ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަވާހިލި މައްސަލައިގައި ސިޓީ ކައުންސިލްގެ ކަންބޮޑުވުން؛ މިއީ އައްޑުއަށް ދޭ ދެރައެއް!

އައްޑޫ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫގެ ތަރައްގީއަށް ހުރަސްނޭޅުމަށާއި، ކައުންސިލުގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ނެގި ”ސަވާހިލި“ އަނބުރާ ހަވާލުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ސަރުކާރަށް ގޮވާލައިފިއެވެ.

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިހްތިސާސުން އެ އަތޮޅު ސަވާހެލި ވަކިކުރައްވައި، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިހްތިސާސަށް ބަދަލުގެނައުމަށް ނިންމަވައި އެކަން ސަރުކާރުން އިއުލާނު ކުރީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ. އައްޑޫގެ އިހުތިސާސްގެ ތެރެއިން ސަވާހެލި ނެގިއިރު އެ ރަށުގައި ޓޫރިޒަމް ބޭނުމަށް ތަރައްގީ ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައި ވަނީ އިއުލާނުކޮށްފަ އެވެ.

ސަރުކާރުން ގެނައި މި ބަދަލާއެކު، ޗާޓުގައި ސަވާހިލި މިހާރު ހިމަނާފައި ވަނީ ރިސޯޓެއްގެ ގޮތުގައެވެ. އެހެންކަމުން އެ ރަށް ދެން އޮންނާނީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ބެލުމުގެ ދަށުގައެވެ.

މައްސަލައިގައި އައްޑޫ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، ސަރުކާރުން މި ފިޔަވަޅު އެޅީ ކައުންސިލުން އެތަން ތަރައްގީކުރަން އިއުލާންކޮށް، ބައެއް ކުންފުނިތަކުން ބިޑު ޑޮކިއުމަންޓުތައް ވެސް ގަނެފައި ވަނިކޮށް ކަމަށެވެ. އަދި މިފަދަ ބޮޑު ނިންމުމެއް ނިންމިއިރު ކައުންސިލާ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވުމަކީ ކަންބޮޑުވުމެއްކަމަށް ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވި ގޮތުގައި އެ ސަރަހައްދަކީ ރެކްރިއޭޝަނަލް ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި މި މަހުގެ 19 ވަނަ ދުވަހު ކައުންސިލުން އިއުލާންކޮށް، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ޑޮކިއުމަންޓް ވެސް ގަނެފައިވާ މަޝްރޫއެކެވެ. ނަމަވެސް ސަރުކާރުގެ މި ނިންމުމާއެކު ކައުންސިލުން ކުރިއަށްގެންދަން މަސައްކަތް ކުރި ޕްރޮޖެކްޓަށް ހުރަސްއެޅިފައިވާކަން ފާހަގަކުރެއްވި އެވެ.

އަޅުގަނޑުމެންނަށް ވެސް ލިބުނީ ހަމަ ސަޕްރައިޒެއް. ނިދަން އެނދަށް އަރާ އޮއްވާ ގެޒެޓު މިކުރަނީ ސަވާހިލިގެ އިހުތިސާސް ބަދަލުވެއްޖެ ކަމަށް. ދައުލަތުގެ މުއައްސަސާތަކުގެ ދެމެދުގައި ރަސްމީ މުއާމަލާތްތައް ހިނގަންވާނެ

ނިޒާރު ވިދާޅުވި ގޮތުގައި، މަޝްވަރާއެއް ނެތި ސަރުކާރުން ބިންތައް ނަގަމުންދާތީ އައްޑޫގެ ވިޔަފާރިވެރިންގެ ޝަކުވާތައް ދަނީ ލިބެމުންނެވެ. ވަކިވަކި ފަރުދުން އަމިއްލަ ރިސްކުގައި ކުރާ އިންވެސްޓްމަންޓްތަކަށް ޔަގީންކަމެއް ނެތުމަކީ އިގްތިސާދަށް އޮތް ގޮންޖެހުމެއްކަން ފާހަގަކުރައްވައި ނިޒާރު ވިދާޅުވީ މި ނިންމުމަކީ މަޖިލިސް ބައެއް މެމްބަރުންގެ ނުފޫޒުން ނިންމާފައިވާ ނިންމުމެއްކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ސަވާހިލި ސަރުކާރަށް ނެގުމުން އެތަން ތަރައްގީވާނެ ކަމުގެ އެއްވެސް އުންމީދެއް ނެތްކަމަށް ނިޒާރު ވިދާޅުވި އެވެ. އައްޑޫގެ ބިންތަކަކީ އައްޑޫ ރައްޔިތުންގެ މިލްކެއް ކަމަށާއި، މާލޭގައި ތިބޭ ބައެއްގެ ބެލުމުގެ ދަށަށް އެތަންތަން ގެންދިއުމަކީ ގަބޫލުކުރެވޭކަމެއް ނޫންކަމަށް ނިޒާރު ވިދާޅުވި އެވެ.

މައްސަލައިގައި ނިޒާރު ވާހަކަ ދެއްކެވިއިރު މިދިޔަ އަހަރުގެ އޭޕްރީލް މަހު ކައުންސިލުން އެ ސަރަހައްދު ޓޫރިޒަމަށް ތަރައްގީކުރަން އިއުލާނުވެސް ކުރި އެވެ. ނަމަވެސް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އޭރު އެންގީ، ގާނޫނަށް ގެނެވުނު ބަދަލުތަކުގެ ދަށުން މީހުން ނޫޅޭ ރަށްރަށާއި ސަރަޙައްދުތަކުގައި ޓޫރިޒަމްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

އެ މައްސަލައިގައި ކައުންސިލުން ކުރިން ކުރި އިޢުލާން ބާތިލުކުރުމަށްފަހު، އެ ސަރަހައްދުގައި ޓޫރިޒަމްގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދައަށް އެދި މި މަހުގެ ކުރީކޮޅު ރައީސުލްޖުމްހޫރިއްޔާ އަށް ސިޓީއަކުން ހުށަހެޅިކަމަށް ނިޒާރު މިއަދު ވިދާޅުވި އެވެ. އަދި ސިޓީއަށް އެއްވެސް ޖަވާބެއް ނުދެއްވައި އޮތުމަށްފަހު، ކުއްލިއަކަށް ފެނިގެންދިޔައީ އެތަން ކައުންސިލްގެ އިހުތިސާސުން ވަކިކުރި ތަންކަމަށް ނިޒާރު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: