުރި އެއްވެސް މުވައްޒަފަކު ނުހުންނާނެކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރު އިސްވެ އެމްޑީޕީގެ މުވައްޒަފުންތައް ވަޒީފާއިން ވަކިކުރާއިރު މަޖިލީހަށް ހުށަހެޅި ގަރާރުގައި އެއީ ކިހާ އަދަދެއްގެ މުވައްޒަފުންކަން ހިމަނާފައި ނެތީ އެކަމުގައި ހަގީގަތެއް ނެތުމުންކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ، ކުރީގެ ސަރުކާރުތަކާ ހިލާފަށް މި ސަރުކާރުން މިހާތަނަށް ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އެމްޑީޕީގެ ވެރިކަމުގައި އަހަރުގެ މެދަށްދާއިރު ބަޖެޓު ހުސްކޮށް، އިތުރު ފައިސާ ހޯދަން މަޖިލީހަށް ހުށަހަޅާކަމަށާއި، މި ސަރުކާރުން ފައިސާ ޗާޕުނުކޮށް ދައުލަތް ހިންގަމުންދާކަން ރައްޔިތުން މިއަދު ވިސްނަންޖެހޭކަމަށް ފަލާހު ވިދާޅުވި އެވެ.

އެމްޑީޕީގެ ކޮންމެ ވެރިކަމެއްގައި ރާއްޖޭގެ އިގްތިސާދު ފުނޑާލައި، ގައުމުގެ މާލީ ނިޒާމު އެއްކޮށް ބަނގުރޫޓު ކުރާކަން މިއީ ފެންނަން އޮތް ހަގީގަތްކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ، އެމްޑީޕީގެ ވެރިކަން ނިމުނުއިރު ފެނަކަ ކޯޕަރޭޝަނުން އެކަނިވެސް ކުދި ކުންފުނިތަކަށް 4 ބިލިއަން ރުފިޔާ ނުދީ އޮތް ކަމަށެވެ. އަދި އެ ސަރުކާރުން ހުރިހާ މަސައްކަތެއް ކުރުވާފައިވަނީ ދަރަންޏަށްކަމަށާއި، އޭގެ ސަބަބުން ގިނަ ކުދި ކުންފުނިތަކެއް ބަނގުރޫޓުވެގެން ދިޔަ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: