ރައްޔިތުންގެ މަޖިލީހަކީ އަދަބުވެރިކަމާއި ތަސައްރަފު ފުދިފައިވާ ބަޔަކު މަސައްކަތްކުރާ ތަނަކަށް ހަދަންޖެހޭ ކަމަށާއި، މަޖިލީހުގެ ތަޅުމަކީ ”ޖަނަވާރު ކޮށްޓަކަށް“ ހެދުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުގައި އިންނަވައި ސަލީމް މިހެން ވިދާޅުވީ، ވޭސްޓް މެނޭޖުމަންޓު ކޯޕަރޭޝަން (ވެމްކޯ) ގެ ތިލަފުށީ ސައިޓުގައި ރޯވެ އަނދައިގެންދިޔަ ކުނިތައް ހދ. ކުނބުރުދޫއަށް ގެންދިޔުމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ވައިކަރަދޫ ދާއިރާގެ މެމްބަރު ހަސަން ޒިޔާދު ހުށަހެޅުއްވި މި މައްސަލަ ބޭރުކޮށްލުމާއި ގުޅިގެން އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށް އިހުތިޖާޖު ކުރަން ފެށުމުންނެވެ.
ސަލީމް ވިދާޅުވީ، މަޖިލީހުގެ މެންބަރުންނަކީ އިހުލާސްތެރިކަމާއި، ތެދުވެރިކަމާއި އަދި ކެތްތެރިކަމާ އެކު މަސައްކަތް ކުރަންޖެހޭ ބައެއް ކަމަށެވެ.
”އިއްޒަތްތެރި މެންބަރުން އަޅުގަނޑުމެން އެބަ ވިސްނާލަން ޖެހޭ، އިއްޒަތްތެރި މަޖިލީހަކީ ވަރަށް އިހުލާސްތެރިކަމާ، ތެދުވެރިކަމާ ތަންކޮޅެއް ކެތްތެރިކަމާ އެކީގައި މަސައްކަތް ކުރަން ޖެހޭ މަޖިލީހެއް. މިހާރުވެސް ރައްޔިތުން އެބަ ބުނޭ މިއީ ބަކަރި ކޮށްޓެކޭ ޖަނަވާރު ކޮށްޓެކޭ، އެހެންމަ އެ ލެވެލްއަށް އަޅުގަނޑުމެން ނުދަމާ ހިނގާށޭ. ތަންކޮޅެއް ތަސައްރަފު ފުދޭ ބަޔަކަށް ވާން ހިނގާށޭ،“ ސަލީމް
ސަލީމް އިތުރަށް ވިދާޅުވީ، އޭނާ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ގަދަރާއި ހައިބަތު ގެއްލޭ ފަދަ އަމަލުތަކަށް އެއްވެސް ވަރަކަށް ޖާގަ ނުދެއްވާނެ ކަމަށެވެ. އަދި މަޖިލީހުގެ ތަޅުމަކީ ޖަނަވާރު ކޮށްޓަކަށް ވުމުގެ ފުރުސަތު އެއްވެސް މެންބަރަކަށް ނުދެއްވާނެ ކަމުގެ ޔަގީންކަންވެސް އޭނާ އެރުވިއެވެ. ސަލީމް މިހެން ވިދާޅުވެފައިވާއިރު އިއްޔެގެ މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ މެންބަރުންނަށް ވެސް މަޖިލީހަށް ބިލު ހުށަހެޅުއްވުމުގެ ބާރު އޮންނާނެކަމަށް ވިދާޅުވެފައިވާކަން ފާހަގަކުރެވެއެވެ.
ވައިކަރަދޫ ދާއިރާގެ މެމްބަރު ހަސަން ޒިޔާދު ހުށަހެޅުއްވި މި މައްސަލަ ބޭރުކޮށްލީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 34 މެމްބަރުންގެ ތެރެއިން 27 މެމްބަރުންގެ ވޯޓުންނެވެ. މި މައްސަލަ ކުރިއަށް ގެންދަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 7 މެމްބަރުންނެވެ.

