މާލެ، 24 ގަޑިއިރަށް ލޮކްޑައުންކޮށްފި އެވެ. ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި އަމުރުގައި ވަނީ، ކުރިއަށް އޮތް 24 ގަޑިއިރަށް މާލޭގައި މީހުން ބޭރަށް ނުކުމެ އުޅުމާއި ދަތުރުފަތުރު ކުރުން މަނާވާނެ ކަމަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މާލޭގެ އިތުރުން ހުޅުމާލެ އާއި ވިލިމާލޭގެ އިތުރުން ތިލަފުއްޓާއި ގުޅީފަޅު ވެސް ވަކި ގޮތެއް އަންގަން ބަންދުކޮށްފައިވާ ކަމަށް މައިމޫނާ ނެރުއްވި އަމުރުގައިވެއެވެ.
މި ފިޔަވަޅު އެޗްޕީއޭއިން އެޅީ މާލޭގައި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ އެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ދިވެހި އަންހެނެކެވެ. އޭނާ މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންގޮސްފަ އެވެ.
މި ސަރަހައްދުތަކުގައި މިވަގުތުތަކުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާއްމު ތަންތަނަށް ނުކުތުން ވެސް މަނަލެވެ. މީގެއިތުރުން މާލެ އާއި ހުޅުމާލޭގެ ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ވަނީ ހުއްޓާލަން އަންގައިފަ އެވެ.
މާލޭ އާއި މި ސަރަހައްދުގެ ތަންތަނަށް މީހުން އަރައި ފޭބުން ވެސް ވަނީ މަނާކޮށް، މިފަދަ ފިޔަވަޅެއް އެޗްޕީއޭއިން އެޅީ މާލޭގައި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވުމުންނެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ދިވެހި އަންހެނެކެވެ. އޭނާ މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންގޮސްފަ އެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން މި ފިޔަވަޅުތަކުން އިސްތިސްނާ ވާނީ އިއުލާންގައިވާ ގޮތުން ސިފައިންނާއި ފުލުހުންނާއި ސިއްހީ ހިދުމަތްތެރިންނާއި ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތަކާއި މީޑިއާތަކެވެ.
މި ހާލަތުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ޒަރޫރީ ބޭނުންތަކަށް މަގުފަހިކޮށްދިނުމުގެ ކަންކަން ހަމަޖައްސާނީ ފުލުހުން ކަމަށް ވެސް ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނެރުއްވި އިއުލާނުގައިވެ އެވެ.
ރާއްޖޭން ކޮވިޑް-19 ފެނުމާއެކު މުޅި ރާއްޖެއަށް ޔެލޯ އެލާޓް ނެރުނެވެ. މުޅި ރާއްޖެއަށް ޔެލޯ އެލާޓް ކަނޑައަޅި ނަމަވެސް، އެ ވައިރަސް އެންމެ ފުރަތަމަ ފެނުނު ކުރެއްދޫ އައިލަންޑް ރިސޯޓަށް ސަރުކާރުން ކަނޑައެޅީ އޮރެންޖު އެލާޓެވެ. ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ފެނިއްޖެނަމަ އާންމުކޮށް އަމަލު ކުރާ އުސޫލުގެ ތެރެއިން އެރަށެއް ނުނީ އެތަނެއް ލޮކް ޑައުންގެ ޙާލަތަކަށް ގެނެއެވެ.
ކޮވިޑަށް ޕޮޒިޓިވް މީހަކު މާލެއިން ފެނުނުއިރު، މުޖުތަމައުގެ ތެރެއިން މި ބައްޔަށް ޕޮޒިޓިވް އެންމެ މީހަކު ފެންނަ ހިސާބުން ވެސް މުޅި ރާއްޖޭގައި 98،500 މީހުނަށް ބަލި ޖެހިދާނެ ކަމަށް ލަފާކުރެވޭ ކަމަށް ޕްރޮޓެކްޝަން އޭޖެންސީ (އެޗުޕީއޭ) އިން ވަނީ ބުނެފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި އިނގިރޭސިވިލާތުގެ އިމްޕީރިއަލް ކޮލެޖުން ތައްޔާރުކޮށްފައިވާ މޮޑެލް ބޭނުންކޮށްގެން، ރާއްޖޭގައި ބަލި ފެތުރިދާނެ ކަމަށް ބެލެވޭ ހިސާބުތަކާއި ގުޅޭގޮތުން ހެދިފައިވާ ދިރާސާ އާ ހަވާލާދީ އެޗްޕީއޭ އިން ބުނެފައިވަނީ މާލެ ސަރަހައްދުން ޕޮޒިޓިވް ކޭސްއެއް ފެނިއްޖެ ނަމަ، ގާތްގަނޑަކަށް 46،000 މީހުންނަށް ބަލި ފެތުރިދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި އަންދާޒާ އިން ދައްކަނީ، މުޖުތަމައުގެ ތެރޭގައި އުޅޭ މީހަކަށް ބަލި ޖެހޭތާ 45 ވަނަ ދުވަހު އެކަނި ވެސް ގާތްގަނޑަކަށް 5،000 މީހުން އަލަށް މި ބައްޔަށް ޕޮޒިޓިވް ވާނެ ކަމަށެވެ. މި މައުލޫމާތު އާއްމުކުރީ، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ހުރި މީހަކު ނޭނގި މުޖުތަމައުގެ ތެރޭގައި ހުރެއްޖެ ނަމަ ރާއްޖޭގައި ބަލި ފެތުރިގެން ހިނގައިދާނެ މިންވަރުގެ މައްޗަށް ކަމާ ބެހޭ އިދާރާތަކުން ލަފާކޮށްފައިވާ ހިސާބުތަކަށް ބަލަ އެވެ.

