ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާގައި އެނދި ކުނިތައް ހދ. ކުނބުރުދުއަށް ގެންދަން ނިންމާފައިވާ ނިންމުމާ މެދު ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މިއަދު ބޭރުކޮށްލައިފިއެވެ. ވައިކަރަދޫ ދާއިރާގެ މެމްބަރު ހަސަން ޒިޔާދު ހުށަހެޅުއްވި މި މައްސަލަ ބޭރުކޮށްލީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 34 މެމްބަރުންގެ ތެރެއިން 27 މެމްބަރުންގެ ވޯޓުންނެވެ. މި މައްސަލަ ކުރިއަށް ގެންދަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 7 މެމްބަރުންނެވެ.
މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާގައި އެނދި ކުނިތައް، ކުނބުރުދޫގައި ގާއިމުކުރަން ފަށާފައިވާ ނުނިމި ހުރި ވޭސްޓް ޓްރާންސްފާ ސްޓޭޝަނަށް ގެންދިއުމަށް ވެމްކޯއިން ވަނީ ނިންމާފައެވެ. މެމްބަރު ޒިޔާދު ހުށަހެޅުއްވި މައްސަލައިގައި ބަޔާންކޮށްފައިވަނީ، ކުނބުރުދޫއަކީ ކުނި މެނޭޖްކުރެވޭނެ ފަދަ އުމްރާނީ ވަސީލަތްތަކެއް ނެތް ރަށަކަށް ވުމުން، މިއީ އެ ސަރަހައްދުގެ ރައްޔިތުންގެ ސިއްހަތަށާއި ތިމާވެއްޓަށް އިޔާދަނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށެވެ.
ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތުގައި ކުނބުރުދޫގައި ޤާއިމްކުރާ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ މަސައްކަތްތައް އަދި ނިމިފައެއް ނުވެއެވެ. އެތަނުގައި ކޮންކްރީޓް ފަންގިފިލާއެއް ނެތުމުގެ ސަބަބުން، ކުނިތަކުން އުފެދޭ ވިހަ ފެން ސީދާ ބިންމައްޗަށް ފައިބާނެ ކަމަށާއި، އެފެން ނައްތާލުމަށް ހަރުދަނާ ނިޒާމެއް ނެތްކަން މެމްބަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ކުނބުރުދޫއަކީ ރާއްޖޭގައި ހިމާޔަތްކުރެވިފައިވާ ކަންޒު ކަހަނބު އާލާވެ ދިރިއުޅޭ ނާޒުކު ވެއްޓަކަށް ވުމުން، ތިލަފުށިން ގެންދާ ކުނީގެ ސަބަބުން މިފަދަ ދިރޭތަކެއްޗަށް ނޭދެވޭ އަސަރުކުރާނެ ކަމަށް މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ތިލަފުށީގައި އެނދި ޕްލާސްޓިކާއި ސިނާއީ ކުނިތަކުން ކެންސަރު ފަދަ ބަލިތައް އުފައްދާ ނުރައްކާތެރި ވިހަ މާއްދާތައް ވަޔާއި ފެނުގެ ޒަރިއްޔާއިން އިންސާނާގެ ހަށިގަނޑަށް ފެތުރުމުގެ ބިރު އޮތްކަން މެމްބަރު ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް އިލެކްޓްރޯނިކް ކުނިން ބޭރުވާ ”ލެޑް“ އަދި ”މާކިއުރީ“ފަދަ ބާރުގަދަ މައުދަނުތައް ފަސްގަނޑަށް ގޮސް ކާނާގެ ނިޒާމުގެ ތެރެއަށް ވަނުމުގެ ނުރައްކާ އޮތްކަންވެސް މައްސަލައިގައި ހާމަކޮށްފައިވެއެވެ.
ތިލަފުށީގައި ހުންނަ ވެމްކޯ ސަރަހައްދުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެ ރޭގައެވެ. މާލެ ސަރަހައްދުން ކޮންމެ ދުވަހަކު 1،200 އެއްހާ ޓަނުގެ ކުނި ތިލަފުއްޓަށް ގެންދާއިރު، މިފަދަ ހާދިސާތަކާ ގުޅިގެން ކުނި މެނޭޖްކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.

