މާލެ ތެރެއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ޓްރެވަލް ހިސްޓްރީއެއް ނެތް މީހެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ އެމީހާއަށް ކޮރޯނާވައިރަސް ޖެހިފައިވާކަން އެނގުނީ، މާލޭގައި ހުންނަ ފްލޫ ކްލިނިކަށް ދިއުމުން ކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން އެމީހާ ރާއްޖޭން ބޭރަށް ދަތުރު ކޮށްފައިވާކަން އެނގެން ނެތް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހާ ބަލިވެގެން ފްލޫ ކްލިނިކަށް ދައްކާފައިވަނީ އަންގާރަ ދުވަހުގެރޭގެ ވަގުތެއްގައި ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް 20 މީހަކު ޕޮޒިޓިވްވެފައިވާ އިރު މިއީ މާލޭން ތެރެއިން މި ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ މީހާ އެވެ. އަދި އެމީހާއާއި އެކު ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 21 އަށް އަރާފައެވެ.
އެޗްޕީއޭ އިން ބުނިގޮތުގައި، އެ މީހާ ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވުމާ ގުޅިގެން ރެޕިޑް ރެސްޕޮންސް ޓީމުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. އަދި އެ މީހާ ދިރިއުޅޭ ގެ ހިމެނޭ ސަރަހައްދު ބަންދުކޮށް، އެ މީހާ ދިރިއުޅޭ ގެ ކަރަންޓީންކޮށް، ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މިއީ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި ހަ ވަނަ ދިވެއްސެވެ. މީގެ ކުރިން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެއްސަކާއި، ފިލިޕީންސް އިން ރާއްޖެ އައި މީހެކެވެ.
މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖޭގައި ފަރުވާ ދެމުން ދަނީ ތިން ދިވެހިންނަށެވެ. އަދި ތިން ދިވެއްސަކު ބަލިން ރަނގަޅު ކުރެވިފައިވާއިރު ރާއްޖޭން އެ ރޯގާއަށް ޕޮޒިޓިވްވި ބިދޭސީން ވެސް މިހާރު ވަނީ ބަލިން ރަނގަޅު ވެފަ އެވެ
ކޮވިޑް-19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދެމުންދާ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރާ ކަމަށާއި، މިގޮތުން ކޮންމެހެން ބޭނުންވެއްޖެ ޙާލަތެއްގައި ނޫނީ ބޭރަށް ނުނިކުތުމާއި، އިޖުތިމާޢީ ގައިދުރުކަން ދެމެހެއްޓުމަށް އިތުރަށް ސާމާލުވުމަށް ވަނީ އެދިފައެވެ.

