މާލެ އަތޮޅު ކާށިދޫއަށް ލޮކް ޑައުންއަކަށް ގެންގޮސް، އެރަށަށް އަރާ ފޭބުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާ ކޮށްފި އެވެ.
އެޗްޕީއޭއިން ބުނީ، ކާށިދޫ ކަރަންޓީނަށް ގެނައިސްފައިވަނީ، ކޮވިޑް-19 އާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. ނަމަވެސް ކާށިދޫ ކަރަންޓީނަށް ގެނައި ސަބަބެއް އެޗްޕީއޭ އިން ހާމަކޮށްފައެއް ނުވެއެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން އެ ރަށުން މީހުން ފޭބުމާއި ހުއްދައަކާ ނުލައި އެ ރަށަށް އެރުމަކީ ވެސް މަނާ ކަމެއް ކަމަށެވެ.
އެޗްޕީއޭ އިން އެރަށް ކަރަންޓީން ކޮށްފައި ވަނީ މާލެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ އާއި ގާތް ގުޅުމެއް އޮތް މީހަކު އކާށިދުއަށް ދަތުރު ކޮށްފައި ވާތީކަމަށް މައުލޫމާތު ލިބިއެވެ.
ކާށިދޫ ލޮކްޑައުން ކުރުމުން އެ ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެޗްޕީއޭގެ ހުއްދަނެތި އެއްވެސް މީހަކު އެ ރަށަށް އެރުން މަނާވާނެއެވެ.
ކަރަންޓީނުކުރުމާ ގުޅިގެން އެޗްޕީއޭ އިން އަންގާ ގޮތެއްގެމަތިން، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަންގާ އެންގުންތަކާއި އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދެއްވާ އަދި މިކަމުގައި ތިޔަ ރަށުގެ ކައުންސިލްގެ އިދާރާގެ ފަރާތުން ކުރަންޖެހޭ ކަންކަން ވިލަރެސް ކުރާނެ ފަރާތެއް ކަނޑައަޅުއްވައި އަންގަވައި ދެއްވުމަށް ވެސް އެޗްޕީއޭ އިން ވަނީ ކާށިދޫ ކައުންސިލްގައި އެދިފައެވެ.
މާލޭއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ، އަންގާރަ ދުވަހު މާލޭގައި ހުންނަ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެހި އަންހެނެކެވެ. މިއީ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި ހަ ވަނަ ދިވެއްސެވެ. އަދި މާލެ ތެރެއިން ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ މީހާ އެވެ.
ރާއްޖޭން ކޮވިޑް-19 ފެނުމާއެކު މުޅި ރާއްޖެއަށް ޔެލޯ އެލާޓް ނެރުނެވެ. މުޅި ރާއްޖެއަށް ޔެލޯ އެލާޓް ކަނޑައަޅި ނަމަވެސް، އެ ވައިރަސް އެންމެ ފުރަތަމަ ފެނުނު ކުރެއްދޫ އައިލަންޑް ރިސޯޓަށް ސަރުކާރުން ވަނީ އޮރެންޖު އެލާޓް ކަނޑައަޅައިފަ އެވެ.
ޔެލޯ އެލާޓް އަކީ ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ސިއްޙައްތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާ ހަތަރު މިންގަނޑުގެ ތެރެއިން އެއް މިންގަނޑެވެ. ޔެލޯ އެލާޓް ފިޔަވައި ދެން އަންނަ ހާލަތްތަކަކީ އޮރެންޖް އެލާޓް، އަދި ރެޑް އެލާޓް އެވެ.ވައިޓް އެލާޓަކީ އެންމެ ފުރަތަމަ މަރުޙަލާގައި އޮންނަ ހާލަތެވެ.
ޔެލޯ އެލާޓް ކަނޑައަޅަނީ ގައުމުން ބޭރުން އައި ފަރާތެއްގެ ހަށިގަނޑުން އެ ވައިރަސްފެނުނު ނަމަވެސް، ގައިން ގަޔަށް އެ ބަލި ދަތުރުކޮށް އިތުރު ބަޔަކަށް އެ ވައިރަސް ޖެހިފައިނުވާ ހާލަތަކެވެ. އޮރެންޖު އެލާޓަކީ ރޯގާ އުޅޭ ސަރަހައްދަކަށް ދަތުރު ކޮށްގެން، ރޯގާ ޖެހޭ މީހެއްގެ ފަރާތުން އެހެން ބައެއްގެ ގަޔަށް ރޯގާ އަރާ ހިސާބެވެ. ނުވަތަ ގައުމުން ބޭރުން އައި ފަރާތަކުން އެ ވައިރަސްޖެހި، ސީދާ އެ މީހާގެ ފަރާތުން އިތުރު ބަޔަކަށް އެ ވައިރަސް ޖެހިފައިވާ ހާލަތު ބަޔާންކުރާ ދަރަޖަ އެވެ. ކުރެއްދޫގައި ދިމާވީ އެދަރަޖައެވެ.
މުޅި ރާއްޖެއަށް ”ޔެލޯ އެލާޓް“ ނެރިފައި، ހަމައެކަނި ކުރެއްދުއަށް ”އޮރެންޖް އެލާޓް“ ނެރުމަށް ސަރުކާރުން ނިންމިފަހުން އަދި މިހާތަނަށް ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް އެއްވެސް އެލާޓެއް ނެރިފައެއް ނުވެއެވެ.

