ރާއްޖެއަށް ބޭނުންވާ މައިގަނޑު ގާނޫނުތައް މިހާރު ހުރީ ހަދައި ނިމިފައި ކަމަށާއި އެހެންކަމުން ކޮންމެ ދުވަހަކު ސަރުކާރުން މަޖިލީހަށް ބިލުތަކެއް ފޮނުވުމުގެ ފުރުސަތެއް މިހާރު ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތް ކަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައިގެން އެ ވާހަކަތަކަށް ސަލީމް ވަނީ ރައްދު ދެއްވާފައެވެ.
ސަލީމް ވިދާޅުވީ ރާއްޖެއަށް ބޭނުންވާ މައިގަނޑު ގާނޫނުތައް މިހާރު ހުރީ ހަދައި ނިމިފައި ކަމަށާއި އެހެންކަމުން ކޮންމެ ދުވަހަކު ސަރުކާރުން މަޖިލީހަށް ބިލުތަކެއް ފޮނުވުމުގެ ފުރުސަތެއް މިހާރު ނޯންނާނެ ކަމަށެވެ.
ސަލީމް ވިދާޅުވީ ގާނޫނު ހަދާތާ 100 ވާން ގާތް ވެފައިވާ ކަމަށާއި އެހެންކަމުން ހަދާނެ ގާނޫނެއް މިހާރު ނުހުންނާނެ ކަމަށެވެ. އަދި ސަލީމް ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ މެންބަރުންނަށް ވެސް މަޖިލީހަށް ބިލު ހުށަހެޅުއްވުމުގެ ބާރު އޮންނާނެ ކަމަށެވެ.
މެމްބަރު ވިދާޅުވި ގޮތުގައި މިހާރު ރާއްޖޭގައި ގާނޫނުތައް ހަދަން ޖެހޭނީ ހަމައެކަނި އާ ކަންތައްތަކަށް ކަމަށް ވާއިރު މަޖިލީހަށް ކުރެވޭނެ އަނެއް މަސައްކަތަކީ އިސްލާހު ގެންނަން ޖެހޭ ގާނޫނުތަކަށް އެ އިސްލާހުތައް ގެނައުން ކަމަށެވެ.
މިއަދު މަޖިލީހުގެ ތެރޭގައި މަޖިލީހުގައި ކުރެވޭ މަސައްކަތްތަކާއި ގުޅިގެން ވަނީ ބަހުސްތަކެއް ހިންގާފައެވެ. އެގޮތުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހުވެސް ވަނީ ވާހަކަ ދައްކަވާފައެވެ. މެމްބަރު ވިދާޅުވީ އެހެން ގައުމުތަކުގައި ވެސް ރައްޔިތުންގެ މަޖިލީހަކީ ހެނދުނުން ފަށައިގެން އިރު އޮއްސެންދެން މަސައްކަތްކުރާ ތަނެއް ނޫން ކަމަށެވެ.
މިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހާ އަޅާބަލާއިރު، މި މަޖިލީހުން މާ ގިނަ މަސައްކަތްތަކެއް ކުރާ ކަމަށާއި، މި މަޖިލީހުން ޗުއްޓީއަށް ދިޔަ ދެ ފަހަަރު ވެސް މަސައްކަތްތައް ކުރަން ހުރުމުން ޗުއްޓީގެ ތެރޭގައި މަސައްކަތް ކުރި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިދިކޮޅު މެމްބަރުން މަޖިލީހުން މަސައްކަތެއް ނުކުރާ ކަމަށް ބުނެ ޓްވީޓުކުރަމުން ދަނީ މަސައްކަތެއް ނުކުރާތީ ނޫން ކަމަށާއި މިއަށް ވުރެ ރަނގަޅަށް މަސައްކަތް ކުރި މަޖިލީހެއް މިހާތަނަށް ރާއްޖޭގައި ގާއިމްވެފައި ނެތް ކަމަށް ފަލާހް ވިދާޅުވިއެވެ.
މި ބަހުސްތައް ކުރެވެމުންދާއިރު އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބޭއްވީ ޖުލައި 15 ގައެވެ. އަށް ފަހު މިއަދު ޖަލްސާބާއްވާފައިވާއިރުވެސް، ޖަލްސާގައި މާ ބޮޑު މަސައްކަތްތަކެއް ކުރާން ނެތް ކަން ފާހަގަކުރެއެވެ.

