ރާއްޖޭގައި ބޮޑެތި އިންވެސްޓްމަންޓްތައް ކުރާ ބިދޭސީންނަށް ހާއްސަކޮށްގެން ސަރުކާރުން ތައާރަފުކުރި ”ޕާލް ރެޒިޑެންސީ“ ވިސާ ޕްރޮގްރާމަކީ ގައުމީ ސަލާމަތަށާއި ދައުލަތުގެ މާލީ ސިޔާދަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ބުނެ، އެ މަސައްކަތް ވަގުތުން ހުއްޓާލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަހަޅައިފި އެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ހުށަހެޅުއްވި މި ގަރާރުގައި، މި މަޝްރޫއާ ގުޅޭ އެންމެހައި އެއްބަސްވުންތައް މަޖިލީހަށް ހުށަހަޅައި، އެކަމުގައި މެންބަރުން ދެކޭ ގޮތް ސާފުކުރުމަށް ވަނީ އެދިފަ އެވެ.
މި މަޝްރޫއަކީ ނިމިދިޔަ އަހަރުގެ ޖުލައި މަހު ސިންގަޕޫރުގައި ބޭއްވި ރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމްގެ ތެރެއިން، ”ހެންލީ އެންޑް ޕާޓްނާސް“ ކުންފުންޏާއެކު ސޮއިކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މިދިޔަ މާޗު މަހު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ، މި ވިސާ ތައާރަފުކުރުމަށްޓަކައި ބަންޑާރަނައިބާއެކު ގާނޫނީ މަސައްކަތްތައް ކުރަމުންދާކަން ހާމަކުރައްވާފައެވެ.
ޝަމްހީދު ހުށަހަޅުއްވި ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، މޯލްޑިވްސް ޕާލް ރެޒިޑެންސީ ޕްރޮގްރާމުގެ ނަމުގައި ބިދޭސީންނަށް ދާއިމީ ރެޒިޑެންސީ ދޫކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތަކީ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެއްގެ ބަދަލުގައި އިދާރީ ނިންމުމެއްގެ ދަށުން ކުރިއަށްގެންދާ ކަމެކެވެ.
ދައުލަތަށް އާމްދަނީއެއް ހޯދުމަށް އެއްވެސް ޓެކުހެއް ނުވަތަ އެ ނޫން ފީއެއް ނަގަންވާނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު، މި މަޝްރޫއުގެ މާލީ އަދި ގާނޫނީ މައުލޫމާތު މަޖިލީހާ ހިއްސާކޮށްފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އިމިގްރޭޝަން ގާނޫނުގެ ދަށުން 250,000 ޑޮލަރުގެ ފިކްސްޑް ޑިޕޮސިޓެއް ބަހައްޓައިގެން ކޯޕަރޭޓް ރެޒިޑެންސް ވިސާ ލިބޭނެ މަގު އޮތްއިރު، އައު ޕްރޮގްރާމުގެ ދަށުން ބޭރުގެ ޑިވެލޮޕަރުންގެ ޕްރޮޕަޓީ ގަތުމަށް ބާރުއެޅުމަކީ ސުވާލު އުފެދޭކަމެއްގެ ގޮތުގައި ގަރާރުގައިވެއެވެ. އަދި މި މަސައްކަތް ހަވާލުކުރި ހެންލީ އެންޑް ޕާޓްނާސްއަކީ މީގެ ކުރިން ބައިނަލްއަގުވާމީ ގޮތުން އެކި ގައުމުތަކުގައި ގާނޫނާ ހިލާފު މާލީ މުއާމަލާތްތަކުގެ ތުހުމަތު ކުރެވިފައިވާ ކުންފުންޏެއްކަމަށް ވަނީ ބުނެފަ އެވެ.
މި މަޝްރޫއުގެ ސަބަބުން ގައުމުގެ ސިޔާދަތީ ބާރުތަކަށް އުނިކަން އަތުވެދާނެކަމުގެ ބިރު އޮތުމާއެކު، އިންވެސްޓުމަންޓް މެދުވެރިކޮށް ރެޒިޑެންސް ދިނުމާ ގުޅޭ ފުރިހަމަ ގާނޫނެއް މަޖިލީހުން ފާސްކުރަންދެން މި ޕްރޮގްރާމް ވަގުތުން ހުއްޓާލުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ. އަދި ހެންލީ އެންޑް ޕާޓްނާސްއާއެކު ވެފައިވާ އެންމެހައި އެއްބަސްވުންތައް 14 ދުވަހުގެ ތެރޭގައި މަޖިލީހާ ހިއްސާކުރުމަށާއި، މިކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރާއި، ބަންޑާރަނައިބުގެ އިތުރުން ކަމާގުޅޭ މުއައްސަސާތަކުގެ ވެރިން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރުމަށް ވެސް ގަރާރުގައި ވަނީ އެދިފަ އެވެ.

