ގައުމީ އެއާލައިން، މޯލްޑިވިއަން އިން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ އެތެރޭގެ އުދުހުންތައް ހުއްޓާލައިފި އެވެ.
ކޮރޯނާ ވައިރަސްގެ ކޭސްއެއް ވެރިރަށް މާލެއިން ފެނިފައިވާއިރު، އެ ކޭސްއާއި ގުޅިގެން މާލެ ސިޓީ ވަނީ ލޮކްޑައުން ހާލަތަކަށް ގެނެސްފައެވެ. މޯލްޑިވިއަން އިން ދަތުރުތައް މެދުކަނޑާލީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ވަގިގޮތެއް އަންގަންދެން ނެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ގޮތުން، ކަރަންޓީންގެ މުއްދަތުތައް ހަމަކުރަންޖެހޭ ގިނަ ރިސޯޓުތަކުން ވަނީ އުސޫލާއި އެއްގޮތަށް 14 ދުވަސް ފުރިހަމަކޮށްފައެވެ. އެގޮތުން ގިނަ ރިސޯޓްތަކެއްގައި މަސައްކަތް ކުރަމުންދާ މުވައްޒިފުންނަށް ޗުއްޓީ ދިނުމާއި ގުޅިގެން އެތެރޭގެ އުދުހުންތަކަށް މި ހަފްތާގެ ތެރޭގައި ވަރަށް ބޮޑަށް ވަނީ ބާރުބޮޑުވެފައެވެ. އަދި ދަތުރުތައް މެދު ކަނޑާލިއިރު، މީގެ ކުރިން ޝެޑިއުލް ކުރަމުން އައި އަދަދަށް ވުރެ އިތުރު ފްލައިޓުތަކެއް ވެސް ވަނީ ޝެޑިއުލްކޮށްފައެވެ.
https://twitter.com/MaldivianAero/status/1250404953346039808
ކޮވިޑް ބަލީގެ އަސަރު ފެނުމާއި ގުޅިގެން، މާލެ އަދި ލޮކްޑައުން ކުރީ 24 ގަޑިއިރަށެވެ. ބަލި ޖެހިފައި ހުރި އެ އަންހެން މީހާގެ އެއްވެސް ޓެރެެވެލް ހިސްޓްރީއެއް ނެތެވެ. އޭނާ މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންގޮސްފަ އެވެ. އޭނާ ދިރިއުޅޭ ގޭގެ ސަރަހައްދު ވެސް ވަނީ ބަންދުކޮށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވަނީ ފަށާފައެވެ.
އެޗްޕީއޭއިން ނެރުނު އިއުލާނުގައި ބުނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުމާއި މަގު މައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުން މަނާވާނެ ކަމަށެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓް ވެސް ހުއްޓާލަން ވަނީ އަންގާފަ އެވެ. ކުރިއަށް އޮތް 24 ގަޑިއިރަށް މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅަށް މީހުން އަރާ ފޭބުން ވަނީ މަނާކޮށްފައިވާ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

