މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ދރ. މުހައްމަދު މުއިއްޒު ގައުމުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ހުންނަވައި ވާހަކަފުޅަކީ މިނިވަންކަމާ ގުޅޭ އިލްމީ ވާހަކަފުޅުތަކެއްގެ ބަދަލުގައި، ހަމައެކަނި އެމްޑީޕީއަށް އަމާޒުކުރެއްވި ”ޒުވާބެއް“ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީިން ބޭއްވި ހަރުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ސަރުކާރުގެ އެކި ދާއިރާތަކުން ފެއިލްވަމުންދާކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑެތި ފާޑުކިއުންތައް އަމާޒު ކުރައްވާފަ އެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ދެއްވި ތަގުރީރަށް އަމާޒުކޮށް ނަޝީދު ވިދާޅުވީ، ދައުލަތުގެ ނިޝާން ޖަހާފައިވާ ރަސްމީ ޕޯޑިއަމެއްގެ ދޮށުގައި، ސިފައިންނާއި ފުލުހުންގެ އިސްވެރިންނާއި ދައުލަތުގެ އިއްޒަތްތެރިންގެ ކުރިމަތީގައި ހުންނަވައި، ގައުމުގެ އެންމެ މަތީ ވެރިޔާ ދެއްކެވި ވާހަކަފުޅަކީ މިނިވަންކަމާ ގުޅޭ އިލްމީ ވާހަކަފުޅުތަކެއްގެ ބަދަލުގައި، ހަމައެކަނި އެމްޑީޕީއަށް އަމާޒުކުރެއްވި ”ޒުވާބެއް“ ކަމަށެވެ. ވެރިކަމަށް ވަޑައިގެން ހަނީމޫން ދުވަސްތައް ނިމި، ދައުރުގެ ބޮޑުބައި ފާއިތުވަމުންދާއިރު ވެސް، ހުރިހާ ނާކާމިޔާބީއެއް ”ކުރީ ސަރުކާރުގެ“ ބޮލުގައި އެޅުވުމަކީ ރައްޔިތުންގެ މެދުގައި ހަޖޫޖެހުމަކަށް ވެފައިވާ ކަމެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.
ރައީސް ނަޝީދު ވަނީ ސަރުކާރުން އިސްލާމީ އަދި އެކުވެރި ގައުމުތަކާ މެދު ގެންގުޅޭ ނޭދެވޭ ސިޔާސަތުތަކަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، އެމެރިކާގެ ހާއްސަ މަންދޫބަކު ރާއްޖޭގައި ހުންނަވަނިކޮށް، އެ ބޭފުޅާއާ ބައްދަލުކުރެއްވުމަށް އޮތް ވަގުތު ކެންސަލްކުރައްވައި، ރައީސް އޮފީހުގެ ޕޯޑިއަމަށް ނުކުމެވަޑައިގެން އެކުވެރި އިސްލާމީ ޤައުމުތަކަށް އަމާޒުކޮށް ”ބޮން އަޅަން“ ގޮވައިލުމަކީ ދިވެހިރާއްޖެއަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެކެވެ.
ވަކިން ހާއްސަކޮށް، ރާއްޖޭގެ ތަރައްގީގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ސައުދީ އަރަބިއްޔާއާއި، ގަތަރާއި، ޔޫއޭއީ ފަދަ ގަލްފުގެ ޤައުމުތަކާ މެދު މިފަދަ ގޮތަކަށް ވާހަކަދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ބޭންކުތަކާއި، ސަރުކާރު ކުންފުނިތަކާއި، އަދި ޕެންޝަން ފަނޑުންވެސް ޑޮލަރު ހުސްވެފައިވާ ކަމަށެވެ. ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 23 ރުފިޔާއަށް އުފުލިފައި ވަނީ ސަރުކާރަށް އެއްވެސް ހިލޭ އެހީއެއް ނުވަތަ ލޯނެއް ހޯދައި، ދަރަނި ރީސްޓްރަކްޗަރ ކުރަން ނޭނގުމުގެ ސަބަބުންކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ. މިކަމުގެ ސަބަބުން ބާޒާރުގައި ތަކެތީގެ އަގު އަތްނުފޯރާ ފަށަށް އުފުލިފައިވާކަން ސަރުކާރުން ގަބޫލު ކުރުމަށް ބޭނުން ނުވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުން 500 އަށްވުރެ ގިނަ މަޝްރޫއު ނިންމާފައިވާ ކަމަށް ބުނި ނަމަވެސް، އެމަނިކުފާނު ދާދިފަހުން ރާއްޖޭގެ 102 ރަށަކަށް ކުރެއްވި ދަތުރުފުޅުގައި ފެނިވަޑައިގަތީ ހުރިހާ މަޝްރޫއެއް ހުއްޓިފައިވާ މަންޒަރު ކަމަށެވެ. ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ މަސައްކަތްތަކަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށާއި، އައްޑޫ ސިޓީ ފޭދޫގައި ހިންގާ އަމިއްލަ މަޝްރޫއުތަކަށާއި، އައްޑޫގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ރަށްތައް ނަގައި، އަތޮޅުގެ ރައްޔިތުންނަށް އޮތް ފުރުސަތުތައް ބަންދުކުރަމުންދާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ބަނދަރުތަކުގެ ހާލަތު އިންތިހާއަށް ގޯސްވެ، މުދާ ނުބޭލިގެން ކޮންޓެއިނަރުތައް އަނބުރާ ކޮޅުނބަށާއި ސިންގަޕޫރަށް ފޮނުވަން ޖެހުމުން، އޭގެ ޑެމަރޭޖާއި ފްރައިޓް ހަރަދުތައް އުފުލި، އެންމެ ފަހުން އެ ހުރިހާ ބުރައެއް އުފުލަން ޖެހެނީ އާންމު ރައްޔިތުން ކަމަށެވެ. އަދި މިފަދަ ބޮޑެތި މައްސަލަތަކުން އަރައިގަންނާނެ އެއްވެސް ތަސައްވުރެއް ނުވަތަ ސިޔާސަތެއް މި ސަރުކާރުގެ ނެތްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

