ދުނިޔޭގައި މިހާރު ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުން ސަލާމަތްވެވެން މިވަގުތު ހަމައެކަނި އޮތް ގޮތަކީ ގޭގައި ތިބުން ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ކޮރޯނާ ވައިރަހަށް މީހަކު މާލެއިން ޕޮްޒިޓިވް ވުމާއި ގުޅިގެން ކޮރޯނާ ވައިރަހުގެ ނުރައްކާ އިތުރަށް ބޮޑުވެފައިވާ މިދަނޑިވަޅުގައި މިއަދު ހަވީރު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަމީން ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވާން ދުރާލައި ގިނަ ޕްލޭންތަކަކާއި މަސައްކަތްތަކަކާ އެކު ކަންކަން ތަރުތީބު ކުރަމުން އައިސް، މާލެ ތެރެއިން މީހަކު އެ ބައްޔަށް ޕޮޒިޓިވްވެ އެންމެ ބިރުވެރި ހާލަތުގެ އިންޒާރު ލިބިފައިވާ މި ދަނޑިވަޅުގައި ވެސް އޮތް އެންމެ ރަނގަޅު ފަރުވާ އަކީ ކަމާބެހޭ އިދާރާތަކުގެ އިރުޝާދަށް އަމަލުކޮށް ގޭގައި މަޑުކުރުން ކަމަށެވެ. އަދި މިވަގުތު ކޮރޯނާ ވައިރަހަށް އޮތް ފަރުވާއަކީ ގޭގައި ތިބުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މާލެއިން ބައްޔަށް މީހަކު ޕޮޒިޓިވްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާ އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން އަޅަން ފަށާފައިވާ ކަމަށެވެ.
މީގެއިތުރުން މިހާރު ކުރިމަތިވެފައިވާ ހާލަތުގައި ވެސް އެކަކު އަނެކެއްގެ ކިބައިގައި ބަހައްޓަން ޖެހޭ ދުރުމިން ނުބަހައްޓައި ހާސްވެ، ކޮންމެހެން ކުރަން ނުޖެހޭ ކަންކަން ކުރުމާއި ފިހާރަތަކަށް އެއްވެ އެންމެން އެއްފަހަރާ ވިޔަފާރިކުރުން ފަދަ ކަންކަން ނުކުރަން މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ އާއްމުންގެ ތެރެއަށް ފެތުރުމާއެކު މި ދަނޑިވަޅަކީ ކުރިން ކުރަމުން އައި މަސައްކަތްތައް އެތައް ގުނައަކަށް އިތުރުކުރަން ޖެހިފައިވާ ދަނޑިވަޅު ކަމަށެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި ސިއްހީ ހިދުމަތްތެރިންގެ އެހީ ބޭނުންވާ ވަގުތު ޖެހިފައިވާ ކަން ފާހަގަކުރައްވައި، ގޮވާލާ ވަގުތަކަށް ތައްޔާރުވެ ތިބުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.
މާލެ ކަހަލަ ބޮޑު އާބާދީއެއް އޮތް ރަށެއްގައި މި ފަދަ ބައްޔެއް ފެތުރެން ފަށައިފިނަމަ އެއީ ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ބަލައިގެން ކަންކަން އިންތިޒާމް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ. މިނިސްޓަރ އަމީން ވަނީ ކުރިމަތިވެދާނެ ހާލަތަކަށް އެހީތެރިވުމަށް ހުރިހާ ސިއްހީ އެހީތެރިން ވެސް ތައްޔާރީ ހާލަތުގައި ތިއްބެވުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.
މާލެއިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އޭނާއާ ޑައިރެކްޓް ކޮންޓެކްޓެއްވި ހުރިހާ މީހުން މިހާރު ވަނީ ދެނެގަނެފަ އެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ދިވެހި އަންހެނެކެވެ. އޭނާ މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންގޮސްފަ އެވެ. އޭނާ ދިރިއުޅޭ ގޭގެ ސަރަހައްދު ވެސް ވަނީ ބަންދުކޮށްފަ އެވެ.

