މި ސަރުކާރަށް ދެ އަހަރާއި ބައި ވެގެން ދިޔައިރު، ރައްޔިތުންގެ ފަރާތުން އެންމެ ބޮޑު ޝަކުވާއެއް އަމާޒުވެފައިވަނީ ކަރަންޓު ބިލުތައް ބޮޑުވުމުގެ މައްސަލައިގައި ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝަމްހީދު ވަނީ ކަރަންޓުގެ އަގު ކޮންޓްރޯލް ކުރުމުގައި ކަމާބެހޭ މުއައްސަސާތައް ފެއިލްވެފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
މެމްބަރު ޝަމްހީދު ވިދާޅުވީ ކަރަންޓު ބިލު ބޮޑުވެގެން ރައްޔިތުން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އެކަމަށް އިޖާބަދިނުމުގެ ބަދަލުގައި ރެގިއުލޭޓަރީ އޮތޯރިޓީ އޮތީ ”އޮތްތާ ނިދާފައި“ކަމަށެވެ. އެ އޮތޯރިޓީ އުފެއްދީ ރައްޔިތުންނަށް ހަމަހަމަކަމާއެކު ޚިދުމަތް ދިނުމުގެ މާތް މަގުސަދުގައި ކަމަށްވީ ނަމަވެސް، މިއަދާ ހަމައަށް އެ މަގުސަދު ހާސިލްކުރުމުގައި އޮތޯރިޓީ ފެއިލްވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސްޓެލްކޯގެ މާލީ ހާލަތަށް އަލިއަޅުވާލައްވަމުން ޝަމްހީދު ވިދާޅުވީ، ނިމިދިޔަ އަހަރު އެ ކުންފުންޏަށް އޮޕަރޭޝަނަލް ޕްރޮފިޓްގެ ގޮތުގައި 355 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި ފާއިތުވި ދެ އަހަރު އެއްކޮށްލުމުން 700 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް ސްޓެލްކޯއަށް ލިބިފައިވާއިރު، އެއީ ދައުލަތުގެ އެންމެ ފައިދާހުރި ކުންފުނި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ކުންފުންޏަށް މިހާ ބޮޑު ފައިދާއެއް ލިބޭއިރު، ރައްޔިތުންނަށް އަގުހެޔޮކޮށް ޚިދުމަތް ފޯރުކޮށްދިނުމަށް ރެގިއުލޭޓަރީ އޮތޯރިޓީން ބާރުނާޅާކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
އަތޮޅުތެރޭގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން މެމްބަރު ފާހަގަކުރެއްވީ، ރަށްރަށުގައި ވިޔަފާރި ބޭނުންތަކަށް ނަގާ ކަރަންޓުގެ އަގު 60 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. މިކަން އެއްހަމަ ކުރުމަށް މަޖިލީހަށް ގަރާރެއް ހުށަހަޅައި، އެ ގަރާރު ބަލައިގަތްތާ އަހަރެއް ވީއިރުވެސް އަމަލީ ސިފައެއް އައިސްފައި ނުވާކަމަށް ޝަމްހީދު ވިދާޅުވިއެވެ. މީގެ އިތުރުން، ފެނުގެ ނިޒާމު އަގުބޮޑުވެ، އިންވެސްޓްމަންޓްތަކުގެ ބޭނުން ނުހިފި، ރައްޔިތުން އަދިވެސް ތަގައްޔަރުވެފައިވާ ވަޅުފެން ބޭނުންކުރަން ޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ހުޅުމާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ކުނި މެނޭޖުކުރުމުގެ މައްސަލައަށް އިޝާރާތް ކުރައްވައި ޝަމްހީދު ވިދާޅުވީ، ސަރުކާރުގެ ނިޒާމުތައް އޮތީ ބޮޑުތަނުން ފެއިލްވެފައި ކަމަށެވެ. ކޮވިޑް-19 ފަދަ އާލަމީ ވަބާއެއްގެ ތެރޭގައިވެސް ކުރީ ސަރުކާރުން ކަންކަން މެނޭޖުކުރި ނަމަވެސް، މި ސަރުކާރަށް ކުޑަމިނުން ކުނި މެނޭޖުނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. ”ހުޅުމާލޭގެ ރައްޔިތުން ތިބީ ކުނި ބޭރު ނުކުރެވި ކޮޓަރީގައި ކުނި ބަހައްޓައިގެން، މިއެއް ނޫންތޯ ނިޒާމެއް ފެއިލްވުމަކީ؟“ ޝަމްހީދު ސުވާލު އުފެއްދެވިއެވެ.
މެމްބަރު ޝަމްހީދު ވާހަކަ ނިންމަވާލެއްވީ، ގާނޫނުތައް ހަދަނީ ރައްޔިތުންނަށް ފައިދާ ހޯދައިދޭން ކަމަށްވީ ނަމަވެސް، ރެގިއުލޭޓަރީ އޮތޯރިޓީން ޒިންމާ އަދާނުކުރުމަކީ ހިތާމަހުރި ކަމެއް ކަމަށް ވިދާޅުވަމުންނެވެ. އަދި އިގްތިސާދެއް މެނޭޖުކުރަން ނޭނގުމަކީ ސަރުކާރާއި ކަމާބެހޭ މުއައްސަސާތައް ފެއިލްވުން ކަމުގައި އޭނާ ސިފަކުރެއްވިއެވެ.

